މެންބަރުންގެ ޚިޔާލު: އަމިއްލަ އެދުމުން ފުރިއްޖެނަމަ ވާނީ މިހެންނެވެ

1 ޑިސެމްބަރ 2010

ފުނަމާ

ދިވެހިރާއްޖޭގައި ލޭއޮހެރެމުންދިޔަ ދިގު ވެރިކަމެއްގެ އަނިޔާވެރިކަން ރައްޔިތުންނަށް ތަޙަންމަލު ނެކުރެވިގެން އެވެރިކަން ބަދަލު ކުރާން ނުކުތުމުން ސަރުކާރު ހިންގުން އަމިއްލަ ތަރިކައަކަށް ހަދައިގެން ވެރިކަމުގައި ހުރި މީހާއާއި އޭނާގެ އަނިޔާވެރިކަމަކީ ތިމާމެން ދެކޭހިއްވާ ނާޗަރަންގީއެއް ކަމުގައި ދެކެމުންދިޔަ ބަޔަކު ޖަލްސާތަކަށް އަރައި ޕޯޑިއަމް ތަކުގައި ރާގުރާގު ޖައްސައި އިންސާފު ބޭނުންވި ދިވެހި ރައްޔިތުން ރޭރުކުރުވުމަށް މަސައްކަތް ކުރަމުންދިޔަ ހަނދާން މިއަދުވެސް އިއްޔެ ވީކަމެއްހެން ދިވެހީންގެ ގިނަބައެއްގެ ސިކުނޑީގައި އެބަހުއްޓެވެ.
ތިމާމެންގެ ޕާޓީގައި ނޫނީ އަބުރާ އިއްޒަތެއް ލައްވާފައިވާ މީހަކު ނެތްކަމަށާއި ދިވެހި ރައްޔިތުން މައުމޫނުނޫނީ ބޭނުން ނުވާކަމުގައި ބޮޑުއަޑުން ގޮވައި ނަގަމުން ދިޔައެވެ. ގައުމުގައި ތިބި ތިރީސްއަހަރު ނުފުރޭ ސިކުނޑިތައް ހައްލާލުމުގެ ގޮތުން މަގުމަތީގައި ވާރޭފެނަށް ޑްރަގު ބަހަމުން ރައްޔިތުން ހައްލާލުމަށް ބަސްތަބަސްތާއިން ނޫޓުޗާޕުކޮށްގެން އުކަމުން ރަށްރަށުގައި ޚިޔާލީ ބިނާތައް ކުރަމުން ތިމާމެންގެ ވެރިކަން އޮޔާނުގޮސް ވާންއޮތް ކޮންމެ ކަމެއް ކުރަމުން ގެންދިޔައީ އަތުހުރި ހުރިހާ ބާރެއްގެ ބޭނުން ކޮށްގެންނެވެ.
މީހުންގެ ބަސްމަގު ބަދަލުވެ ސަރުކާރުގެ އެތެރޭންވެސް ކަންކަން ބޭޒާރުވަމުން ދާންފެށުމުން ހަދާނެގޮތެއްނޭނގި އިތުރަށް ވިއްކާނެ އެއްޗެއް ނެތޭހިސާބަށް ދިއުމުން އޭރުގެ ވެރިކަމުގައި ބަގުޑިލައިގެން ހުރި މީހާއަށް އެންމެ ފުރިހަމަ ކަމަކަށް ފެނުނީ ވެރިކަމަށް ކުރިމަތިލުމުގައި ބޭނުންވާ ރަނިންގ މޭޓްގެ މަޤާމު މިލިޔަން ޑޮލަރަށް ވިއްކާލުމެވެ. މިގޮތުން ތިމާގެ ބޮލުގައި އެޅިދާނެ ދަރަނިތަކާ ރިޝްވަތުގެ ގޮތުގައި ދޭންޖެހޭ ފައިސާތައް ކައްވާލުމުގެ ބޭނުމުގައި ކަތިލާލާން ޕާޓީގެ ތެރޭން އެެންމެ މަސްފަލަ ކަމުގައި ފެނުނު މީހާ ރަނިންގ މޭޓެއްގެ ގޮތުގައި ހަމަޖައްސައި އޭނާގެ އާއިލާގެ ވިރާސަތުން ލިބިފައިވާ މުއްސަނދިކަން ހުލިކޮށްލައި އެވަރުންވެސް ނުފުދިގެން އެފަރާތުގެ ނަމުގައި ބޮޑެތި ލޯނުތައް ދޫކޮށް އެފައިސާވެސް ތަޅާހުސްކުރުވަމުން ގެންދިޔައީ ވެރިކަން ލިބުމުން ރަނިންގ މޭޓް ގޯންޏަކަށްލައި ކަނޑުފައްތާން ނިޔަތް ގަނެގެން ނޫންކަމެއްވެސް ނޭނގެއެވެ.
ޑީއާރުޕީއަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވީހިނދު ، އެޕާޓީއަށް އެންމެ ޕްރެޝަރ ބޮޑުވެގެންދިޔަ ވަގުތު އެޕާޓީއަށް އެންމެ ބޮޑަށް ފާޅުގައި އެހީތެރިވެދިނީ ކާކުކަން މީގެކުރީން ޑީއާރުޕީގެ މެންބަރުން ދުލުން ގޮވައިނެގި ބަސްތަކުން ދިވެހި ރައްޔިތުންނަށް އެނގޭނެތާއެވެ. ނަމަވެސް މިއަދު އަމިއްލަ އެދުމާ ހުރި މަޤާމުތަކާއި ލިބިދާނެ މަޤާމުތަކުގެ ދަހިވެތިކަމުގައި އެޕާޓީއަށްޓަކައި އެތަކެއް ޤުރުބާނީ ތަކެއްވެ މިއަދު އޭގެ ސަބަބުން އެތަކެއް ރައްޔިތުންގެ ބަދުބަސްތަކާއި ކޯޓުތަކުގެ ސުވާލުތަކަށް ހުށައެޅިފައިވާ ފަރާތްތަކާމެދު ވިސްނާލުމެއްނެތި އެޕާޓީގެ ތެރެއިން އެކުރަމުން ގެންދާ ތުހުމަތުތަކާއި އެކަން އެކުރަނީ ކޮންކަހަލަ ނިޔަތެއްގައިކަމާ މެދު ވިސްނާލާން އެބަޖެހެއެވެ.
އަޅުގަނޑުމެންނާއި އެންމެ ވާދަވެރި ސިޔާސީ ޕާޓީގެ ތެރޭގައި ހުރި މައްސަލަ ތަކާހެދި އަޅުގަނޑުމެން ކަންބޮޑުވަނީ ކީއްވެތޯ މިއީ ހަނި ވިސްނުމެއްގައި ތިއްބެވި މިޕާޓީގެ ބައެއް މެންބަރުންގެ ހިތުގައިވެސް އުފެދިދާނެ ސުވާލެކެވެ. އާދޭހެވެ. މިކަމަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. އެމްޑީޕީގެ އަބަދުގެވެސް ވިސްނުމަކީ ސިޔާސީ ގޮތުން ވާދަވެރި ޒިންމާދާރު ސިޔާސީ ޕާޓީއެއް އޮވެ މިގައުމު އިސްލާހުގެ މަގުގައި ކުރިއަށް ދިއުމުގައި އެފަރާތްތަކުގެވެސް އެއްބާރުލުން ލިބިގެން ކަންހިންގުމެވެ. ސިޔާސީގޮތުން ފިކުރާ ޚިޔާލުތަކެއް އިދިކޮޅު ނުވާނަމަ ކަންކަން އެންމެ ރަނގަޅުގޮތައް ގެންދިއުމާ ރައްޔަތުންގެ ފިކުރު ދެނެގަތުމަކީ މިސަރުކާރަށް ނުވަތަ އެހެން ބަޔަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔަތުންގެ ފިކުރާ ޚިޔާލާތާ ސަރުކާރާ ހަމަޔަށް ފޯރުކޮށްދިނުމާ ކިތަންމެ ވިސްނައިގެން ކުރިޔަސް ކަންކަމުގައި އެޅިފައި ހުންނަ ލޯވަޅުތައް ސަރުކާރަށް ދައްކާދޭ ބަޔަކަށްވާނީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި އިދިކޮޅު ޒިންމާދާރު ސިޔާސީ ޕާޓީއެއްކަން އެމްޑީޕީ އަބަދުވެސް ގަބޫލުކުރާނެއެވެ. އެހެންކަމުން ގައުމުގެ އެންމެ ގިނަ ބަޔަކު (ވެރިކަން ކުރާ ޕާޓީފިޔަވައި) ޝާމިލްވާ ޕާޓީއެއްގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދި އޭގެ ސަބަބުން އެޕާޓީގެ ކުރިމަގު ބަނަވެދާތަން ފެނުމަކީ މިޕާޓީގެ މެންބަރުން އެކަމާ ކަންބޮޑުވާނެ ކަމެކެވެ. އަދި މިކަން ކުރެވެމުން މިދަނީ އެޕާޓީގެ މައްޗަށް މައިނޯރިޓީ ޕާޓީއަކުން ހަންފަތުރައިގެން ރައްޔިތުންގެ ތާއީދެއްނެތް ބަޔަކު ގަދަވެގަންނާންކަމުގައި ވާނަމަ މިކަމަކީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. ސަބަބަކީ އޭގެސަބަބުން މިކުރާންއުޅޭ ކަންކަން ކާމިޔާބު ވެއްޖެނަމަ ދެން އުފެދޭ ކަންކަމުގެ ތެރޭގައި އެޕާޓީ ނެތިގޮސް އަޅުގަނޑުމެން މިދާންއެދޭ މަގުން ކުރިޔައް ދިއުމަށް ހުރަސް އެޅޭނެތީއެވެ.
އުސޫލެއްގެ ގޮތުން މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ނެތިވެ ފަނާވެދިއުމަކީ ރާއްޖޭގެ ޑިމޮކްރެސީގެ ޅަފަތުގައި އެކަން ހަލާކުވެ ދިއުމެވެ. އަނެއްކާވެސް ޚުދުމުޚުތާރު ވެރިކަމަކަށް ވެރިކަން ބަދަލުވެގެން ހިގައިދާނެ ކަމެކެވެ. މިހެން ދަންނަވާން ޖެހެނީ އެހެން ޕާޓީއެއް އަދި ކުރިމަގުގައި މިހާރު ޑީއާރުޕީ އޮތް މަގާމު ދިފާއުކުރެވޭނެ ނެތްކަމެވެ.
ޕާޓީއެއްގެ ހައިބަތާ ކަރާމަތާ އެންމެ ބޮޑަށް ދައްކައިދެނީ އެޕާޓީއެއްގެ ލީޑަރ ޝިޕުން ކަމާމެދު ޝައްކެއްވެސް ނެތެވެ. ޕާޓީގެ ލީޑަރޝިޕް ހަރުދަނާ ނުވެ އެޕާޓީއެއް އޭގެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ބަލައިނުގެނެވޭނެކަން މިއީ ހަޤީޤަތެކެވެ. މިގޮތުން ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކަށް ބަލާލާއިރު މިފެންނަނީ ކުރިމަގު މާ އުޖާލާނޫން ޕާޓީތަކެކޭ ދެންނެވިދާނެއެވެ. މިގޮތުންބަލާއިރު އަމިއްލަ ޕާޓީގެ މެންބަރުން ކަނޑުމެދުން އޮޔާދާން ދޫކޮށްލާފައި ލީޑަރު ފިލައިގެންގޮސް ތިމަންނާއަކީވެސް ސިޔާސީ ލީޑަރެކޭ ބުނާއަޑު އެބައިވެއެވެ. ބާޒާރުކުރާން އުޅުނު ގޭގެ މީހުން ވެރިކަމުގައި ތިބީތީވެ ގާރޫނުގެ ދަރަޖަޔަށް އަތްމަތި ތަނަވަސްކޮށްދިނުމުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ތެޅިފޮޅި ބަސްނާހައިގެން މިނިސްޓަރުކަމެއްދީ މުޅި ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި އެޅޭގޮތަށް ދަރަނިދިން ލީޑަރ އެލިބުނު މިނިސްޓަރުކަމުންވެސް އިސްތިއުފާދީ އޭރުގެ ބަހުންނަމަ މަގުމަތީ ރޮނގާލީންނާއިއެކު ވެރިކަން ބަދަލުކުރާން ނުކުމެ ވެރިކަން ބަދަލުވުމުން ހަވާލުކުރި މިނިސްޓަރުކަމުންވެސް އިސްތިއުފާދީ އެހެންމީހުންގެ ތައްޕާހުން ވެރިކަން ލިބޭތޯއުޅޭއިރު އެކަން ދުވަހަކު ކޮޅުން ކާމިޔާބު ވިޔަސް އެކަމުގައިވެސް އިސްތިއުފާ ނުދީ ކިތައް ގަޑިއިރު ހުރެދާނެތޯ މިއީ ރައްޔިތުން ކޮށްފާނެ ސުވާލެކެވެ.
ތިމާގެ ނައިބުކަމުގައި ސިޔާސީ ޕާޓީއެއް ނުހެދޭނެޔޭ ގޮވަމުން ރައްޔިތުންނަށް އަނިޔާކޮށް ޝަރީއަތް ހިންގުމަށް ބައިވެރިވެ ފައިކައްސާލައި ވެއްޓުމުން ތިމަންނާގެ ލޯހުޅުވިއްޖެޔޭ މާފުކުރާށޭ ގޮވަމުން އައިސް އެބުނާ އަޚުލާގެއްނެތް ދީންވެރިކަމެއްނެތް މީހުންނާއި ހަސްގަނެގެން އުޅެ ވެރިކަމަށް ފައިނެގުމުގައި ބަލައި ނުގަތުމުން އަނެއްކާ ނުކުމެ މިއުޅެނީ ޕާޓީހަދާންކަމުގައި ބުނާއިރު ނިޔަތުގައި ފޮރުވިފައިވާ އެޖެންޑާ ބަދަލުކުރާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގެއެވެ. ހަމައެހެންމެ ހަރުގެ ތަޅާލި ނާއިބު ފަކީރުގެ ހާލު އަދިމާބޮޑެވެ. ދިވެހި އަންހެނަކު ގަބޫލު ނުވުމުން ބޭރުމީހަކާ އިނދެ ވެރިކަން ނުދީފާނެ ކަމުގައި ހީވެ އެކުއުޅުނު ކުދީން ގޮވައިގެން އެސަރުކާރު ދޫކޮށް ނުކުމެ ޕާޓީހަދައި ވެރިކަމާ ކުރިމަތިލައި ފޭލިވުމުން އިއްތިހާދުވެ ކުރީންނެތް ޝަރުތު ތަކަކަށް ބަލިވެ އިނދެގެން ސަރުކާރުން އަނެއްކާ ބޭރުވެ ޕާޓީހަދައިގެން ބޮޑުބަސް ބުނަމުން ގެންދާއިރު ރައްޔިތުންނަށް އިތުރަށް ދައްކާނީ ކޮންމޫނެއް ކަމެއް ނޭނގެއެވެ.
ތިމާމެން އެންމެންނަކީވެސް ސަރުކާރު ބޭނުންވެގެން ވެރިކަމަށް ފައިނެގި މީހުންނެވެ. އެކުގައި ނުކުތުމަށް ގޮވާލި ގޮވާލުންތަކަށް ނޫނެކޭ ބުނެ ވަކިވަކީން ކުރިމަސައްކަތުން ފޭލިވެދިއުމުން އެހެންގޮތެއްނެތި ބަސްއަހާ ކުދީންނަށްވެ އެއްބައިވެގެން އައިސް އަމިއްލަ އެދުންތައް ނުފުއްދުމުން މޫނުހަދައިގެން ތިބި މީހުންނެވެ. އެދުވަހުވެސް ޑީއާރުޕީ އޮތީ ހަމައެމީހުންގެ ވިސްނުމުގައެވެ. ނަމަވެސް މިއަދު އެޕާޓީގެ އެތެރެ ޚަރާބުކޮށް އެޕާޓީ ފުނޑާލާން ފާޅުގައި މަސައްކަތް ކުރަމުން ގެންދާއިރު އެކަމާ މިޕާޓީގެ މެންބަރުން ވިސްނާން ނުޖެހޭ ކަމުގައި ދެކިގެން ނުވާނެއެވެ. އެމްޑިޕީއިން އަބަދުވެސް ބަލަނީ ވާދަވެރި އިދިކޮޅު ފަރާތްތަކުގެ ޚިޔާލާ ފިކުރަށްވެސް އިހްތިރާމް ކުރުމަށެވެ. މިއެޅުނު ޑިމޮކްރަސީގެ ބިންގަލަކީ އެމްޑީޕީގެ އެތަކެއް ގުރުބާނީ ތަކެއްގެ ރަމްޒެއް ކަމުން މިކަންކަމުގައި އެމްޑީޕީގެ ބަސް ބުނާން ޖެހެއެވެ. ވިސްނުން ހާމަކުރާން ޖެހެއެވެ. އެބަޔެއްގެ ކުރިމަގާމެދު އެންމެ ބޮޑު ގުރުބާނީއެއްވީ ފަރާތްތައް ކަނޑުލާފައި ވެރިކަމާތޮޅޭން ކަމަރުބަނދެގެން ނުކުންނަ ބަޔަކު އެންމެބޮޑު އިދިކޮޅު ޕާޓީ ހައިޖެކްކުރުމަކީ ކިހާވަރެއްގެ ކަމެއްކަން މިޕާޓީގެ ކޮންމެ މެންބަރަކަށްވެސް ވިސްނޭނެއެވެ. މިއަދު ޑީއާރުޕީގެ ތެރޭގައި އޮތް ހުރިހާ ކޯޅުމަކީވެސް އަމިއްލަ އެދުމަށް ދަހިވެތިވެފައި ތިބި މަދުބަޔެއްގެ ރޭވުމުގައި އެޕާޓީގެ ތެރޭގައި ހިންގާ ކަންކަމެވެ. ގައުމުގެ މަސްލަހަތާ އިޚްލާސްތެރި ގުރުބާނީ ތަކަށް ނުވިސްނައި އަމިއްލަ އެދުމުން ފުރިފައި ތިބި ބަޔެއްގެ ބަސްވިކޭން ފަށައިފިނަމަ ކޮންމެ ބަޔެއްގެވެސް ހާލަކީ މިއެވެ.