އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ޢާންމު އުސޫލު އެއްފަރާތްކޮށް، ތިން މަރުޙަލާ އެއްކޮށްލައި، އަދި ވޯޓުލާ ގަޑިއަށް ބަދަލުގެނެސް، މިއަދު ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުނު “ލޯކަލް ކައުސިލުތަކުގެ އިންތިޚާބާ ބެހޭ ޤާނޫނު” އަށް ބަދަލު ގެނައުމުގެ ބިލަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ޕާރލަމެންޓްރީ ގްރޫޕުން ވޯޓު ނުދީ ރަތް ޖެހުމަށް ނިންމައި އެގޮތަށް ޢަމަލުކުރި ސަބަބު ހާމަކުރުމުގެ ގޮތުން ދަންނަވަމެވެ.

އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް ޤަބޫލުކުރާ އުސޫލަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިންޖެހޭނޭކަމަށެވެ. އަދި ޕީ.ޕީ.އެމް.ގެ މުސްތަޝާރު ޢަބްދުﷲ ޔާމިންގެ ފެކްޝަނުން އިންތިޚާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން ދައުލަތުގެ މުވައްސަސާތައް ނަހަމަގޮތުގައި ބޭނުންކޮށް ޤާނޫނުގައިވާ ތާރީޚަށް ކައުންސިލުތަކުގެ އިންތިޚާބު ނުބާއްވައި، އެކިފަހަރު މަތިން ލަސްކުރަމުންދާ ދިއުމަކީ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ޙައްޤަށް އަރައިގަތުންކަމަށެވެ. މި ޢަމަލު މިގޮތަށް ހިންގުމުގެ އިތުރުން، އިންތިޚާބެއްގެ މެދުތެރެއިން ނުވަތަ އިންތިޚާބެއް ކުރިމަތިވެފައިވަނިކޮށް ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމަށް ޤާނޫނަށް ބަދަލުގެނައުމަކީ އިންސާފުވެރި އަދި ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ޚިލާފު ޢަމަލެއްކަމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ދެކެމެވެ.

މިގޮތަށް ޝަރުތުތަކަށް ބަދަލު ގެނައި އިރު، ޤާނޫނުގައިވާ ތާރީޚާ އެއްގޮތަށް އިންތިޚާބަށް ތައްޔާރުވެ، ކެންޑިޑޭޓުން ނެރޭ ޕާރޓީއެއްގެ ގޮތުން އެމް.ޑީ.ޕީން މާކުރިން ޕްރައިމެރީ ބާއްވައި ކެންޑިޑޭޓުން ހޮވާފައިވަނިކޮށް، އަނެއްކާ އެހެން ގޮތަކަށް ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ޤަބޫލުކުރާ އުސޫލެއް ނޫނެވެ. އަދި އެ ޝަރުތުތަކަށް ގެނައި ބަދަލުގައި މަންފާއެއް އޮތްނަމަ އެ މަންފާއެއް، ޤާނޫނުގައިވާ ތާރީޚަށް އިންތިޚާބަށް ތައްޔާރުވި ޕާރޓީއަކަށް ނުލިބި، ޤާނޫނުގައިވާ ތާރީޚަށް އިންތިޚާބަށް ތައްޔާރު ނުވި ޕާރޓީއަކަށް ލިބުމަކީ ވެސް އެއްވެސް ހަމައެއް އޮތްކަމެއް ނޫނެވެ. އަދި މި ގެނައި ބަދަލު އަނެއްކާ ވެސް ލޯކަލް ކައުސިލުތަކުގެ އިންތިޚާބު ލަސްކުރުމަށް ހުއްޖަތެއްގެ ގޮތުގައި ބޭނުންކޮށް އިތުރަށް އެ އިންތިޚާބު ލަސްކުރުމަކީ ގާތްކަމެކެވެ. ހަމައެފަދައިން، އެހެން އިންތިޚާބުތަކުގެ މެދުތެރެއިން ވެސް ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމުގެ ފެށުމެއްކަމަށް މިކަން ވެގެންދާނޭކަމަށް ދެކެމެވެ.

އެހެންކަމުން، އިންތިޚާބެއްގެ މެދުތެރެއިން ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލުގެނައުމަށާއި، ކެންޑިޑޭޓުންނާއި އަދި ރައްޔިތުންނަށް އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ޙައްޤަށް މިގޮތުން އަރައިގަނެ، ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ޚިލާފަށް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި މި ބިލު ފާސްކުރުމުގައި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ބައިވެރިނުވުމަށާއި އެ ބިލަށް ރަތް ޖެހުމަށް ނިންމައި އެގޮތަށް ޢަމަލުކޮށްފައިވެއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް
ތާރީޚް: 8 ފެބްރުއަރީ 2017