ޖެންޑަރ

ގާނޫނުތަކާ، ސިޔާސަތުތަކާ، މަޝްރޫއުތައް ބައްޓަންކުރެވިފައި ހުންނަންވާނީ ފުރުސަތުތައް ލިބުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވި، އާއިލާގެ ދުޅަހެޔޮކަމާ ގައުމުގެ ކުރިއެރުމުގައި ހިއްސާވާ ގޮތަށް ތަފާތު ދާއިރާތަކުގައި އަންހެނުންނާ ފިރިހެނުން އެއް ހަމައެއްގައި ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމްވެފައި އޮންނަން ޖެހޭނެ

އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި އެންމެނަށް ހަމަހަމަ ފުރުސަތުތައް އިންސާފުވެރިކަމާއެކު ލިބެންޖެހޭނެއެވެ. ގާނޫނުތަކާ، ސިޔާސަތުތަކާ، މަޝްރޫއުތައް ބައްޓަންކުރެވިފައި ހުންނަންވާނީ ފުރުސަތުތައް ލިބުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވި، އާއިލާގެ ދުޅަހެޔޮކަމާ ގައުމުގެ ކުރިއެރުމުގައި ހިއްސާވާ ގޮތަށް ތަފާތު ދާއިރާތަކުގައި އަންހެނުންނާ ފިރިހެނުން އެއް ހަމައެއްގައި ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމްވެފައި އޮންނަން ޖެހޭނެކަމަށް އެމްޑީޕީން ދެކެއެވެ. ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖިންސީ ތަފާތުކުރުމެއްނެތި އެންމެހާ ހައްޤުތައް ކަށަވަރުވާންޖެހޭނެކަމަށް އެމްޑީޕީން ދެކެއެވެ. 2009 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ވަނީ ‘ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީ އެންޑް ފްރޭމްވަރކް ފޮ އޮޕަރޭޝަނަލައިޒޭޝަން’ އެކުލަވާލާ ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިސިޔާސަތުތައް ތަންފީޒުކުރުމުގައި ޝާމިލުކޮށް، ވަޒީފާގެ މާހައުލުގައި އަންހެނުންނާ ފިރިހެނުންނަށް ފުރިހަމަވާންޖެހޭ ކަންކަމާ ބޭނުންތައް ތަފާތުވެދާނެކަން ކަނޑައަޅާފައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 2014 ގައި ޝާއިއުކޮށްފައިވާ ‘މޯލްޑިވްސް ޖެންޑަރ އީކުއަލިޓީ ޑައަގްނޯސްޓިކް އޮފް ސެލެކްޓެޑް ސެކްޓަރސް’ ގައި ވާގޮތުން، ބައިނަލް އަގްވާމީ ޖެންޑަރ ގެޕް އިންޑެކްސް މިންގަނޑުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި އަންހެނުންނަށް ތައުލީމުގެ ފުރުސަތު ފުޅާކޮށް ލިބިފައިވީނަމަވެސް، އެ އިންޑެކްސްގައި ބެލޭ އަނެއް 3 ދާއިރާ ކަމުގައިވާ އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމާ ހިއްސާވުން، ސިއްހީ ޚިދުމަތް އަދި ސިޔާސީ ބާރުވެރިކަމުގެ ގޮތުން ރާއްޖޭގައި އަންހެނުންގެ ދައުރު އެދެވޭ މިންވަރަށްވުރެ ކުޑައެވެ. މުހިއްމު ބައެއް އިގްތިސާދީ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ ކުޑަކަން އެމްޑީޕީން ފާހަގަކުރަމެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ފިރިހެނުންގެ %40 ހިއްސާވާއިރު، އެދާއިރާގައި ހިއްސާވަނީ އެންމެ %2 ދިވެހި އަންހެނުންނެވެ. އެމްޑީޕީގެ ތަސައްވަރަކީ ޖެންޑަރ މެއިންސްޓްރީމިންގްގެ ވިސްނުމުގެ ތެރެއިން ކޮންމެ ސިޔާސަތެއް ކަނޑައެޅިގެން ދާއިރުވެސް އަންހެނުންނަށް އެސިޔާސަތަކުން ކުރާނެ އަސަރު ދެނެގަނެ އަންހެނުންނާ ފިރިހެނުންގެ ތަފާތުކުރުންތައް ކުޑަ ކުރެވޭ ގޮތަކަށް ހުރިހާ ސިޔާސަތެއްވެސް ބައްޓަންވެގެންދިއުމެވެ. އަދި އެފަދަ ސިޔާސަތުތަކުގެ ސަބަބުން ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ހިއްސާ އިތުރުވެ ‘ޖެންޑަރ ގެޕް’ ނުވަތަ ފިރިހެނުންނާ އަންހެނުންނާ މެދު އޮންނަ ފަރަގުތައް ނެތިގެންދިއުމެވެ.

2015ގައި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޮރަލް ސިސްޓަމްސް އިން ޝާއިއުކޮށްފައިވާ ‘ވިމެންސް އެމްޕަވަރމެންޓް އިން ދަ ޕޮލިޓިކަލް ޕްރޮސެސަސް އިން ދަ މޯލްޑިވްސް’ ގައިވާ ގޮތުން ސިޔާސީ ހަރަކާތުގެ ގްރާސްރޫޓް ފަންތީގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި ނަމަވެސް ސިޔާސީ މައިދާނުގައި ނިންމުން ނިންމާ ގިންތީގައި ހިއްސާވަނީ ވަރަށް މަދު އަދަދެކެވެ. ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާއަކީ އެންމެ %5.8 ކަމަށްވާތީ އިންޓަރ ޕާލިމެންޓަރީ ޔޫނިއަންގެ ރޭންކިންގްގައި 154 ގައުމުގެ ތެރެއިން ދިވެހި ރާއްޖެވަނީ 136 ވަނައިގައެވެ. މުޖުތަމައުގެ ނަޒަރިއްޔާގެ ސަބަބުންނާ، އޭގެ ސަބަބުން އަންހެނުންނަށް ކަންކަމުގައި ބައިވެރިވުމާ [ނެޓްވަރކިންގް] ނުވަތަ ގުޅުން ބަދަހިކުރުމުގެ މަގު ހަނި ވެފައިވާތީ ދިވެހި އަންހެނުން ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިލައެވެ.
އެމްޑީޕީގެ ވިސްނުމަކީ މިފަދަ ގޮންޖެހުންތަކުން އަރައިގަނެ ސިޔާސީ ގޮތުން އަންހެނުންނަށް ބޭނުންވާ ހުނަރުތަކަށް އަހުލުވެރިކުރުވާ، ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ހިތްވަރުދީ، ސިޔާސީ މަގާމުތަކަށް ވާސިލްވުމަށް އެހީތެރިވުމެވެ. ‘ޖެންޑަރ ސްޓީރިއޯޓައިޕް’ ކުރުން ނުވަތަ އަންހެނުންނާ ފިރިހެނުންނާ މެދު ގެންގުޅޭ ބޯދާ ވިސްނުމާ ފިކުރުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ކުދިން ތަރުބިއްޔަތުކުރުމާ، ގޭތެރޭގެ އެކި މަސައްކަތާ، ‘އަންޕެއިޑް ލޭބަރ’ ގެ ގޮތުގައި ބެލެވޭ އަންހެނުން ކުރާ ގޭތެރޭގެ މަސައްކަތާ އާއިލާ ބެލެހެއްޓުން ފަދަ ކަންކަމުގައި ފިރިހެނުންގެ ހިއްސާއާ ބައިވެރިވުމާ އެހީތެރިކަން އިތުރުކުރުމަށް ހިތްވަރުދީ ހޭލުންތެރިކަން އުފެއްދުމަށް އެމްޑީޕީން މަސައްކަތްކުރާނެއެވެ.

ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް، 2017ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ އަންހެން ކެނޑިޑޭޓުންނަށް ޕޮޒިޓިވް ޑިސްކްރިމިނޭޝަން ގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ނިންމިއެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. އަދި އަންހެނުން ބާރުވެރިކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެޅި އެންމެ ހަރުދަނާ ފިޔަވަޅެވެ. 2012 ގައި އެމްޑީޕީ ސަރުކާރު ބަދަލުވުމަށްފަހު އަންހެނުން ބާރުވެރިކުރުވުމަށާ ޖެންޑަރ އީކުއަލިޓީއަށް ކުރެވެމުންދިޔަ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސް މުޅިން މަގްސަދު ގެއްލިފައިވީ ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެމަޝްރޫއުތައް އަލުން ރުޖޫއަކޮށް، އަންހެނުންނަށް ކުރާ އަނިޔާ މުޅިން ހުއްޓުވާ، އަނިޔާ ލިބޭ ފަރާތްތަކަށް ހައްގު އިންސާފު ރާއްޖޭގެ ގާނޫނުތަކުގެ އެހީގައާ ބައިނަލް އަގްވާމީ މުއާހަދާތަކާ ނިޒާމްތަކާ މުއައްސަސާތަކުގެ ޒަރީއާއިން ހޯދާދީ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ 5 ވަނަ ލަނޑުދަނޑި ފަދަ ބައިނަލް އަގްވާމީ އަމާޒުތައް ހާސިލްކުރުމަށް މަސައްކަތްކުރާނެއެވެ.