ދުޅަހެޔޮ މުޖުތަމައުއެއް ކުރިއެރުވުމަށް ‘ސްޕޯޓްސް ފޮ އޯލް’ ނުވަތަ ހުރިހާ އުމުރެއްގެ ހުރިހާ އެންމެނަށް ކުޅިވަރުގެ ހިދުމަތްތަކާ ވަސީލަތްތައް ފޯރުކޮށްދީ ކުޅިވަރުގެ ޒަރީއާއިން ހަރަކާތްތެރިވެ އުޅޭން މަގުފަހިކޮށްދިނު
އެމްޑީޕީގެ ކުޅިވަރު ކުރިއެރުވުމުގެ ސިޔާސަތު ބިނާވެފައިވަނީ، ކުޅިވަރަކީ ހަމައެކަނި ޒުވާނުންނަށް އޮންނަ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ދުޅަހެޔޮ މުޖުތަމައުއެއް ކުރިއެރުވުމަށް ‘ސްޕޯޓްސް ފޮ އޯލް’ ނުވަތަ ހުރިހާ އުމުރެއްގެ ހުރިހާ އެންމެނަށް ކުޅިވަރުގެ ހިދުމަތްތަކާ ވަސީލަތްތައް ފޯރުކޮށްދީ ކުޅިވަރުގެ ޒަރީއާއިން ހަރަކާތްތެރިވެ އުޅޭން މަގުފަހިކޮށްދިނުމަށެވެ. އަދި ލާމަރުކަޒީ ނިޒާމާ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ގައުމީ މުބާރާތްތައް މުޅި ރާއްޖެއަށް ހުޅުވާލާ، ރާއްޖޭގެ އެކި ހިސާބުގައި ކުޅިވަރުތައް އާލާކޮށް ކުޅިވަރު ޖަމިއްޔާތައް ބާރުވެރިކުރުމަށެވެ. އަދި އެމްޑީޕީ ސަރުކާރަކުން ކުޅިވަރު ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ، ފުރުސަތުތައް ފަހިކޮށް، ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އަދި ޕްރޮފެޝަނަލް ކުޅުންތެރިންނަކީ ކުޑަކުދިންނާ ޒުވާނުންނަށް ރޯލް މޮޑެލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ބަޔަކަށްވާތީ، އެކި ހުނަރާ ތަމްރީން ފޯރުކޮށްދީ ކުޅިވަރުތައް ކުރިއަރުވާ ހިންގުމުގައި ޝާމިލުކޮށް، ރިޓަޔަރ ކުރުމަށްފަހުވެސް ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ހިއްސާވެވޭނެ ފުރުސަތުތައް ފޯރުކޮށްދީ ޕެންޝަން ސްކީމެއް ގާއިމްކޮށްދޭން ޖެހޭނެއެވެ.
އެމްޑީޕީން ދެކޭ ގޮތުގައި ޅައުމުރުގައި ކުޅިވަރުގެ އެކި ހުނަރު ހުރި ކުދިން ދެނެގަނެ ތަމްރީންތައް ދިނުމާ، ރާއްޖެއަށް ކާމިޔާބު ލިބޭނެ ފަދަ ކުޅިވަރުތައް ދެނެގަނެ މިކުޅިވަރުތަކަށް އިސްކަން ދިނުމަކީ މުހިއްމު ކަންކަމެވެ. އަދި މޫދު ކުޅިވަރަކީ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުޅިވަރަކަށްވެފައި، ފަތުރުވެރިކަމާ އަދި ހާއްސަކޮށް އައިލަންޑް ޓުއަރިޒަމަށްވެސް ނަފާވާ ދާއިރާއަކަށް ވުމުން މޫދު ކުޅިވަރުތައް ކުރިއަރުވާ ޒުވާނުންނަށް މިދާއިރާއިން ފުރުސަތު ހޯދައިދިނުމަށޤ އިސްކަމެއްދޭން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ.