މެންބަރުންގެ ޚިޔާލު: އަކަޔަންބޯ ހެދެނީއެވެ!

2 ޑިސެމްބަރ 2010

ފުނަމާ

މަލްޓިޕާޓީ އިންތިޚާބަކުން ސަރުކާރު ބަދަލުވެ ދިއުމުން އިންތިޚާބުގައި ފޮށާބޭލުނު ފަރާތްތަކުން އަދިވެސް ގޮތްދޫނުކޮށް، ބަލިގަބޫލު ނުކޮށް އެގެންދަނީ ވެރިކަމަށް މަރުފަލި ޖަހަމުންނެވެ. މިމީހުންގެ ހާލުހުރިގޮތުން އަދިވެސް ވެރިކަމުގެ ބާރުތައް އޮތީ އެމީހުންގެ އަތުގައި ކަމުގައި ރައްޔިތުންނަށް ދައްކާންވެގެން ކުރެވެންއޮތް ހުރިހާ މަސައްކަތެއް އެގެންދަނީ ކުރަމުންނެވެ.
މިގޮތުން އިދިކޮޅު ފަރާތްތަކުން އެމީހުންގެ ބާރުގެ ދަށުގައި ސަރުކާރު އޮތްކަން ދައްކާން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ މާލޫދު ހަރުގޭ ތެރެއިންނެވެ. މި ހަރުގޭގައި ހިމެނޭ ބައެއް އިދިކޮޅު މެންބަރުން މިސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހުރިހާ ޚިދުމަތެއް ހުއްޓުވާލުމަށް ފާޑުފާޑުގެ ނަންނަމުގައި ބިލްތަކާއި ގަރާރުތައް ހުށައަޅައިގެން އެކުރާ ހީލަތްތެރި މަސައްކަތްތަކަކީ މިއަދު ދިވެހި ރައްޔިތުން އެކަމާމެދު ސީރިޔަސްކޮށް ވިސްނާންވެއްޖެ ކަމެކެވެ.
މިސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީތައް ހުއްޓުވާލުމަށާ ރައްޔިތުންނަށް “ފީފޯއް އަޑިޔެއް” ދިނަސް ދެވޭނީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ މާލޫދު ހަރުގެއިން ދިނިއްޔާ ކަމުގައި ހެދޭތޯ ބަލާން އެގެންދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. ގާނޫނު އަސާސީއިން ފެނާއި ނަރުދަމާ އަދި ސިއްޙީ ޚިދުމަތްތައް ސަރުކާރުގެ ފުދުންތެރިކަން އޮތްމިންވަރަކުން ރައްޔިތުންނަށް ފޯރުކޮށްދިނުން ލާޒިމް ކުރާހިނދު އެކަންކަން ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނި ތަކަކާއި ހަވާލުކޮށްގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން އުޅޭތީވެ އެމަގުވެސް ބަންދުކޮށް އެންމެ ކުޑަމިނުން ސަރުކާރަށް ކުންފުންޏެއްވެސް ނެހެދޭނެ ގޮތައް ކަންކަން ބައްޓަން ކުރެވޭތޯ މިއަދުއެދަނީ މަސައްކަތް ކުރަމުންނެވެ.
ޤާނޫނު އަސާސީގައި އެކަމެއް މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އާންމު ރައްޔިތުންނަށްވެސް ލިބިދީފައި އޮންނައިރު ރައްޔިތުންނާއި މުޅިދައުލަތުގެ ބެލެނިވެރިކަން ގާނޫނުއަސާސީއިން ބޮލުރުވާފައިވާ ސަރުކާރަށް އެސަރުކާރު ހިއްސާވާ ގޮތށް ކުންފުނި އުފައްދައި ރައްޔިތުންނަށް ޚިދުމަތްދިނުން މަނާކުރާ ގާނޫނަކީ ކޮބައިކަން އެބުނާ ބަޔަކަށް ބުނެދެވެން ވާނެއެވެ.
ސަރުކާރު ހިންގުމަށް ދީފައިވާ ބާރުގެ ދަށުން ވަޒީރުންގެ މަޖްލިސް އެކުލަވާލެވޭނެ ގޮތާއި އެވަޒީރުންނަށް މަގާމުގެ މަސްއޫލިއްޔަތާއި ހަވާލު ވެވޭނީ ކިހިނެއްކަމާ ވަޒީރުން މަގާމުން ވަކިކުރެވެނީ ކިހިނެއްކަން ގާނޫނު އަސާސީގައި ކަޅާ ހުދުން ލިޔެވިފައިވާއިރު ސަރުކާރަށް ސަރުކާރު ހިންގުމަށް ބޭނުންވާ ވަޒީރުންވެސް އިދިކޮޅު ފަރާތްތަކުގެ ” ބެޖެއް” ޖަހައިގެން މެނުވީ ބޭތިއްބޭން ނެތްކަމުގައި ހަދާން އެއުޅެނީއެވެ. ވިސްނާލަން ޖެހޭ ކިތަންމެ ކަންކަމެއް މިކަމުގައިވެސް އެބަހުއްޓެވެ. ބަލާލަމާ ހިނގާށެވެ. ވަޒީރުން އައްޔަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަކު ކުރައވަން ޖެހޭ ކަމެކެވެ. ވަޒީރުންނެތި ވުޒާރާތައް ހިންގޭކަށް ނެތެވެ. ވަޒީރުންނަށް ވަޒީރުންގެ މަސްއޫލިއްޔަތާ ހަވާލުވެވެނީ ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނު އަސާސީގެ ޖަދުވަލުގައިވާ ވަޒީރުންގެ ހުވާ ކޮށްގެން އޭގެ ފަހުގައެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ކަންކަން އޮލުވާލައި ސްޕްރީމް ކޯޓުން ފަނޑިޔާރަކު ފޮނުވައިގެން އިސްފަސްކޮށް ކަމެއް ކޮށްފާނެކަމާ މެދު ވިސްނާލާއިރު ހީވަނީ ކިހިނެއްތޯއެވެ؟ ވަޒީރުން މަޤާމާ އަދި މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ވަޑައިގެން އެތިއްބެވީ ސްޕްރީމްކޯޓުން ފޮނުއްވި ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވާ ކުރައްވައިގެންނެވެ. އެވަޒީރުން އެކަމަށް އައްޔަން ކުރެއްވީ ގާނޫނުގައި އެބުނެފައިވާ ރައީސުލް ޖުމްހޫރިއްޔާއެވެ. މިއަކީ ދެކޮޅުހެދޭނެ ހަޤީޤަތެއް ނޫނެވެ. ވަޒީރުން މަޤާމުން ދުރުކުރާނެގޮތް ނުވަތަ ވަކިވާގޮތް އެއޮތީ ގާނޫނުގައި ލިޔެފައެވެ. ދެފޮޅުވަތް ދޭތެރޭގައިވެސް ރައްޔިތުންގެ މަޖްލީހުން ރުހުން ނުދީފިނަމަ ވަކިވާނެކަމަށް ލިޔެފައެއް ނެތެވެ. އެކަމަކު ރައްޔިތުންގެ މަޖްލީހުގެ އިތުބާރުނެތްކަމުގެ ވޯޓަކުން ވަކިކުރެވޭނެކަމުގައި އެބައޮތެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލާންވެސް ވާނީ ވަކިމިންވަރަކަށެވެ.
އިދިކޮޅު ފަރާތްތަކުން މާލޫދު ގޭގައި ހަމަފާޅުގައި ހަދާ ބުހުތާން ދޮގުތަކަކީ ހައްދުފަހަނަޅައި ގޮސްފައިވާ ކަންކަމެވެ. ތިމާ އެފަރާތަކަށް ވިކިފައިވާ ފަރާތް ވެރިކަމުން ވެއްޓުމުން ވީރޯނާގައި ” އެވަޑައިގަތީ އުޑުގައިހުރި ފެނާ ކަނޑުގައިހުރި މަހާ ހިއްޕަވައިގެންނޭ ” ބުނެ މައުމޫނަކީ ރިޒްގުދޭ ފަރާތްކަމުގައި ބުނެ ކުފުރުވާން އުޅުނު މީހަކު މާލޫދު ހަރުގޭގައި ޔުޓިލިޓީޒް ކުންފުނިތަކުން ކަރަންޓުދޭން ފެށުމުން އަގުބޮޑުވި ވާހަކަ ދެއްކީމައި ހައިރާނެއް ނުވެއެވެ.
މެދު ޕްރޮވިންސްގައި އަދި ޔުޓިލިޓީއިން ކަރަންޓުދެނީ ދެރަށަކަށެވެ. އެއްރަށަކީ ކުރީން ސްޓެލްކޯއިން ކަރަންޓް ދެމުންދިޔަ ކުޑަހުވަދޫއެވެ. އެރަށުގައި ބަދަލުވީ ކުންފުނީގެ ނަމެވެ. މައުމޫނުގެ ސަރުކާރުން ހަމައެކަނި ފައިދާވާ ރަށްރަށަށް ކަރަންޓުދޭން ހެދި ސްޓެލްކޯގެ ދަށުން މުހަންމަދުނަޝީދު މެދުޕްރޮވިންސްގެ ހުރިހާ ރަށަކަށް ކަރަންޓާއި ނަރުދަމާއާއި ބޯފެނުގެ ޚިދުމަތް ދެއްވުމުގެ ނިޔަތުގައި އޭނާއަށް ސަރުކާރު ހިންގަވާން ލިބިވަޑައިގަތުމުން އުފެއްދެވި ސެންޓްރަލް ޔުޓިލިޓީސް ގެ ދަށަށް ކުޑަހުވަދޫގެ ކަރަންޓް ބަދަލުވީއެވެ. ދެން އެޔުޓިލިޓީއާއި ހަވާލުވީ މ. އަތޮޅުގެ ވޭވަށުގެ އިންޖީނުގެއެވެ. އާބާދީ މަދު މިރަށުގައި މީގެ ކުރީން ކަރަންޓު ދެމުންގެންދިޔައީ ރައްޔިތުންނަށް އަތްފޯރާ އަގެއްގައެއް ނޫނެވެ. ކަރަންޓު ދެވެމުން ނުދެވެމުން ދިޔައިރު ވަޒީފާގައި ގެންގުޅެވެނީ ދެހާހެއްހާ ރުފިޔާދީގެން އެންމެ މުއައްޒިފެކެވެ. ހާރަކަށް ކޮށްތަކަށްވެސް އެމީހާއެވެ. މިއަދު އެރަށުގައި ކުރީން ފުރަތަމަ ސަތޭކަ ޔުނިޓަށް ނަގަމުން ގެންދިޔަ ހަތަރު ރުފިޔާއަށްވުރެ ބޮޑު އަގުގެ ބަދަލުގައި އެނަގަނީ ދެރުފިޔާ ވިހިލާރިއެވެ. އިންޖީނުގޭގައި ހަހާސް ރުފިޔާއަށްވުރެ ބޮޑުމުސާރަލިބޭ ތިން މުއައްޒަފުން އެބަތިއްބެވެ. ރައްޔަތުންގެ އިންޖީނުގެގައި ހުރި އިންޖީނުތަކާއި އެހެނިހެން ތަކެތި ގެންގުޅެނީ ޔުޓިލިޓީގެ ސީއީއޯގެ ގޭގައި ގުދަންކޮށްގެނެއް ނޫނެވެ. އެތަކެތީގެ ބޭނުން ހިފެނީ ރައްޔިތުންނަށެވެ. ނައިފަރޭ އެދައްކާ ވާހަކައަކީ އޭނާ މިހާރު ގޮސްފައިވާ އުމުރާ ގުޅިގެން އަބަހައްދަވެ ދައްކާ ވާހަކައަކަށް ވެދާނެއެވެ. މިއަދުވެސް އިދިކޮޅުފަރާތްތަކުން ޅޮސްއުނދޯއްޔަށް ލައިގެން ރައްޔިތުން ލައްވައި ޔުޓިލިޓީސް ކުންފުނި ތަކާ ހަވާލުނުކޮށް ހުރި އިންޖީނުގެތައް ރައްޔިތުން އަމިއްލަޔަށް ހިންގުމުގައި ގައިމުވެސް އާބާދީކުޑަ ރަށްރަށުގައި ކައުންސިލަރުންނާ ކަތީބުންނާ އޮފީހުގެ ހުރިހާ މުއައްޒަފުން ތެލާތަތްވެގެން އެއުޅޭ ހާލު ހަރުގޭުގައިތިބި ގިނަ މެންބަރުންނެއް ނުދަނެއެވެ. ‘ރޯލެކްސް” ގަޑިއަޅުއްވައިގެން ފަސްދޮޅަސްހާސް ރުފިޔާގެ މުސާރަ ނަންގަވައިގެން އަދި ނުވިތާކަށް މާލޭގެ ފަގީރު އާއިލާތަކަށް މިސަރުކާރުން ދެއްވާ ކަރަންޓު ސަބްސިޑިވެސް ނަންގަވައިގެން އުޅުއްވާއިރު ލަދުހަޔާތުގެ ކަންފުޅެއްވެސް މިފަދަ މެންބަރުންގެ އެބަހުރިބާވަޔޭ މިއީ އުފެދިދާނެ ސުވާލެކެވެ.
ތޮއްޑޫ މޮގެންބޯއާއި ވީޑިޔޯ ކެމެރާއަށް ދަހިވެތި އަޅުން މާލޫދު ހަރުގޭގެ ތެރޭގައި މަމޮޅުވެގެން ކަރުން އަޑުނަގައި ހަޅޭއްލަވާއިރު އެމީހުންވަރެއް ނެތްކަމުގައި ދައްކާން އެއުޅެނީ މީގެ ކުރީން ދިވެހި ރައްޔިތުންގެ ހައްޤުގައި އެމީހުންނަށް ކޮންކަމެއް ކޮށްދެވިފައި އޮތީމަހެއްޔެވެ؟ ވަނީއެންމެ ކަމެކެވެ. މުޅިގައުމުގެ މަސްލަޙަތުވެސް ތިމާމެން ތަމްސީލުކުރާ ޕާޓީގެ އިސްމަޤާމުތައް ނަގައި އަންބޮނޑިޔަށް ލާން އުޅޭހެން ކައި ގޮހޮރަށްލާން އުޅެނީއެވެ. ތިމާމެންގެ އޮފު ކުޑަވެދާނެތީވެ “އަކަޔަންބޯ” ހެދިގެން އުޅެނީއެވެ.