12 އޮކްޓޯބަރ 2010
ލިޔުނީ: ޙަސަން މާހިރު، ހުޅުދޫ
ރައީސް ނަޝީދަކީ، ދިޔަމިގިލީ ރަސްމަތިފުށުގެ އަދި ޝަމުސުއްދީން ބޮޑު ފަނޑިޔާރު ދަރިކޮޅުގެ ބޭފޫޅެކެވެ.
ރައީސް ނަޝީދަކީ ހަސަބާއި ނަސަބު ހަރުދަނާ ބޭފުޅެކެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނެ ވީތީ، އެއީ ރައްޔިތުންނާއި، ދައުލަތުގެ މައްޗަށް ސަރުކާރުން އެކަށައަޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ދުއްޕާންކޮށް ގައުމު ފިތުނަވެރި ކުރުވަންޖެހޭ، ކަމެއްނޫނެވެ. އެކަހަލަ ބޯދާ ވިސްނުން ގެންގުޅެނީ ޖާހިލުންނެވެ. ޑިމޮކްރަސީގެ ތަޙުޒީބް ވިސްނުންތަކުގެ ތެރެއިން ފެށިގެންއަންނަ ޑިމޮކްރަޓިކް ވެރިކަމަކީ، ވަކިޚާންދާނެއްގެ މައްޗަށް ވާރުތަކުރާ ވެރިކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ ރުޙުންލިބި އަޢުލަބިއްޔަތުގެ މައްޗަށް އިންތިޙާބުކުރާ ޤާނޫނީ ވެރިކަމެކެވެ. ރާއްޖޭގައި ދެމިގެން ދިޔަޝާހީ ރަސްކަން ވެސް ނެތި ހިނގައްޖެއެވެ. ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ދަރިކޮޅު ކުރުގޮތަކަށް ބަޔާންކުރާ ހުށީމެވެ. ތާރީޚީ ސަފްޙާތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދުގެ ބައްޕާފުޅު އަލްމުޙުތަރަމް އަބްދުއްސައްތާރުގެ މައިކަނބަލުން ނިސްބަތްވެ ވަޑައިގަންނަވަނީ މިރާއްޖެ އުފެއްދި އެންމެބޮޑު އިލްމީ ޚާންދާން ކަމުގައިވާ އަލްއައްލާމާ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން އައްޑޫ ބޮޑު ފަނޑިޔާރު ތައްޚާނުގެ އިލްމީ ދަރިކޮޅަށެވެ. އެއީ ފުވައްމުލަކު ބޭކަނބަލެކެވެ. އެހެންމެ ދިޔަމިގިލީ ރަސްމަތިފުށުގެ ޚާންދާނަށް ވެސް އެމަނިކުފާނު އެދަރިކޮޅުން ނިސްބަތް ވެވަޑައިގަނެއެވެ. ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ މައިކަނބަލަކީ ވެސް އައްޑޫ ބޮޑު ފަނޑިޔާރު އަލްޤާޟީ މުހައްމަދު ޝަމުސުއްދީން ބޮޑު ފަނޑިޔާރު ތައްޚާނުގެ ދަރިކޮޅެވެ. އަދި އައްޞުލްޠާން އިބްރާޙިމް މުޒުހިރުއްދީން އިސްދޫ ޚާންދާނަށް ނިސްބަތްވާ ބޭފުޅަކަށް ވީހިނދު، މައިފުށުގެ ފަރާތުން ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫން ނިސްބަތްވެ ވަޑައިގަންނަ ވަނީ އެއްޚާންދާނެއްގެ މައްޗަށެވެ.
21 ވީސްވަނަ ޤަރުނުގެ ތަހުޒީބު ވިސްނުމުގެ މައްޗަށް ރިޢާޔަތްކޮށް، ގައުމުގެ ސިޔާސީ ނައު ދުއްވަމާ ހިނގާށެވެ! ދިވެހި ސަރުކާރު ޤާނޫނީ ގޮތުން ޖަވާބުދާރީ ކުރުމުގެ ޤައުމީ ބޮޑު ޒިއްމާ އެޅިފައިވާ އިދިކޮޅު އިއްތިހާދުގެ މަގުޞަދު އޮތްގޮތާއި މެދު ސުއާލު އުފެދެއެވެ. އިދިކޮޅު އިއްތިހާދުގެ އަމަލާއި، މަންޒަރުތަކުގެ މައްޗަށް ވިސްނާއިރު، ގަބޫލުކުރެވެނީ ސިޔާސީ ކަންކަން ޒާތީ ސިފަތަކުގެ މައްޗަށް މިރާއްޖޭގައި ބަދަލުވެފައިވާ މަންޒަރެވެ. މިއީ ސިޔާސީ ނަޒަރަކުން ވިސްނާއިރު، ގައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ކަންކަމުގެ ތެރެއިން ރައްޔިތުންނަށް ވެރިކަމުގެ ބާރުތަކުގެ ތެރެއިން މަންފަޢަ ކުރާނެ އުސޫލު ތަކެއްނޫނެވެ. އަޅުގަނޑު މެންގެ ބޯދާ ވިސްނުން ދޫކޮށްލަމާ ބަހީއެވެ! ފިނިހަނގުރާ މައިގެ ބޯދާ ވިސްނުން އިންސާނުންގެ މެދުގައިފަނާވެ ނެތި ހިނގައްޖެއެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު އދ އުފެދި ދުނިޔޭގެ ޗާޓްކުރެހި ގައުމުތަކުގެ މެދުގައި ހުރި ސަރަހައްދީ ތަފާތު މައްސަލަތައް ހައްލުކުރުމުގެ ފުރުޞަތު ލިބި ދުނިޔޭގެ ތަފާތު ކަންކޮޅު ތަކުގައި ތިބި ބޮޑެތި އަދި މެދުފަންތީގެ ގައުމުތަކަށް މިނިވަންކަން ލިބި ހަށިފޮޅާލިއެވެ. އިންސާނުންގެ ވިސްނުން ތަހުޒީބު ވެއްޖެއެވެ. ދުނިޔޭގައި އެއްގައުމުން އަނެއްގައުމު އިސްތިޢުމާރު ކުރުމުގެ ޖާހިލު ވިސްނުން އިންސާނުންގެ ކިބައިން ނެތި ހިގައްޖެއެވެ. ނަސްލީ އިމްތިޔާޒުގެ ނުބައިވަބާ އިންސާނުންގެ ތެރެއިން ދަނީ ނެތެމުންނެވެ. ސައުތުއެފްރިކާގެ ދޮންމީހުންގެ ހުވަފެން ބިލާހަކަށްވެ، އެމެރިކާގެ އަށް ހިޖުރަކުރި ކަޅުނަސްލުގެ މީހުން ބޮލަށް ސަވާރުވީ ދޮންމީހުންގެ ނަސްލީ އިމްތިޔާޒް ބިލާހަކަށްވެ މިއަދު އެމެރިކާގެ ރައީސްކަމުގެ ޒަޢާމަތުގައި އިންނެވީ ކަޅުނަސްލުގެ އޮބާމާއެވެ ޢިބްރަތް ޙާސިލްކުރާށެވެ!
ތާރީޚީ ނަޒަރަކުން ވިސްނާއިރު، އިބްރާހިމް ނާސިރުގެ ޒަޢާމަތުގައި ޓޫރިޒަމްގެ ސިނާޢަތު ރާއްޖޭގައި ގާއިމުކުރެވުނެވެ. ރާއްޖޭގައި ޒަމާނުއްސުރެ، ކުރަމުންއަންނަ މަސްވެރިކަމުގެ ސިނާޢަތަށް އިންޖީނު އެޅި ދޯނިފަހަރުގެ އިންގިލާބެއް ގެނަސް ދެއްވިއެވެ. އެއަރޕޯޓް ހައްދަވާ ވައިގެދަތުރު ފަތުރުގެ ނިޒާމް ތަޢާރަފް ކުރެއްވިއެވެ. އެދުވަސްވަރު އޭޝިޔާގައި އޮތް އެންމެ ބޮޑު ޝިޕިންގލައިން ރާއްޖޭގައި ގާއިމުކޮށް ދެއްވިއެވެ. ޓީވީއާއި، ޓެލެ ކޮމިއުނިކޭޝަންގެ ޚިދުމަތް ރާއްޖޭގައި ފައްޓަވާ ދެއްވިއެވެ. ރާއްޖެ އިނގިރޭސިންގެ ބެލެނިވެރި ކަމުގައި އޮތް ހިމާޔަތުން މިނިވަންކޮށް ދެއްވިއެވެ. ޔަގީނުން ވެސް އެ މަނިކުފާނުގެ މިފަދަ ޙިދުމަތުގެ ސިލްސިލާ ދިގެވެ. ނަމަވެސް ގައުމުއޮތީ ތަރައްޤީއަށް ބޭނުންވެފައެވެ. އެހެންކަމުން އިބްރާހިމް ނާސިރު، މިރާއްޖޭގައި ގާއިމިކޮށް ދެއްވި ތަރައްގީގެ ބިންގާ ފުޅާކޮށް، ހަރުދަނާ ކުރުމަށް ދިވެހިން އެބައި މީހުންގެ ވެރިކަމުގެ ނައު ދުއްވުމުގެ ބޮޑު މަސްއޫލިއްޔަތު ޙަވާލުކުރެއްވީ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުލް މަހައްލީއާއެވެ. ދިވެހިންނަށް ގަބޫލުކުރެވު ގޮތުގައި ޒަމާން ތަންދިން ތަނަވަސް ކަމުގެ އަލީގައި ރާއްޖޭގެ ކަންކޮޅުތަކަށް ތަރައްގީގެ ރާހަތު ގެނަސް ދެއްވާނެ އެބައިމީހުންގެ ސިންދުބާޒަކީ އެއީއެވެ. ނަމަވެސް، ކަންވީ އެހެނެއް ނޫނެވެ. 1985 އިން 1990 އަހަރާއި ހަމައަށް މުޅި ދުނިޔޭގެ އިގުތިޞާދު އިހާޖަހާ ދޮންވެ ފައްކާވީ އިރު، ރާއްޖޭގެ އިގުތިޞާދު ވެސް އޮތީ ދޮންވެ ފައްކާވެފައެވެ. އެހެނަސް، އެއިރު ރާއްޖޭގެ ވެރިކަމުގައި އިންނެވި ވެރިޔާ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކޮށްފައި ވަނީ ޢައިރު ޒިއްމާދާރު އުސޫލެއްގެ މައްޗަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގެ މައްޗަށް އަޅުގަނޑު ގަބޫލުކުރާ ހަމަތަކެވެ. ކުރެއްވިހާ ވެސް ކަމަކީ، ދިވެހިންގެ ބައިތުލްމާލުން ބޮޑު ޚަރަދުކޮށް، ރިޔާސީ ބޮޑު ގަނޑުވަރު އަޅުއްވާ ލަގްޒަރީ ޔޮޓްހޯއްދަވާ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި އިސްރާފް ކުރެއްވީއެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، 30 އަހަރުވީ ވެރިކަމުގެ ތެރެއިން ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުން ތިބީ ސާފްބޯފެނުން މަހުރޫމު ވެފައެވެ. ނަރުދަމާ ނިޒާމެއް ނެތި ބަލިމަޑުކަމުގެ ތެރޭގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުއޮތީ ފަޅުވެފައެވެ. އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދާ އައްޑޫ ގަން، އޮތީ ޚަރާބުވެފައެވެ. އެއަރ މޯލްޑިވުސް ބަނގަރޫޓްވެ އެމްޓީސީސީ އިންޓަރ އެޓޮލް ފެރީގެ ނަމުގައި ދަގަނޑު ބޯޓްފަހަރުގަނެ އެއިން އެއްވެސް ބޭނުމެއް ނުކުރެވި ދަބަރަށް ވެގެންދިޔައެވެ. އެމްއެސްއެލް ޝިޕިންލައިން ބަނގަރޫޓް ވެގެންދިޔައެވެ. އަމިއްލަ ގައުމުގެ ރައްޔިތުންގެ މައްޗަށް ކުޑަސިޓީ ތަޢާރަފްކޮށް، މަސްތުވާ ތަކެތީގެ ވަބާ ރާއްޖެއަށް ފެތުރިގެން ދިޔައެވެ. އިސްރާފް ބޮޑު ސަރުކާރެއްގެ ސަބަބުން ގައުމުގެ ތަނަވަސްކަން ޚަރާބުވެ ރައްޔިތުންގެ ތަނަވަސްކަން ކުޑަވެ ދައުލަތުގެ މާލިއްޔަތުން އިސްރާފް ކުރެވުނެވެ. އެހެންކަމުން ރައްޔިތުން ތިބީ ފަގީރު ބަޔަކަށް ވެފައެވެ. ދިގު 30 އަހަރުގެ ޒަޢާމަތުން ޒިއްމާދާރު ގޮތެއްގައި ވެރިކަން ކުރެވުނުނަމަ، ގައުމު ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބުނެވެ.
މައުމޫނުގެ ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ލިބުނު ޢިޖުތިމާޢީ އިގުތިސާދީ އަދި ސިޔާސީ ހުސްކަމުގެ ކެހިވެރިކަން، ނައްތާލުމުގެ ޤައުމީ މަސްއޫލިއްޔަތު މިއަދު ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅަކީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދެވެ. އެކަމުގެ މައްޗަށް ހަސަދަވެރި ނުވާށެވެ’ އެއީ ޤުދުރަތުގެ ނިޔާއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަކީ ރައްޔިތުންނާއި، ގައުމަށް ހެޔޮއެދޭ މީހުންގެ ނަމުގައި ތިބެ ތިމާމެންގެ ބޭރުފުށުން އިޚުލާސްތެރިކަން ދައްކާ ރައްޔިތުންގެ މަޖިލީސް ތަމްސީލުކޮށް، ބޮޑާކަމާއި، ކިބުރުވެރި ކަމުގެ ނިޔަތުގައި ޤާނޫނީ ވެރިކަމުގެ ހުކޫމަތު މައްޗަށް އޮޅުންއަރާ ފަދަ ބިލުތަށް ޑުރާފްޓްކޮށް، މަޖިލީހަށް ހުށަހަޅުއް ވަމުން ގެންދަވާކަމީ ހިތާމަކުރަން ޖެހޭ، ކަމެކެވެ. އެހެނީ އަމިއްލަ އެދުމުގެ ކުރިމަތީގައި ގައުމީ މަސްލަޙަތު ޤުރުބާންކޮށް، އުއްމަތުގެ ތެރޭގައި ތިބި މައުސޫމު ލޮބުވެތި ރައްޔިތުންގެ ވިސްނުން ސިޔާސީ ކަންކަމުގެ މައްޗަށް ތަޢައްޔަރުކޮށް، ހަގީގަތުގެ މައްޗަށް ދެބޯގެރި ދުއްވާ ގާނޫނީ ވެރިކަމާއި، ޚޮދުމުޚުތާރު ވެރިކަމާއި ޝާހީ ރަސްކަމުގެ ހުރި ތަފާތުވެސް ލޮބުވެތި ރައްޔިތުންގެ މެދުގައި އޮޅުވާ، މިއަދު ގައުމު ފިތުނަވެރި ކުރުވަމުންދާ މަންޒަރަކީ، ގަބޫލު ކުރެވޭނެ ކަމެއްނޫނެވެ. ވަކިބޭފުޅަކު ވެރިކަމުގައި ހުންނެ ވީތީ، ގައުމަށް ފައިދާހުރި ސިޔާސަތަކީ ދޫކޮށްލަން ޖެހޭ، ސިޔާސަތު ތަކެއް ހެއްޔެވެ؟ އެކަހަލަ ބޯދާ ވިސްނުން ގެންގުޅުނީ ޖާހިލުންނެވެ. ރައީސް ނަޝީދާއި، ރައީސް މައުމޫން މައިފުށުގެ ފަރާތުން ނިސްބަތްވެ ވަޑައިގަންނަ ވަނީ އެއްޚާން ދާނެއްގެ މައްޗަށެވެ. ރައީސް ނަޝީދަކީ ހަސަބާއި ނަސަބު ހަރުދަނާ ބޭފުޅެކެވެ.
• ތާރީޚީ މައުލޫމާތު އިބްރާހިމް ބަހާއުއްދީން ރަޙިމަހުއްﷲގެ ފަތްފުއްތަކުން. ހުޅުދޫ އެޅެހިށިގެ