މާލޭ ސިޓީން ޕްރައިމަރީ ހަތަރު ކެނޑިޑޭޓުންނަށް ޓިކެޓު ލިބި ހަތަރު ކެނޑިޑޭޓުން ނަން ނަގައިފި

20 ނޮވެމްބަރ 2010

ޢަބްދުﷲ ޖުނައިދު

އަންނަ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީ ކައުންސިލް އިންތިޚާބުގަ އެމްޑީޕީ ޓިކެޓުގަ ވާދަކުރުމަށް ނަން ހުށަހެޅި 4 ފަރާތަކުން ޕްރައިމަރީގައި ވާދަނުކުރާނެ ކަމަށް ބުނެ ނަން އަނބުރާ ނަގައިފި އެވެ.
މާލޭ ކޯޑިނޭޓަރު ޞޮފްވާން ޢަލީއާ ޙަވާލާދީ އެމްޑީޕީ ކެމްޕެއިން އޮފީހުން ބުނީ ހުކުރު ދުވަހާ ހަމަޔަށް ކެނޑިޑޭޓް ނަން އަނބުރާ ގެންދަވާފައިވަނީ މެދު ހެންވޭރަށް ކުރިމަތިލި ހ.ހިކިފިނިފެންމާގޭ އަހުމަދު ނަސީމުއާ، ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލި ގ.ކަކާގެއާގެ ޙުސައިން އާދަމްގެ އިތުރުން ވިލިމާފަންނު ދާއިރާއަށް ކުރިމަތިލި މުޙައްމަދު އިޤްނާޒް ޢަލީ މާކިފް ޢަބްދުﷲ އެވެ.
މިހާތަނަށް ޕާޓީގެ ޓިކެޓް ކަށަވަރުވެފައިވާ 4 ކެނޑިޑޭޓުންނަކީ ޢަބްދުﷲ ޝަފީއު/ގ.ކިޔަވާގެ (ގަލޮޅު ދެކުނު)، ހަސަން އަފީފް/މއ.ޖަނބުގަސްދޮށުގެ (މައްޗަންގޮޅީ އުތުރު)، އަހުމަދު ސަމާހު ރަޝީދު/މ.ސިސްކިން (މާފަންނު އުތުރު) އަދި މާފަންނު ހުޅަނގުން ކުރިމަތިލި މ.ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙް (ފަލާ) އެވެ. ފެބުރުއަރީ 5 ވަނަ ދުވަހު އިލްކެޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުގައި އެމްޑީޕީ ޓިކެޓް މިހަތަރު ކެނޑިޑޭޓުންނަށް ކަށަވަރުވީ އިތުރު ބަޔަކު އެދާއިރާތަކަށް ކުރިމަތިނުލުމާ އަދި ބައެއް ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުންނެވެ. ޕާޓީގެ ޓިކެޓަށް އެދި އެންމެ ނަމެއް ހުށަހަޅާފައިވަނީ ގަލުޅު ދެކުނާއި، މާފަންނު އުތުރާއި އަދި މާފަންނު ހުޅަނގުންނެވެ.