ރައްޔިތުންގެ މަޖިލިސްގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހުލޫފް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރު ހާލަތަށް ގޮސްފައިވާތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުން

ރައްޔިތުންގެ މަޖިލިސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވެ ވަޑައިގެންނެވި ހާލަތަށް ޖަލުގައި ކަންކަން ގޯސްވެފައިވުމުގެ ސަބަބުން އެފަދަ ހަޅުތާލެއް ފައްޓަވާފައިވާކަމުގެ ޙަބަރު ލިބިފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިންތިޙާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

އަޙްމަދު މަޙްލޫފް ޖަލަށްލައި ނުޙައްޤު އަދަބު ދެމުން އެގެންދަނީ އަބްދުﷲ ޔާމިންގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވަމުން ގެންދެވުމުގެ ސަބަބުންނެވެ.

އިންސާފުން އެއްކިބާވެފައިވާ ޝަރީޢަތަކުން އަޙަމަދު މަޙްފޫފް ޖަލަށްލުމަށްފަހުގައި ވެސް އޭނާއާއި މެދުގައި ނާއިންސާފުގެ މައްޗަށް ނާއިންސާފު ވަމުންދާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ. އެގޮތުން އޭނާގެ މައްޗަށް އިއްވުނު ދެ ޙުކުމުގެ ތެރެއިން އެއް ޙުކުމުގެ މުއްދަތު ނިމި ދިޔައިރުވެސް ހައިކޯޓަށް އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައެއް އެ ކޯޓުން ބަލާފައިނުވެއެވެ. ހަމައެފަދައިން އެ ޙުކުމްގެ މުއްދަތު ނިމިދިޔައިރުވެސް ޕޭރޯލްގެ މައްސަލަ ބަލައި ޕޭރޯލްގެ ޙައްޤު ވެސް ދީފައި ނުވެއެވެ.

މިހެން މިކަން އޮތްއިރު، އަޙްމަދު މަހްލޫފް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާއި، ވަކީލުންނާއި ބައްދަލުކުރުމުގެ ހައްޤު ނުދީ ހިފަހައްޓާފައިވާތާ އެތަކެއް މަސްދުވަސް ފާއިތުވެފައިވެއެވެ. އަދި ޖަލުގެ ކެއުން ހުންނަގޮތުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ. ހަމައެފަދައިން ޑޮކްޓަރަށް ދެއްކުމުގައިވެސް ހުރަސްތަކެއް ކުރިމަތިކުރަމުންދެއެވެ. އަދި ރާއްޖެއިން ބޭރުން އަޙްމަދު މަޙްލޫފް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ގަޔަށް ކޮންމެ 3 މަހަކުން އެއްފަހަރު ޖެހުމަށް ޑޮކްޓަރު ލަފާދެއްވި ޙާއްސަ އިންޖެކްޝަންގެ ޑޯޒް ހަމަވާއިރުވެސް އޭނާއަށް އެ އިންތިޒާމު އަލުން ހަމަޖައްސައި ނުދީ ބޭސްފަރުވާ ކުރުމަށް ސަރުކާރުން ހުރަސް އަޅަމުން ދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

މިފަދަ ގިނަގުނަ ސަބަބުތަކާހުރެ އަޙްމަދު މަޙްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވައިފައިވާތީ މި މައްސަލަތައް ވަގުތުން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަނެއްކާވެސް ގޮވާލަމެވެ. އަދި އަޙްމަދު މަޙްލޫފަށް ސަރުކާރުން ދެމުން އެގެންދާ ނުޙައްގު އަދަބާއި އަނިޔާ ވަގުތުން ހުއްޓާލައި އޭނާ މިނިވަންކުރުމަށް ސަރުކާރަށް ގޮވަލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 26 މާޗް 2017