ފިނޭންސް މިނިސްޓަރ އަލީ ހާޝިމަށް ބަޖެޓް ހުށަހަޅުއްވަން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އަޅައިފިނަމަ ޝާހިދަކަށް ވެސް ނާޒިމަކަށް ވެސް މަޖިލީހަށް ވަންނާކަށް ލާހިކެއް ނޫން – މޫސަ

22 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

reekomoosamanik1

ދިވެހި ދައުލަތުގެ މާލީ ވަޒީރު އަލީ ހާޝިމް އަށް 2011 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، އެމަޖިލީހުގެ ނައިބު އަހުމަދު ނާޒިމް އަށް ވެސް މަޖިލީހަށް ވަދެވަޑައިނުގެންނެވޭނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެމްޑީޕީ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ދައުލަތުގެ އެންމެ މަތި ވެރިޔާއަށް ލިބިދިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން އައްޔަންކުރައްވާފައިވާ ވަޒީރެއްގެ ގޮތުގައި އަލީ ހާޝިމް ދެމިހުންނެވިހާ ދުވަހަކު ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ވުޒާރާއިން ހުށަހަޅުއްވަން ޖެހޭ އެއްވެސް އެއްޗެއް ހުށަހެޅުމަށް އެމަނިކުފާނަށް ކުޑަވެސް ދައްޗެއް ނެތް ކަމަށާއި ބަޖެޓް ހުށަހެޅުއްވުމަށް މިނިސްޓަރ އަލީ ހާޝިމް ވަޑައިގަތުމާއި ނުގަތުން އެއީ ޑީއާރުޕީއަށް ނިންމޭނޭ ކަމެއް ނޫން ކަމުގައެވެ.
އެއްވެސް ވަޒީރެއްގެ އިތުބާރުނެތް ކަމަށް ފާސްވާވަރަށް ވޯޓު ލިބިފައިނުވާ ކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ ” އަޅުގަނޑުމެންނަށް ވަރަށް ސާފު، އަޅުގަނޑުމެންގެ ސަރުކާރަށް ވެސް ވަރަށް ސާފު ވަޒީރުން މަޤާމުގައި ދެމި ތިއްބަވާނެކަން. ވަޒީރުންގެ މަޖިލިސް ނުހިނގަންޏާ ރައްޔިތުންގެ މަޖިލިސް ވެސް ހިންގާކަށް ނުކެރޭނެ. ގާނޫނު އަސާސީން ވެސް އަދި އެނޫން ގޮތަކަށް ވެސް ވަޒީރެއް ނޫން ކަމަށް ސާބިތު ނުކުރެވޭހާ ހިނދަކު މަގާމުން އެ ބޭފުޅުން ވަކިނުކުރެވޭނެ. ވަޒީރެއް ނޫން ކަމަށް ސާބިތުވެއްޖެ ނަމަ، އެންމެ ރަގަނޅު ފައިނޭންސް މިނިސްޓަރަށް މަޖިލީހަށް ބަޖެޓެއް ހުށައެއް ނޭޅޭނެ” ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ މިއަދު ނެގި ވޯޓަކީ ސައްޙަ ވޯޓެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އަދި މިއަދު މަޖިލިސް ދޫކޮށް ދިޔައި ވެސް އެ ވޯޓު ސައްހަވާނެ ކަމަކަށް ނޫން ކަމަށެވެ. އަދި މިއަދު އެމްޑީޕީގެ މެންބަރުން މަޖިލިސްދޫކޮށްދިޔައީ ދައުލަތު ބަޖެޓް ފާސްކުރުމާއި، ހެއްކާއި ބެހޭ ޤާނޫނުތައް ފަދަ މުހިއްމު ޤާނުންތަކެއް ހެދުމުގެ މަސައްކަތް މަޖިލީހުގައި ކުރަން ހުރިއިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލިސް ތަޅުއެޅުވިފައި އޮތުމުގެ ބަދަލުގައި، އެކަމާމެދު ވަކި ގޮތެއް ނިމި، މަޖިލީހުގައި ކުރިޔަށްހުރި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލުތަކުގެ މަސައްކަތް ކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ބައެއް ވަޒީރުންގެ މައްޗަށް ރުހުން ނެތްކަމަށް މިއަދު މަޖިލީހުން އެމަޖިލީހުގެ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވަނީ އެއް ވެސް މަޤްބޫލު އުޒުރެއް ނެތި ކަމަށާއި، ޤާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ވަޒީރުން މަޤާމުން ވަކިކުރެވޭނޭ ގޮތް ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުން ހިމެނިފައިނުވާ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ވަރަށް ޚުދުމުޚްތާރު ނިންމުމެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަޒީރަކު މަޤާމުން ވަކިކުރެވޭނީ ހަމައެކަނި އިތުބާރު ނެތްކަމުގެ ވޯޓަކާ ހަމައަށް ގޮސްގެން ކަމުގައެވެ. އަދި އެމްޑީޕީން ހުރިހާ ކަމެއް ވެސް ކުރަމުންދާނީ ޤާނޫނު އަސާސިއާއި ޤާނޫނީ އިމުގެ ތަރަހައިގެ ތެރޭގައި ކަމަށް އަލްހާން ވިދާޅުވިއެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި މޫސައާއި އަލްހާންގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ހާމދު އަބްދުލްޤަފޫރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ވޯޓުގައި ދައުލަތުގެ ހުރިހާ ވަޒީރުން ވެސް އިތުބާރު ނެތް ކަމަށް ކަނޑައެޅޭ ވަރަށް ވުރެ މަތިން ވޯޓު ހޯއްދަވާފައި ވާތީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި އެމްޑީޕީން ވަނީ ހުރިހާ ވަޒީރުންނަށް މަރުހަބާ ދަންނަވާފައެވެ.