29 ނޮވެމްބަރ 2010
ހަސަން މާހިރު/ހުޅުދޫ
ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ތިންވަނަ ބާބުގެ 75 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލު ކުރަންވާނީ، ޤައުމީ މަސްލަޙަތާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ، ޙާއްސަ ގުޅުމެއް އޮތް އެހެންމީހެއްގެ ވެސް ޒާތީ މަސްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޙާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަށް ކުރަންވާނެއެވެ.
ވީހިނދު، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ރަޢުޔު މަޖިލީހުގައި އޮންނަންޖެހޭ، ގޮތް ވަރަށްސާފެވެ. ރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމުހޫރިއްޔާ ދައުލަތް ހިންގުމަށްޓަކާ އައްޔަން ކުރެއްވި 12 ވަޒީރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން 7 ވަޒީރުންނަށް ރުހުން ނުދެއްވި އުސޫލުތަކާއި ސިފަތަކުގެ މައްޗަށް ޤާނޫނު އަސާސީގެ 3 ވަނަ ބާބުގެ 75 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތް ކުރައްވާ ވަރުގަދަ ތަޙުގީގެއް ހިންގުމަށް ސްޕްރީމް ކޯރޓަށް ގޮވާލަމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 7 ވަޒީރުންނަށް ރުހުން ދެއްވުމުގައި އެބޭފުޅުން ވަނީ ޤައުމީ މަސްލަޙަތާއި، ރައްޔިތުންގެ ލާބަޔާއި މަންފާޢަށް އިސްކަން ދެއްވުމުގެ ބަދަލުގައި އަމިއްލަ ޒާތީ މަސްލަހަތު އިސްކޮށްފައެވެ. މިކަމުގެ ހަގީގަތް ބޮޑެތި ތަހުގީގުތަކުން ސާބިތު ކުރެވިދާނެއެވެ.
ގައުމެއްގައި ސިޔާސީ ޕާޓީތަކުގެ ހަގީގީ ދައުރަކީ، ވާދަވެރި ރޫޙެއްގައި ގިނަ ސިޔާސީ ޕާޓީ ތަކެއްގެ ތެރެއިން، ރައްޔިތުންނަށް އެންމެ ރަނގަޅަށް ދައުލަތް ހިންގާ ދިނުމުގެ ފުރުސަތު ފަހިކޮށް ދިނުމާއިއެކު، އޮޕްޒިޝަން ޕާޓީ އެއްގެ ގޮތުން ބިނާކުރަނިވި އުސޫލުތަކުގެ މައްޗަށް ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އެ ސަރުކާރެއްގެ ގާނޫނީ ދައުރުތަކުގެ ތެރޭގައި ދައުލަތް ހިންގުމުގެ ސިޔާސަތުގައި ހުންނަ ކަމީނާ ލޯވަޅުތަށް ބައްދާދިނުން ކަމަށް ވީހިނދު، މިއަދު ރާއްޖޭގައި ތިބި ބައެއް ކުދިކުދި ސިޔާސީ ޕާޓީތަކާއި، އަދި އެންމެ ބޮޑު އޮޕްޒިޝަން ޕާޓީގެ ވިސްނުމާއި، އަމަލުހުރީ ހަރުދަނާ އޮޕްޒިޝަން ޕާޓީއެއްގެ ކިބައިގާ ހުންނަން ޖެހޭ، ސިފަތަކާއި އުސޫލުތަކުގެ މަތީގައި ހެއްޔެވެ؟ މިއީ ސްޕްރީމް ކޯރޓުން ވިސްނަންޖެހޭ، ނުކުތާއެކެވެ. ވީހިނދު، އެބޭފުޅުން ވިދާޅުވާ، ރުޙުން ނުލިބުނު ވަޒީރުން މަގާމުގައި ދެމި ތިއްބަވާތީ ޑީއާރުޕީން ސްޕްރީމް ކޯޓަށް ހުށަހެޅި ވަޒީރުންގެ މައްސަލަ މި ޙިކުމަތުގެ މައްޗަށް ރިޢާޔަތް ކުރައްވާ ސްޕްރީމް ކޯރޓުން ނިންމަ ވާނެކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.