ކައުންސިލް އިންތިޚާބު – ޖުމްލަ ކެންޑިޑޭޓުންގެ ތިން ބައިކުޅަ އެއްބަޔަކީ އެމްޑީޕީގެ ކެނޑިޑޭޓުން

ޢަބްދުﷲ ޖުނައިދު

ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިއްޔެ ހަމަވިއިރު މިހާތަނަށް މުޅި ރާއްޖެއިން ހުށަހެޅި ކެނޑިޑޭޓުންގެ 3 ބައިކުޅަ އެއްބަޔަކީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.
ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރުދުންނާއެކު 2830 ކެނޑިޑޭޓުން މިއިންތިޚާބުގައި ވާދަކުރާއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެކަނިވެސް 944 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ މާލެސިޓީގެ 11 ދާއިރާއަށް 11 ކެނޑިޑޭޓުންނާއި އައްޑޫ ސިޓީގެ 6 ދާއިރާއަށް 6 ކެނޑިޑޭޓުން އަދި އަތޮޅުތަކުގެ 60 ދާއިރާއަށް 130 ކެނޑިޑޭޓުންނާއި ރަށުކައުންސިލަށް ކުރިމަތިލާ 797 ކެނޑިޑޭޓުންނެވެ. އެހެންކަމުން މިއީ މުޅި ރާއްޖޭގެ ކެނޑިޑޭޓުންގެ 33 އިންސައްތަ އެވެ.
ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓުގައި ނުކުތުމަށް ޝައުޤުވެރިކަން ހުންނަ މީހުންނަށް އެފުރުޞަތު ހުޅުވާލުމުން 1600 އެއްހާ މީހުން ޕާޓީ އޮފީހަށް ފޯމު ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް އެމްޑީޕީން 944 ކެނޑިޑޭޓުންނަށް ޓިކެޓް ދިނީ ކެމްޕޭނު ކޮމިޓީއާއި ސިލެކްޝަން ކޮމިޓީ އަދި ކޮންގްރެސްއަށް ވަޑައިގެންނެވި ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއެކު މަޝްވަރާކުރާ ކޯޑިނޭޓަރުން އެކި ފަހަރުމަތިން ކެނޑިޑޭޓުންގެ ފޯމުތައް ބަލައި ޗެކުކޮށް ވަރަށް ބޮޑަށް އިވެލުއޭޓް ކުރުމަށްފަހުގައެވެ. އެމްޑީޕީ ޓިކެޓަށް ޝައުގުވެރިވެ ފޯމު ހުށަހެޅި ވަރަށް ގިނަ ފަރާތްތަކުން ނަން އަނބުރާ ގެންގޮސްފައިވާއިރު، މިބޭފުޅުން ނަން އަނބުރާ ގެންދިޔައީ ކެމްޕޭނުގައި ވަކި ކެނޑިޑޭޓަކު ނެރުމަށް ބޭނުންވެ އެކެނޑިޑޭޓަކާއެކު ޕާޓީގެ ކެމްޕޭނަށް ނުކުތުމުގެ ބޭނުމުގައިކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓު ލިސްޓް ތައްޔާރުކުރެވުނީ ޕާޓީގެ ޓިކެޓަށް ހުށަހެޅި ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއެކު ވަރަށް މިނިވަން ޖައްވެއްގައެވެ.
ޖަވާބުދާރީވާންޖެހޭ މައްސަލައަކާއި ގުޅިގެން ޝަކުވާ ހުށަހެޅިފައިވަނީވެސް އެންމެ ފަރާތަކުން ކަމަށް ވާތީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޓިކެޓްތައް ދޫކުރެވިފައިވަނީ ވަރަށް ޑިމޮކްރެޓިކް އުޞޫލުތަކާ ހަމަތަކުގެ މަތީންނެވެ. ބައެއް ރަށްތަކާއި ދާއިރާއިން ޕްރައިމްރީސްތަކާއި ބައިއިލެކްޝަންތައް ބޭއްވުމުން ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޓިކެޓުގައި ނުކުތުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރިކަން ފާހަގަކުރެވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ 944 ކެނޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް ލޯންޗްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މުޅި ރާއްޖޭގައި މިހާރު އެބަކުރިޔަށް ދެއެވެ.