ދުނިޔޭގެ އެންމެ ރީތި ވެރިންގެ ލިސްޓްގެ ގަދަ ދިހައެއްގައި ރައީސް ނަޝީދު

14 ޑިސެމްބަރ، 2010

އިބްރާހީމް ރާމިޒް

president_nasheed1

ހޮޓެސްޓް ހެޑްސް އޮފް ސްޓޭޓް ވެބްސައިޓުން ހޮވިގައުމުތަކުގެ ވެރިންގެ ތެރެއިން އެންމެ ރީތި ވެރިންގެ މިލިސްޓުގެ ގަދަ ދިހައެއްގައި ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ޙާސިލްކުރައްވާފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހިމަނައިފިއެވެ.

އެސައިޓުން ތައްޔާރު ކޮށްފައިވާ އެންމެ ރީތި 217 ވެރިންގެ ލިސްޓުގައި ދުނިޔޭގެ އެންމެ ރީތި ވެރިޔަކަށް ހޮވާފައި ވަނީ ކެނެޑާގެ ގަވަރުނަރު މިޝެލް ޖޯންއެވެ. ދެވަނަ އަށް ހޮވިފައިވަނީ ނޯވޭގެ ބޮޑުވަޒީރު ޔެންސް ސްޓޮލްޓެންބަގްއެވެ. ތިން ވަނައަށް ހޮވިފައިވަނީ ބޫޓާންގެ ޒުވާން ރަސްގެފާނު ޖިމްޔޭ ޚޭސަރް ނަމްގިޔާލް ވަންޗުކްއެވެ.
މިލިސްޓުގެ 10 ވަނައަށް އެންމެރީތި ރައީސަކަށް ރާއްޖޭގެ ރައީސް ނަޝީދު ހޮވިވަޑައިގެންފައިވާއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހޮވިފައިވަނީ ރައީސް ނަޝީދަށްވުރެ 3 ދަރަޖަ ފަހަތުން 13 ވަނައަށެވެ. މިދިޔަ އަހަރުގެ ލިސްޓުގެ 14 ވަނައިގައި ރައީސް ނަޝީދު ހިމެނިވަޑައިގެންފައިވާއިރު، ރައީސް ނަޝީދުގެ ފަހަތްޕުޅުން 15 ވަނައަށް ހޮވިވަޑައިގެންފައިވަނީ އޮބާމާއެވެ. މި ލިސްޓުގެ އެންމެ ފުލުގައި ހިމެނިފައިވަނީ ލީބިޔާގެ ލީޑަރު މުއައްމަރު އަލްގައްޒާފީއެވެ.

ހޮޓެސްޓް ހެޑްސް އޮފް ސްޓޭޓް ވެބްސައިޓުން ބުނެފައިވާ ގޮތުގައި މިއީ ސައިންޓިފިކް ހަމަތަކުގެ މަތިން، މިނިވަންކަމާއެކު ހޮވާފައިވާ ލިސްޓެކެވެ. ނަމަވެސް މިލިސްޓާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާނަމަ އެސައިޓަށް އެކަން ބަޔާންކޮށް ފޮނުވުމަށްވެސް ވަނީ އެދިފައެވެ. އަދި ލިސްޓަށް ބަދަލެއް ގެންނަން ޖެހޭނެކަން ސާބިތު ކޮށްދީފިނަމަ ބަދަލު ގެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެއިތުރުން ވެރިން އިންތިޚާބު ކުރާއިރު ރީތި ކަމަށް ބެލުމަށްވެސް ވަނީ ބުނެފައެވެ.