ބައެއް އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ބަދުނާމްކޮށް ހަގީގަތާ ޚިލާފު ވާހަކަ ދައްކަމުންދާތީ އެކަން ކުށްވެރިކުރުން

26 ފެބްރުއަރީ 2010(ހުކުރު)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ބައެއް މީޑިޔާތަކުންނާއި ބައެއް އިދިކޮޅު ފަރާތްތަކުން އެސްއެމްއެސްގެ ޒަރީއާއިންނާއި އެނޫންވެސް ގޮތްގޮތުން ހަގީގަތާ ޚިލާފު ދޮގު ޚަބަރުތައް ފަތުރަމުންދާ ދިއުން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ވޭތުވެދިޔަ ސަރުކާރުން ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި މަސްތުވާ ތަކެއްޗަށް ހުޅުވާފައިވާ ދޮރުތައް ބަންދުކުރުމަށް އެންމެ ހަރުއަޑުން ވަކާލަތުކުރައްވާ އެއްބޭފުޅެއް ކަމަށްވާ މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ އިސްތަށިފުޅުގައި ދޮގު ބަދުނާމު އަޅުވައި، އެމަނިކުފާނު ހެޔޮހާލުކޮޅުގައި އާއިލާއާ އެކު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ސިއްޙީ ހާލަތާއި ގުޅޭގޮތުން އެއްވެސް ޒިންމާދާރު ކަމެއް ނެތި ދޮގު ވާހަކަތަކެއް ފަތުރަމުންދިއުމަކީ މިޕާޓީގެ އާންމު މެންބަރުންގެ ހިތްތަކަށް ނުތަނަސްކަން ވެރިވެ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.
މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ނަންފުޅުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރުކޮޅަކުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ މައްސަލައިގައި މިހާތަނަށް ވެސް ފުލުހުން އާންމުންނަށް ކަމުގެ ހަގީގަތް އެންމެ އެކަށީގެންވާ ގޮތުގައި ހާމަކޮށްފައި ނުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކަށް ވެރިވަމުންދާ ނުތަނަވަސްކަން އިތުރުވަމުންދާތީ ވިހާވެސް އަވަހަށް މި މައްސަލައިގެ ތަޙްޤީގު ނިންމައި ކަމުގެ ހަގީގަތް ހާމަކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރަމެވެ.
އިދިކޮޅު ފަރާތްތަކުން ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި ތަފާތު އެކި އުކުޅު ބޭނުންކޮށް މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިމްތިޔާޒަށް އަރައިގެންފައިވާތީ މިކަމުގައި ޒިންމާވާ ފަރާތްތައް ވީއެންމެ އަވަހަކަށް ހޯއްދަވައި އެބަޔަކާމެދު ފިޔަވަޅު އެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށާއި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް މިޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް