ރާއްޖޭގެ ހުރިހާ ޤާނޫނީ ވަކީލުން އެއްކޮޅަކަށް އެރިޔަސް ޕްރޮވިންސް ހެދުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ނޫންކަން ސާބިތުކޮށްދޭނަން – އަލްހާން

27 ފެބްރުއަރީ 2010

raa-alifushi-mdp-25-26-02-2010-438

ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ ޚިޔާލު ދިވެހިރައްޔިތުންގެ ހިތްތަކުގައި ނެތްނަމަ މިއަދު އެމްޑީޕީގެ ވެރިކަމެއް މިގައުމުގައި ނޯންނާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވީ ރ. އަލިފުށީގައި ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ޕްރޮވިންސް ހެދުމަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ، ވިސްނުންތޫނު ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅު ހުންނަނީ އަންނަން އޮތް ޖީލިތަކުގެ މުސްތަގުބަލަށް ބައްޓަންކުރެވިފައި ކަމުގައެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ރައީސް ނަޝީދުގެ ދައުރުގެ މުހިއްމު ކަމުގެ ވާހަކަ އިދިކޮޅު ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރުވެސް ގަބޫލުފުޅުކުރައްވާ ކަމުގައެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ” ގައުމީ މުސްތަގުބަލަށް އޮތް ރައްކަލެއްކަން ވިސްނުނީ ރައީސް ނަޝީދު ސިވިލް ސާވިސްގެ މުޥައްޒަފުން މަދުކުރަން ނިންމުމާ، މުސާރަކުޑަކުރަން ނިންމުމާ، ކަރަންޓް ބިލުގެ އަގުތައް މައްޗަށް ޖައްސަން ފެށީ ހިސާބުން ” ކަމުގައި އަލްހާން ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރާ ދޭތެރޭ އެމަނިކުފާނުގެ އުއްމީދު އާވެއްޖެ ކަމަށާއި، މިސަރުކާރުގެ މަގުޗާޓުގައި ހަގީގަތްތަކެއް އެބަހުރި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަނެއްދިވެހިރާއްޖޭގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއް ކަން ގަބޫލުފުޅުކުރައްވާ ކަން ހާމަކުރައްވަމުން އަލްހާން ވިދާޅުވީ ” ރައީސް ނަޝީދަކީ ރައްޔިތުންގެ ރުހުމާ ތާއީދު ވަގުތީ ގޮތުން ހޯއްދަވައިގެން ރައްޔިތުން ލައްވާ ފަރިހިކިޔުއްވައި ނަށަން ބޭނުންފުޅުވާ ބޭފުޅެއް ނަމަ އެގޮތަކަށް ކަންތައްތަކެއް ނުކުރެއްވީސް ” ކަމުގައެވެ.
މީގެ އިތުރުން އިތުރުން ސަރުކާރުން ބޭނުންތެރި އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އޭރު ދިވެހިރައްޔިތުންގެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި އެންމެ ބިލެއް ވެސް ހުށަނާޅާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޑީއާރުޕީން ކުރިހާވެސް ކަމަކީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކޮށް އެމްޑީޕީ ސަރުކާރުގެ ވައުދުތައް ފުއްދިޔަ ނުދިނުމުގެ ސިޔާސަތެއް ގެންގުޅުން ކަމުގައި ވިދާޅުވެ ޑީއާރުޕީ އަށް އަލްހާން ފާޑުވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެމަނިކުފާނު އިދިކޮޅު މެންބަރެއްގެ ގޮތުން ހުންނެވި އިރުވެސް ޕްރޮވިންސް ހެދުމުގެ ބިލަށް މައިގަނޑު ގޮތެއްގައި ތާޢީދު ކުރެއްވި ކަމަށާއި، ޕްރޮވިންސް އުފައްދައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އިސޫލުން ހިންގައިގެން މެނުވީ އަޅުގަނޑުމެން މިއެދޭ ތަރައްގީ ހާސިލް ނުކުރެވޭނޭ ކަމުގައެވެ.
” އަޅުގަނޑު އެއްވެސް އިރަކު ނުބުނަން ޕްރޮވިންސް ހެދުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެކޭ. އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި ތިއްބެވި ހުރިހާ ލޯޔަރުން އެއްކޮޅަކަށް އެރުއްވި ނަމަވެސް އަޅުގަނޑު ސާބިތު ކޮށްދޭނަން ޕްރޮވިންސް ހެދުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ނޫންކަން. ” އަލިފުށީގެ އެމްޑީޕީ ސަޕޯޓަރުންނާއި ކައިރި ރަށްރަށުން ވަޑައިގެން ތިއްބެވި އެމްޑީޕީގެ އެތައް ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި އަލްހާން ވިދާޅުވިއެވެ.
މިޖަލްސާގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވުމާއި އެމްޑީޕީގެ މެންބަރޝިޕްގެ ކަންތައްތަކާއި، ގޮފިތަކުގެ ރައީސުންނަށް ވުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
އަލިފުށީގައި ފުރަތަމަ ފަހަޜަށް މިބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް އެހެން މެންބަރުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ބާރަށު ޑާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠޯރިގުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވެސް ވަރަށް އަގުހުރި ވާހަކަފުޅުތަކެއް ދެއްކެވިއެވެ.
ރޭގެ ކުލަގަދަ ހަފްލާގައި ރ. އަތޮޅުގެ ރަށްރަށުގެ 4 ކަތީބަކާއި، ބައެއް ރަށްރަށުގެ ޑީއާރުޕީގެ ގޮފީގެ ރައީސުންނާއި އިސް ހަރަކާތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. މިޖަލްސާއަށް ޓަކައި އަލިފުށި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އެމްޑީޕީގެ ވަފްދަށް އެރަށުން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުން އާބާދީގެނިޞްބަތުން މުޅިރާއްޖެއިން ވެސް އެމްޑީޕީގެ މެންބަރުން އެންމެ ގިނަ އަތޮޅަކީ ރ. އަތޮޅެވެ. ކުރިން އެންމެ 400 މެންބަރުން ރ. އަތޮޅުގައި ތިބި ނަމަވެސް މިހާރު އެއަދަދު ވަނީ 1200 އަށް އަރާފައެވެ. އަދި ރ. އަތޮޅުގެ 600 އެއްހާ ފޯމު މިހާރުވެސް އިލެކްޝަނަށް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.