mdp_banner

Sunday, March 5, 2017

ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި

މިއަދު މެންދުރުގެ ވަގުތެއްގައި މުޅި މާލެއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމަށާއި، ވިޔަފާރިތަކަށާއި، އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތި އުނދަގޫތަކާ ކުރިމަތިވުމަށް މެދުވެރިވެފައިވާތީ އެކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައަކުން ދަށްވެ، މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކުރަމެވެ.

ޢަބްދުﷲ ޔާމީންގެ ސަރުކާރުން “ކަރަންޓު ޔަގީން” ، “ފެން ޔަގީން” ފަދަ ސިޔާސަތުތައް ކެމްޕޭން ދުވަސްވަރުގައި އިއުލާންކޮށްފައިވީނަމަވެސް ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައެވެ. ކަރަންޓު ޔުނިޓުގެ އަގު އެތައްފަހަރަކު ބޮޑުކޮށް އަތްނުފޯރާފަށަށް މައްޗަށްގޮސްފައިވެއެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުކުރަމުންދާއިރުވެސް ޚިދުމަތުގެ ފެންވަރުވަނީ އެތައް ގުނައަކުން ދަށްވެފައެވެ.

މާލޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު ދަށްވެ ކުއްލިގޮތަކަށް ޚިދުމަތް މެދުކެނޑުން ފަދަ ކަންކަން ކުރިމަތިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިންތިހާއަށް ސިޔާސީވެ، އެކުންފުނިތަކަކީ އަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމްގެ އަމިއްލަ މުދާ ކަމުގައި ޤަބޫލުކޮށް ކުންފުނިތަކުގައި މަސައްކަތްކުރާ ފަންނީ ސްޓާފުން ވަޒީފާއިން ވަކިކޮށް ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާދީ މުޅި ތަނުގެ މަސައްކަަތުގެ މާޙައުލު ކިލަނބުކޮށްފައިވާތީއެވެ. އަދި މިތަންތަނުގެ ވެރިން މަޖުބުރުކޮށްގެން މުވައްޒަފުން ޕީޕީއެމްއަށް ވެއްދުުންފަދަ ސިޔާސީ މަސައްކަތުގައި ހޭދަކުރާތީކަމުގައިވެސް ދެކެމެވެ.

މާލޭގައި ކަރަންޓު ކެނޑި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ މައްސަލަތައް މިހާރު އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާލެ ތޮށްޖައްސައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރުން ހިމެނެއެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމުގައިވާތީ ރާއްޖޭ ތަރައްޤީ ކުރެވޭނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަރައްޤީ ކުރެވިގެންނެވެ. މުޅި އާބާދީ މާލެއަށް ގެނެސް ތޮށްޖެހުމުން މިފަދަ އެތައް މައްސަލަތަކާ މުސްތަޤްބަލުގައިވެސް ރައްޔިތުން ކުރިމަތިލާން ޖެހޭނެއެވެ.

2014 ވަނަ އަހަރު އެމް.ޑަބްލިއު.އެސް.ސީގެ ޕެނަލް ބޯޑެއްގައި ރޯވުމުގެ ސަބަބުން މާލެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި އެތައް ދަތިތަކަކާ ކުރިމަތިވެ، ރައްޔިތުން ފެނަށް ޖެހެން މެދުވެރިވިއެވެ. އެކަމާ ގުޅިގެން އެދުވަސްވަރު އުފެއްދި މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް ލިބިފައިވާ 107 މިނިއަނަށްވުރެ ގިނަ ރުފިޔާއިން މިފަދަ ކަންކަން ޙައްލުކުރުމަށް ކުރެވިފައިވާ ކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 5 މާޗް 2017

No Comments »

No comments yet.

Leave a comment