މެކްސިކޯގެ ކަންކުންގައި ނިމިގެންދިއަ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގެ ނިންމުންތައް ނުވަތަ “ކަންކުން އެގްރީމެންޓްސް”އަށް ރާއްޖޭގެ ތާޢީދު އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވެފައިވަނީ، މެކްސިކޯގެ ރައީސް ފިލިޕޭ ކެލްޑްރޯންއަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، “ކަންކުން އެގްރީމެންޓްސް”އަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރާކަމަށާއި، ކަންކުންގައި ވެވުނު އެއްބަސްވުންތަކަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެކުލަވާލެވޭ ޤާނޫނީ ބާރުލިބިގެންވާ އާ މުޢާހަދާއެއްގެ ބިންގާކަމުގައި ވެގެންދާނެ އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
“ކަންކުން އެގްރީމެންޓްސް” މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، މިދިޔަ އަހަރު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުން ފާސްކުރި “ކޯޕަންހޭގަން އެކޯޑް”ގެ ކާމިޔާބީގެ މައްޗަށެވެ.
ކޯޕަންހޭގަން އެކޯޑްގައި ހިމެނިފައިވާ މުހިންމު ނުކުތާތައް، ކަންކުންގައި އެއްބަސްވެވުނު “ކަންކުން އެގްރީމެންޓްސް”ގައި ހިމެނިފައިވެއެވެ. މީގެތެރޭގައި ޖައްވަށް ދޫކުރާ ކާރބަންގެ ނިސްބަތް މަދުކުރުމަށް ހުރިހާ ޤައުމަކުންވެސް އެއްބަސްވުމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކާރބަން މަދުކޮށް ތަރައްޤީ ޙާޞިލް ކުރުމަށް ކުރާ މަސައްކަތަކަށް އެހީތެރިވުމަށް ފަންޑެއް ޤާއިމް ކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ކަންކުންގައި ބޭއްވުނު މޫސުމާބެހޭ ބައްދަލުވުމުގައި، ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކު، މުހިންމު އެއްބަސްވުންތަކެއް ނުވަތަ “ކަންކުން އެގްރީމެންޓްސް” އެކުލަވާލުމުގައި މެކްސިކޯ ސަރުކާރުން ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވައި، މެކްސިކޯގެ ރައީސް ކެލްޑްރޯންއަށް މަރުޙަބާ ވިދާޅުވެފައިވެއެވެ.
އަދި ކަންކުންގައި ބެއްވުނު ކޮޕް16، މޫސުމާބެހޭ ވާހަކަތަކުގެ ސަބަބުން، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންގް (ޔޫ.އެން.އެފް.ސީ.ސީ.ސީ.)އަށް ދުނިޔެއިން ކުރާ އިތުބާރު އަލުން ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކޮޕް16 ސަމިޓްގެ ރައީސްގެ ހައިސިއްޔަތުން، މެކްސިކޯގެ ޚާރިޖީ ވަޒީރު ޕެޓްރީޝިއާ އެސްޕިނޯސާ ކެންޓެޔާނޯ އަދާކުރެއްވި ދައުރަށާއި، މި ބައްދަލުވުމުގެ މަޝްވަރާތައް ހާމަކަންބޮޑު ގޮތެއްގައި ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރެއްވުމަށް މެކްސިކޯ ސަރުކާރުން ކުރައްވާފައިވާ އިންތިޒާމްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުމާ އެއްގޮތަށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހުރިހާ ޤައުމެއްގެވެސް ދައުރު އޮތްކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކާރބަން މަދުކޮށް ތަރައްޤީ ޙާޞިލް ކުރުމަށް މަސައްކަތް ކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ތަރައްޤީވެފައިވާ ޤައުމުތަކުން މާލީއެހީތެރިކަން ފޯރުވައިދޭންޖެހޭނެކަން “ކަންކުން އެގްރީމެންޓްސް”ގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
އަދި، “ކަންކުން އެގްރީމެންޓްސް”އަކީ، މިފަދަ ކުރިއެރުމަށް މަގުފަހިވާ އަދި އެކުގައި މަސައްކަތް ކުރުމުގެ ރޫޙުގެ މައްޗަށް ނިންމިފައިވާ ނިންމުން ތަކެއްކަމަށް ވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، މެކްސިކޯގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.