މެންބަރުންގެ ޚިޔާލު: ހެޔޮވެރިކަމެއް ކުރުމަށް ފުރުސަތުދޭނެބާ!!

ފުނަމާ

ރާއްޖެގައި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގާއިމްކޮށް ހެޔޮ ވެރިކަމެއް ކުރުމަށް ޚުދުމުޚުތާރު ސަޤާފަތަކުން ސަލާމަތްވެ ހިންދަމާލުމަކީ އެކަމަށް ޓަކައި ހާދަހާގިނަ ރައްޔިތުންނެއް އެކިވަރުގެ ޤުރުބާނީ ތަކެއް ވެފައިވާ ކަމެކެވެ. އިސްލާހީ ބަދަލަކަށް މަގުކޮށައި ތިރީސްއަހަރުގެ ވެރިކަން ބަދަލުކޮށް މިއަދު ރާއްޖޭގައި ބުނަނީ މިއޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ ބިންގާ އެޅިފައި ކަމުގައެވެ.
ހެޔޮވެރިކަމެއްގެ ނަމުގައި މިވެރިކަން ފެށުމާއިއެކު ގިނަބަޔަކު އެދެމުންދިޔައީ ކުރީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލައި އަނިޔާވެރީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. ދައުލަތުގެ މުދަލާއި އާންމު ރައްޔިތުންގެ ނިގުޅައި ގަނެފައިވާ ޙައްޤުތައް ހޯދައި ދިނުމަށެވެ. ކުރީގެ ސަރުކާރުގައި އިސްމަޤާމްތަކުގައި އުޅެމުންގެންދިޔަ ގިނަބަޔަކާއި އެމީހުންނާއި ބޭރުން ގުޅިގެން ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކާއި ފަސާދައިގެ އަމަލުތައް ހުރިކަމުގައި ބުނެވޭތީވެ އެންމެފުރަތަމަވެސް މިފަދަ ކަންކަން ބަލައި ކުށްވެރިވާ ބަޔަކު ތިބިނަމަ އެބަޔަކާ މެދުގައި ފިޔަވަޅު އެޅުމަށް އިސްލާޙީ ބަދަލަށްއެދި އެތަކެއް ޤުރުބާނީތައް ވެފައިވާ މީހުންނާއި ކުރީގެ ވެރިކަމުން އަނިޔާ ލިބިފައިވާ ގިނަބަޔަކު އަޑުހަރުކޮށް ގޮވާލަމުން ގެންދިޔައެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތެއްކަމުގައި ބެލީ އެފަދަ ކަންކަމާ މާބޮޑު އަޅާލުމެއްނެތި އަމާންކަމާއިއެކު ޤައުމު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން މިއަދު ބައެއް ބޭފުޅުން އެވިދާޅުވާހެން އަޅުގަނޑުމެންނަށް ކުރިޔަށް ދާންޖެހިފައި މިވަނީ ކިލަނބުވެފައިވާ އަނިޔާވެރި މާޒީއެއް ފަހަތުގައި އެލުވައިގެން އެޔާއެކުގައެވެ. އެމާޒީގެ ސަބަބުން އެއްދުވަހުން އަނެއް ދުވަހަށް ސަރުކާރުގެ ކުރިމަގަށް ހިޔަނިއެޅި ބުރަހެލިވެ ދާންބޭނުންވާ ސްޕީޑުގައި ޤައުމުގެ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކާ ކުރިޔަށް ދިއުމުގައި މިވަނީ އެތަކެއް ހުރަސްތައް ކުރިމަތިވެފައެވެ.
ޤާނޫނުހަދާ މަޖްލިހާއި ސަރުކާރުގެ ކަންކަން ހިންގުމާ ހަވާލުވެއޮތް ސިވިލްސާވިސްއާއި މިނޫންވެސް މުއައްސަސާތަކުން ފާޅުގައި ސަރުކާރަށް ގޮންޖަހައި ކުރެވޭންއޮތްހާ ދައްޗެއް އެއްދުވަހުން އަނެއް ދުވަހަށް ވޭތުވެމިދިޔަ ދެއަހަރު ކުރަމުން ގެންގޮސްފައިވާކަމީ ޙަޤީޤަތެކެވެ. މިޤައުމުގެ އުޑުމައްޗަށް އިރުއަރާ ކޮންމެ ދުވަހަކީ އާމުސީބާތަކާ އާދުއްތުރާތަކެއް މިސަރުކާރަށް އިދިކޮލުފަރާތްތަކުން ކުރިމަތިކުރަމުން ގެންގޮސްފައިވާ ދުވަހެކެވެ. މިކަމުގައި އެމީހުންނަށް ބޭނުންކުރެވެންއޮތް ކޮންމެ ބާރެއްގެ ބޭނުން ގެންދަނީ ކުރަމުންނެވެ. އަދި ދާދިފަހުން އިދިކޮޅު ޕާޓީތަކުން ” އަދި ބަރުހަތިޔާރުގެ ބޭނުންވެސް މިސަރުކާރާއި އިދިކޮޅަށް ކުރާނޭކަމަށް ” ވަނީ ބުނެފައެވެ. އޭގެ ގިނަދުވަހެއްނުވެ އެބުނާ ބަރުހަތިޔާރުގެ ބޭނުން މިހާރުމިވަނީ ކޮށްފައި ކަމުގައި މިއަދު ބަޔަކު ބުނަމުންވެސް އެބަގެންދެއެވެ.
ސަރުކާރާ އިދިކޮޅަށް ކޮންމެ ކަމެއް އިދިކޮޅުފަރާތްތަކުން ކުރިކަމުގައިވިޔަސް އެކަން ބަލޭނެ ގޮތެއް ނެތެވެ. ޖޫޑިޝަލް ސާރވިސް ކޮމިޝަން އިން ފާޅުގައި ސަރުކާރަށް ގޮންޖަހައި ކުރަމުން ގެންދިޔަ ކަންކަން ހުއްޓުވުމަށް އޭރުގެ ސްޕްރީމްކޯޓުންވެސް އަޅާނުލުމުން ފުލުހުންނަށް ކުރައްވާން ޖެހުނު މަސައްކަތް ތަކަކީ ބޮޑުޖަރީމާއެއްކަމުގައި ހެދުމަށް މިއަދު މަސައްކަތް ކުރެވެމުންދާއިރު ސަރުކާރުން އެކިއެކި މީހުންނާއިމެދު ހުށައަޅާ މައްސަލަތައްވެސް ބޭރުކޮށްލުމުގައި ކަންކުރާންތިބި ފަރާތްތަކުން ގެންދަނީ ފަރުވާތެރި ކަމާއެކު މަސައްކަތް ކުރަމުންނެވެ. ރައްޔިތުންނަށް ފައިދާއެއް އޮތް ކޮންމެ ކަމެއް ކުރުމަށް މިސަރުކާރަށް ހުރަސްއެޅުމުގެ ގޮތުން ޤާނޫނުހަދާ މަޖްލީހުން ގަރާރުތަކާއި ގާނޫނުތައް ގެންދަނީ ފުލުފުލުގައި ފާސް ކުރަމުންނެވެ. ހަމައެޔާއެކުގައި ބައިނަލް އަޤްވާމީ ދުނިޔޭގައި މިސަރުކާރުގެ އަގުވައްޓާލުމަށް ކުރަމުންގެންދާ މަސައްކަތް ތަކަކީވެސް ނުރައްކާތެރި މަސައްކަތް ތަކެކެވެ.
ރާއްޖޭގެ ޖަލުތަކުގައި ބަޑިޖަހައި މީހުންމެރި ސަރުކާރުގައި ހިމެނުނު މީހުން މިއަދު މިސަރުކާރަކީ ދުނިޔޭގައިއޮތް އެންމެ އަނިޔާވެރި ސަރުކާރުކަމުގައި ހެދުމަށް އެގެންދަނީ އެތަކެއް މަސައްކަތް ކުރަމުންނެވެ. މިޔަކީ މިޤައުމުގެ ރައްޔިތުންގެ ހެވާލާބަޔަށް އެދިގެން ކުރާ މަސައްކަތެއް ނޫންކަން ގިނަބަޔަކު ޤަބޫލު ކުރިނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި ފާޅުގައި ބުނަމުން އެބުނާ ބަރުހަތިޔާރުތަކުގެ ބޭނުން އެގެންދަނީ ކުރަމުންނެވެ. މަކަރުވެރި ރޭވުންތަކުގެ ދަށުން ހިންގަމުންގެންދާ ކަންކަން އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށްގޮސް މިއަދު ހެޔޮބަދަލަކަށް އެދިގެން ނުކުތް ފަރާތްތައް މާޔޫސްކޮށް މިވެރިކަން މުލުން ލުހެލުމަށް އެދަނީ ގޮތްތައް ހޯދައި ނެރެމުންނެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސްޕްރީމްކޯޓެވެ. ޤާނޫނުއަސާސީ މާނަކުރުމުގެ އެންމެ އިސްފަރާތަކީވެސް އެއީއެވެ. އެހެންކަމުން ޤާނޫނުގައި ލާޒިމްކުރާގޮތައް ސްޕްރީމްކޯޓުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބާންޖެހޭނެއެވެ. ގާނޫނު އަސާސީގައި ވަޒީރުން އައްޔަންކުރާން ޖެހެނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި ވަޒީރުން އެމީހުންގެ މަސްއޫލިއްޔަތާއި ހަވާލުވާންޖެހޭނީ ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ވަޒީރުންގެ ހުވާކޮށްގެން ކަމުގައި ބުނެފައިވެއެވެ. އަދިހަމައެހެންމެ ވަޒީރުންގެ ޝަރުތުތަކަކީ ކޮބައިކަން ލިޔެފައިވާއިރު ވަޒީރަކު އޭނާގެ މަޤާމުން ވަކިވަނީ ކޮންހާލަތްތަކެއްގައިކަން ކަޅާހުދުން އެވަނީ ލިޔެވިފައެވެ. ވަޒީރުން ވަކިވުމުގެ ހާލަތެއް ރުހުންނުލިބުމުން އޮންނާނެކަން ފާހަގަކޮށްފައި ނުވިނަމަވެސް ރައްޔިތުންގެ މަޖްލީހަށް ރައީސުލް ޖުމްހޫރިއްޔާ އޭނާއަށް އިތުބާރުއޮތް ވަޒީރުންގެ ޝަރުތުހަމަވާ މީހުން ހުށައެޅުމުން ނޫނެކޭ ބުނެ ވަޒީރުން ބޭރުކޮށްލުމަށް މިއަދު މިއޮތީ އިތުރު ދޮރެއް އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިއޮތް މަޖްލީހަށް ހުޅުވާލަދީފައެވެ. މިއީ ކިހާވަރެއްގެ ބަރުހަތިޔާރެއް ކަމުގައި އިދިކޮޅުފަރާތްތަކުން ބޭނުން ހިފާނެބާވައެވެ؟
ރައްޔިތުންގެ މަޖްލީހުން އައްޔަންކުރާ އެއްވެސް މަޤާމަކީ ރައީސުލް ޖުމްހޫރިއްޔާއަށް މަޤާމުން ދުރުކުރެވޭ މަޤާމަކަށް ނުވާހިނދު ރައީސް އައްޔަންކުރައްވާ ވަޒީރުން ރުހުންނެތޭ ބުނެ ބޭރުކޮށްލުމަށް ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ މަޖްލީހުގެ ކޯރަމް ކިރިޔާ ހަމަވާއަދަދުގެ މެންބަރުންގެ އަޣްލަބިއްޔަތައްވެ މިއަދު މިވަނީ ޤާނޫނުއަސާސީގައި ލިޔެވިފައިނެތް މާއްދާއެއް އެމަޖްލީހުގެ އުސޫލުގެ ގޮތުގައި ހަމަޖެހިފައެވެ. ވަޒީރުންނަށް ވޯޓަށް އަހާނީ ގަނޑުކޮށްތޯ ކުރެވުނު ސުވާލާ ޤާނޫނުއަސާސީ ހަދަމުން ގެންދިޔައިރު މިކަމަށް ލިބުނު ޖަވާބުތައް ފެންނާން ހުއްޓައި ހުރިހާކަމެއް ބަދަލުވެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ޙައްޤުގައި ސަރުކާރު ކޮރުކޮށްލުމަކީ ސުވާލު އުފެދިދާނެ ކަމެކެވެ. އަދި ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ރައުޔު މިކަމުގައި ޚިލާފުވުމަކީވެސް ސުވާލު އުފެދުނު ކަމެކެވެ.
ކޮންމެއަކަސް ސަރުކާރުން ސްޕްރީމްކޯޓުގެ ހުކުމާ އެއްގޮތައް އަމަލުކުރާނެއެވެ. ނަމަވެސް މީގެ ސަބަބުން މިސަރުކާރުގެ ކުރިޔައް މިއޮތް ތިންއަހަރެއްހާދުވަހު މަޖްލީހުގެ އަޣުލަބިއްޔަތު މިހާރު އެއޮތްގޮތައް އޮވެއްޖެނަމަ ވަޒީރުންނަށް ރުހުން ހޯދުންނޫން މަސައްކަތެއް ކުރާކަށް ވަގުތެއް ނޯންނާނެތާއެވެ. މަޖްލީހަށް ވައްދާ ކޮންމެ ލިސްޓަކަށް ވޯޓުނެގިޔަނުދީ މަޖްލިސް ހުއްޓާލިޔަ ނުދިނުމަށް ވެރިކަންކުރާ ޕާޓީގެ މެންބަރުން މަޖްލިސްދޫކޮށް ނުކުންނާން ޖެހި ދެންތިބިމީހުން އެނަންތައް ބޭރުކޮށްލާނެ ފުރުސަތު މިއޮތީ ލިބިފައެވެ. އަދި ވަޒީރުންނެތި ވުޒާރާތައް ބަހައްޓާތީވެ ކޯޓުތަކުގެ ކުރިމަތީގައި ދަމާކަނޑާ މީހުން އަބަދުވެސް ތިބޭނީ މައްސަލަ ހިފައިގެން ކޯޓުގެ ކިޔޫގަތާއެވެ. ރައީސުލް ޖުމްހޫރިއްޔާއަށް އިތުބާރުއޮތް ވަޒީރުން ފިޔަވައި އިދިކޮޅު ފަރާތްތަކުގެ ތާއީދުއޮތް ވަޒީރުން ވުޒާރާތަކުގައި ބައިތިއްބައިގެން މީގެ ކުރީންވެސް ފެނިފައިވާގޮތައް ދެދުވަހުން އެއްދުވަހު އެވަޒީރުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވައިގެން ސަރުކާރު ފިއްތުމަށް ކުރާ މަސައްކަތްތައް ސަރުކާރުގެ އެތެރެއަށް ވެއްދުމަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. އެކަމަކު މިސަރުކާރުން މިއެދޭ ހެޔޮވެރިކަން ރައްޔިތުންނަށް ގެނެސްދީ ވެރިކަން ހެޔޮގޮތުގައި ކުރުމަށް މިހާރުދެން އެއްވެސް ޖާގައެއް އޮތްކަމަކަށް ދެންނެވޭކަށް ނެތެވެ.