ދިއްދޫ ދާއިރާގެ ނަމުގައި ވަކި އިދާރީ ދާއިރާއެއް ކަނޑައެޅުނީ ސީދާ ރައީސްގެ މަސައްކަތްޕުޅުން ކަމުގައި އެދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ހއ. ދިއްދޫ އިން އިބްރާހީމް ރާމިޒް

dsc_09171

ދިއްދޫ ދާއިރާގެ ނަމުގައި އިދާރީ ވަކި ދާއިރާއެއް ކަނޑައެޅުނީ ސީދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ މަސައްކަތްޕުޅުން ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވިދާޅު ވެއްޖެއެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ދިއްދޫގެ 9 ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ރޭ މިރަށު ބަނދަރު ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ އިދާރީ ދާއިރާތައް ބަހާފައިވަނީ 76 ދާއިރާ އަކަށް ނަމަވެސް ދިއްދޫ ދާއިރާއެއް އުފަންވެ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ގޮތުގައި 77 ދާއިރާ ކަނޑައެޅިފައި މިވަނީ ސީދާ ރައީސް ނަޝީދުގެ މަސައްކަތްޕުޅާއި، އެމަނިކުފާނު ދެއްވި ހިއްވަރުގެ ސަބަބުން ކަމަށާއި، އެމަސައްކަތުގައި މިހާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ސަމީރު ދެއްކެވި ވާހަކަފުޅުގައި ދިގުދެމިގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ، އެ ސިޔާސަތުތައް ތަންފީޒްކުރައްވާނޭ ކަމުގެ ޔަޤީންކަން އޮތް ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓޫދީގެން ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދަތިކުރުމަށް ކުރަމުންދާ ކަންތައްތަކަށް އަލިއަޅުއްވާ ލައްވަމުން ސަމީރު ވިދާޅުވީ ” ބަޖެޓް ފާސްކުރުން ލަސްކުރުމަކީ ރައްޔިތުންގެ ކަރުގައި ވާ ގަނޑެއްޖަހާ އުފުރާލުން” ކަހަލަ ކަމެއް ކަމުގައެވެ.
ރޭގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޙަސަން އަފީފް އާއި، އެމްޑީޕި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާއާއި، މަޑަވެލި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމް، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އިހަވަންދު ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، މިރަށުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ 2 ކެންޑިޑޭޓަކުވެސް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ.
ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ މަޖިލީހުން ފެންނަމުންދާ ހިތިތަޖުރިބާއަށް ބެއްލެވުމަށްފަހު، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ޤަބުލުކުރާ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމަށް ގޮވާލާފައެވެ.،