ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ ހަރުގޭގައި ފޯމު ފުރައިދިނުމުގެ މަސައްކަތް ފޯރިޔާއެކު ކުރިޔަށް

19 ޑިސެމްބަރ 2010

ޢަބްދުﷲ ޖުނައިދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ ހަރުގޭގައި ފޯމު ފުރައިދިނުމުގެ މަސައްކަތް ފޯރިޔާއެކު ކުރިޔަށް އެބަދެއެވެ.
މި ގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ފޯމުފުރާފައިވާ ކަމަށާއި، މި ހަރަކާތްފެށި ދުވަސްކަމަށްވާ ބުރާސްފަތި ދުވަހު އެކަނިވެސް 100 އަށްވުރެ ގިނަ މީހުން ފޯމު ފުރާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށްޓަކައި ދުރާލާ ހުރިހާ އެންމެނަށްވެސް ވޯޓުގައި ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުން ކުރިޔަށްގެންދާ މިއިވެންޓްގައި އެމީހެއްގެ އައިޑީކާޑު ހިފައިގެން އެމްޑީޕީ ހަރުގެއަށް ދިޔުމުން ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމު ފުރައިދޭނެ އެވެ. އަދި އެއަތޮޅެއްގެ އަތޮޅު ކޯޑިނޭޓަރާއި ބައްދަލުވެ ދާއިރާތަކުގެ މަޢުލޫމާތާއި އެނޫންވެސް އިންތިޚާބާއި ބެހޭ ތަފާތު ވަރަށް ގިނަ މަޢުލޫމާތުތައް ލިބޭނޭ މަގުފަހިކޮށްދޭނެ އެވެ.
ހަރުގޭގައި ފޯމު ފުރުން އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4 ކުން ރޭގަނޑު 10 ޖެހުމާއި ހަމައަށް ކަމަށާއި، މިއީ ވަކި ޕާޓީއެއްގެ ބަޔަކަށް ޚާއްސަކޮށްގެން ހިންގާ ހަރަކާތެއް ނޫން ކަމަށާއި، ކޮންމެ ޕާޓީ އެއްގެ ކޮންމެ މީހަކަށް ވެސް ހަރުގެއިން ފޯމުފުރައިދިނުމުގެ ޚިދުމަޔްދޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.