24 ނޮވެމްބަރ 2010
އިބްރާހީމް ރާމިޒް
މިއަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު ރޭ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި ހިމެނެނީ ޖުމްލަ 224،474 މީހުން ކަމަށާއި އެ ނަންތައް މިއަދު ގެޒެޓްކޮށްފައިވާ ކަމަށެވެ.
ރޭ އާންމުކުރި މި ލިސްޓަށް އިސްލާހު ގެނައުމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިފެށޭ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޝަކުވާ ފޯމު ފުރުމަށް ފަހު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.
ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނާއި ހުރިހާ ރަށެއްގެ ރަށު އޮފީހުންނާއި އަތޮޅު އޮފީހުން ލިބެން ހުންނާނެ ކަމަށާއި އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ގެންދަނީ މި އިންތިޚާބަށް މީހުން އަހުލުވެރިކުރުވުމަށާއި މިއީ ކާމިޔާބު އިންތިޚާބަކަށް ހެދުމަށް އާންމުންނާއި ސިޔާސީ ޕާޓީތައް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.