ފާފު އަތޮޅާ ގުޅިގެން ރައްޔިތުންނަށް ބިރު ދައްކައި ފުރައްސާރަކުރުން ހުއްޓާލުމަށް ފުލުހުންނަށް އިލްތިމާސް ކުރަން

ފާފު އަތޮޅު ވިއްކާލުމަށް ނިންމައި އެ އަތޮޅުގައި ކުރުމަށް ނިންމާފައިވާ ކަންކަމާ ގުޅޭ ގޮތުން ޢަބްދުﷲ ޔާމީނާއި ވަޒީރުން މައުލޫމާތު އާންމުކުރުމުން ރައްޔިތުންގެ އެތައް ބަޔަކު ނުރުހުން ފާޅުކޮށް ފާފު އަތޮޅުގައި ކުރުމަށް ނިންމާފައިވާ ކަންކަން ް ހާމަކޮށްދިނުމަށް އެދުމުން އެފަރާތްތަކަށް ބިރު ދައްކައި ފާފު އަތޮޅާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރަމުންދާ މީޑިޔާތަކަށާއި، ނޫސްވެރިންނަށާއި، ސޯޝަލް މީޑިޔާގައި ހަރަކާތްތެރި ފަރާތްތަކަށް ސަރުކާރުން ފުރައްސާރަކުރަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.

ފާފު އަތޮޅު ވިއްކާލުމުގެ ވާހަކަ ޚުދު ޢަބްދުﷲ ޔާމީން ހާމަކޮށް ސަރުކާރުގެ އެކިއެކި ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ދުވަސްވަރެއްގައި ފާފު އަތޮޅުގެ ރައްޔިތުންނާ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށްވެސް ހިއްސާކޮށްފައެެއް ނުވެއެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިހާއި، މުޅި ދައުލަތަށް ސިއްރުން ކުރަމުންދާ ކަންކަމުގައި އެކިފަހަރު އެކި ބަހަނާތައް ދައްކައި ސިއްރިއްޔާތުގައި ކުރާ ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުން އަންނަކަން އެމް.ޑީ.ޕީން ފާހަގަ ކުރަމެވެ. މިފަދަ ގޮތަކަށް މިކަން ހިންގަމުން އަންނަ އިރު ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުންކޮށް ރައްޔިތުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުން އެފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާންތައް ނަގައި ހެދުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ޤާނޫނާ ޚިލާފް ޖަރީމާއެކެވެ. އަދި ފުލުހުންގެ މުވައްސަސާގެ މިނިވަންކަން ގެއްލިފައިވާކަމުގެ ހެއްކެކެވެ.

ފާއިތުވީ މަސްދުވަހުގެ ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިން ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރުމާއި، ކުއްލި ގޮތަކަށް އެ ޗެނެލް ޖޫރިމަނާކުރުމާއި، ސޯޝަލް މީޑިޔާގައި ޙާރަކާތްތެރިވާ ޝައްމޫން ޖަލީލާއި ޠައްޔިބު ޝަހީމް ފުލުސް އޮފީހަށް ހާޒިރުކޮށް 3 މަސްދުވަހުގެ މުއްދަތައް އެމީހުންގެ މޮބައިލް ފޯނު އަތުލައި، ށ. ބިލެތްފަހީގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ ފަރާތްތައް ހާޒިރުކުށް ފާފުއަތޮޅާ ބެހޭގޮތުން ވާހަކަނުދެއްކުމަށް ބުނެ ސޮއިކުރުވައި، ހއ. ދިއްދޫ އެމް.ޑީ.ޕީ އިސްވެރިން ހާޒިރުކޮށް ފާފު އަތޮޅާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކައި ލިޔުންތައް ޝާއިއުކޮްށްގެން ނުވާނެކަމުގައި އިންޒާރުދިނުމަކީ ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ފާޅުކަންބޮޑުގޮތުގައި ފުލުހުން އަރައިގަތުމެވެ.

ރާއްޖޭގެ އެއް އަތޮޅާ ގުޅޭ ގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތައް ރައްޔިތުންނަށް ސާފުވާންޖެހެއެވެ. އަދި އެކަމާ މެދު ހާމަކަންބޮޑުގޮތެއްގައި ވާހަކަ ދެކެވި ރައްޔިތުންގެ ބައިވެރިވުން އެކަމުގައި ހިމެނެން ޖެހެއެވެ. ފާފު އަތޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާއިރު ސަރުކާރުން ޖަވާބުދާރީވާންޖެހޭނެއެވެ. އަދި ފުލުހުންނާއި، ސިފައިންނާއި، ދައުލަތުގެ އެންމެހައި ފަރާތްތަކުންވެސް ރައްޔިތުންގެ ޚިޔާލުފާޅުކުރުންތަކަށް އިހްތިރާމްކޮށް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަ ދިނުމަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 12 މާޗް 2017