އިޤްތިޞާދު

ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ، ފޯރުންތެރި އިޤްތިޞާދެއް ބިނާކުރުން

އެމްޑީޕީ އަކީ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރައްކާތެރިކަމާއި، ހަމަހަމަކަމާއި އިންސާފްވެރިކަން ކަށަވަރުވެފައި އޮންނަ، ‘ސެންޓަރ ރައިޓް’ އިޤްތިސާދީ ނިޒާމެއް
ޤާއިމްކުރަން ވަކާލާތުކުރާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ ވަކާލާތުކުރަނީ ހުޅުވާލެވިފައިވާ ވިޔަފާރީގެ ނިޒާމަކަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރުވާ ނިޒާމަކަށެވެ. އިޤްތިސާދުގައި މެދުފަންތީގެ ގިނަ ރައްޔިތުން ގިނަވުމަކީ މިނިޒާމުގެ ބޭނުމެވެ.

އެމްޑީޕީ ވަކާލާތުކުރަނީ ސަރުކާރުގެ ޚަރަދުތައް، ދަވްލަތުގެ ޚަރަދަށް ޒިންމާވާންޖެހޭ ޤާނޫނުގެ މިންގަޑުތަކަށް ފެތޭ ޒިންމާދާރު މާލީ ސިޔާސަތަކަށެވެ. ރައްޔިތުންގެ އަތުން ޓެކްސްނެގުމުގެ ބޭނުމަކީ، ލިބޭ އާމްދަނީ ބޭނުންކޮށްގެން އިޤްތިސާދު ފުޅާކޮށް ކުރިއަރާނެ އިންވެސްޓްމެންޓްތަކެއް ކުރުމެވެ. މި އިންވެސްޓްމެންޓްތަކުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ، އާހޯދުންތަކަށް މަގު ފަހިވެގެންދާނެއެވެ. ޓެކްސްގެ ނިޒާމް ވާންޖެހެނީ ވަށާޖެހިފައިވާ އަދުލުވެރިނިޒާމަކަށެވެ. ޓެކްސް ނިޒާމްގެ ތެރެއިން ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ވިޔުގަ ފުޅާކޮށް ހަރުދަނާކުރަންޖެހެއެވެ.

އެމްޑީޕީގެ އިޤްތިސާދީ ސިޔާސަތު ބިނާވެގެންވަނީ ޤަވްމީ އުފެއްދުންތެރިކަން ކުރިއަރާ، ދިގު މުއްދަތަކަށް އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ސިޔާސަތުތަކެއްގެ މައްޗަށެވެ. ތަކެތީގެ އަގު އުފުލޭ މިންވަރު ހުންނަން ޖެހޭނީ މެދުމިންވަރެއްގަ، ބޭރުގެ އިންވެސްޓްމެންޓްތައް ރާއްޖެއާއި މެދު ޝަވްޤުވެރިވާނެ ހިސާބެއްގައެވެ. އިންވެސްޓްމެންޓްތައް ވާންޖެހޭނީ ހުޅުވާލެވިފައިވާ ބިޑިންގ ޕްރޮސެސް އެއްގެ ދަށުން، އޭގެ މަންފާ ޤަވްމަށް އެންމެ ބޮޑުވާނެ ގޮތަކަށް ގެނެވޭ އިންވެސްޓްމެންޓްތަކަށެވެ. އެމްޑީޕީ ދެކެނީ ޤަވްމީ އުފެއްދުންތެރިކަން އިތުރުކުރަންޖެހެނީ ހުޅުވާލެވިފައިވާ އިންވެސްޓްމެންޓްތަކުގެ ތެރެއިންކަމަށެވެ. ދަރަނި އިތުރުކޮށްގެން ނޫނެވެ. ދަވްލަތުގެ ދަރަނީގެ ސިޔާސަތުވެސް ބައްޓަންވެ ހުންނަންވާނީ ދަވްލަތުގެ ޚަރަދަށް ޒިންމާވާންޖެހޭ ޤާނޫނުބުނާ މިންގަޑުތަކަށް ފެތޭ މިންގަޑަށެވެ. ޤަވްމީ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށްވުރެ ކޮންމެ އަހަރަކު ދަރަނި އިތުރުވަމުންދާނަމަ އެއީ ނުރައްކާ ހާލަތެކެވެ.