ރައީސުލް ޖުމްހޫރިއްޔާ ލ. އަތޮޅު ރައްޔިތުންނާ ބައްދަލުކުރައްވާ ބަލިމީހުންގެ ޙާލު ގާތުން ބައްލަވައިފި

ޢަބްދުﷲ ޖުނައިދު

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗް ކުރުމުގެ މުނާސަބަތުގައި ލ. އަތޮޅަށް ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޓީމާއެކު ރައީސުލް ޖުމްހޫރިއްޔާ އެއަތޮޅުގެ ރައްޔިތުންގެ ޙާލު ވަރަށް ގާތުން ބައްލަވައިފި އެވެ.
މިއަދު ހަވީރު 4:30 ގައި ފޮނަދޫ ކެމްޕޭނު ޖަގަހަ ހުޅުއްވައިދެއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ ލ. އަތޮޅުގެ ބައެއް ދާއިރާތަކަށް ޒިޔާރަތްކޮށް ގޭބިސީތަކަށާއި ހޮސްޕިޓަލަށް ވަޑައިގެން ބަލިމީހުންނާވެސް ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް ނަޝީދާ ވަކިން ބައްދަލުކުރައްވަން ބޭނުންފުޅުވާ ޒުވާނުންނަށްވެސް އެފުރުޞަތު ލިބުނު ކަމަށް ލ. އަތޮޅުން މަޢުލޫމާތު ދެއްވި އެވެ. “އެންމެ ފުރަތަމަވެސް މިކޮޅަށް ވަޑައިގެން ރައީސް ރައްޔިތުންނާ ބައްދަލުކުރައްވާ ޙާލު ބެއްލެވި. ހޮސްޕިޓަލަށް ވަނުމަށްފަހު ބަލިމީހުންގެ ހާލުބައްލަވާ މަތިމަރަދޫ އަވަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ، އެމީހުންގެ ވާހަކަތައް އަޑުއައްސަވާ އޭގެފަހުން ކައްދޫއަށް ވަޑައިގެން އެރަށު ގްރީން ހޮޓަލަށް ވަޑައިގެންނެވީ. ޒުވާނުންގެ ތެރެއިންވެސް ރައީސާ ބައްދަލުކުރައްވަން ބޭނުންވެގެން އެދުމުން އެމީހުންނާވެސް ރައީސް ބައްދަލުކުރެއްވި.”ޕްރޮވިންސް އޮފީހުގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން އުމަރު ވިދާޅުވިއެވެ.
ކޯޑިނޭޓަރ ޢަބްދުﷲ ޝަރީފް ވިދާޅުވީ ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ލ. އަތޮޅުގެ ހުރިހާ ކެނިޑޭޓުންނާ އެމްޑީޕީން ބައްދަލުކުރާނެ ކަމަށާ، މިރޭގެ ޕްރޮގްރާމަށް ލ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ގިނަ ޢަދަދަކަށް ޕާޓީގެ މެމްބަރުން ފޮނަދޫގައި އެބަތިއްބެވި ކަމަށެވެ. އަދި އެކި އަވަށްތަކުން ކޮމިޓީތައް ނަގައިގެން ޖާފަތް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ވަރަށް ފޯރިއާއެކު ކުރަމުންދާ ކަމަށް ޢަބްދުﷲ ޝަރީފް ވިދާޅުވި އެވެ.