2008 އަހަރުގެ ރިޔާސީ އިންތިޚާބުގައއަތްފޯރާ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކުލަވާލެވުނު ޕްރޮގްރާމްގެ ދަށުން މާލެއާއި އަތޮޅުތަކުގައި 10،000 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ނިމިފައިވާ ހައުސިން ޔުނިޓްތަކުގެ ފެންވަރު ދަށްވުމާއި އެނޫންވެސް މައްސަލަތައް ފެންމަތިވުމާ ގުޅިގެން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ 2012 ވަނަ އަހަރުން ފެށިގެން ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކަމުގައިވާތީ އެކަންކަމާ ގުޅިގެން ހައުސިން މިނިސްޓަރު މިހާރު ދައްކަވާ ވާހަކަަފުޅުތައް ކުށްވެރިކުރަމެވެ.
އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން 2011 ވަނަ އަހަރު ބިންގާ އެޅުނު މަޝްރޫޢުގެ މަސައްކަތްތައް ފެށުނު ކަމުގައިވީނަމަވެސް 2012 ވަނަ އަހަރު ސަރުކާރު ވައްޓާލުމާ ގުޅިގެން އެ މަޝްރޫޢުގެ އެންމެހައި މަަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ސީދާ މިނިސްޓަރު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމުގައިވާތީ ފްލެޓްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ހިތްހަމަނުޖެހުން އެތައް ގުނައަކުން އިތުރުވެފައިވާ މިވަގުތުގެ އެކަމުގެ ޒިންމާއިން ރެކިވަޑައިގަންނަވަން ކުރައްވާ މަސައްކަތް ކުރެއްވުމަކީ ލަދުވެތިކަމެކެވެ. މީގެ 5 އަހަރު ކުރިން ސަރުކާރު ހިންގުމުގައި ތިއްބެވި ބައެއްގެ ބޮލުގައި އެޒިންމާ އެޅުއްވުމުން މިސަރުކާރަކީ ތައްސަރަފު ފުދިފައިނުވާ ގޮނޑިކޮއްކޮ ސަރުކާރެއްކަން ހާމަވެއެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ފްލްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާނުލައްވާ ކަމުގެ ހެއްކެއްވެސްމެއެވެ. ސަރުކާރުގެ އެއްވެސް ސިޔާސަތެއްގެ ފައިދާ ރައްޔިތުންނަށް ނުލިބި، ސިޔާސަތެއް ނެތި، ހިތުހުރި ގޮތްތަކަށް ސަރުކާރު ހިންގުމާ ގުޅިގެން މުޅި ސަރުކާރު މިއަދު ވަނީ ފެއިލްވެފައެވެ. މިއީ ސަރުކާރު ޝާމިލްވެގެން ހިންގާ ވައްކަމާއި، ކޮރަޕްޝަންގެ ހިތި ނަތީޖާއެވެ.
ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލެވުނު ޕްރޮގްރާމްގެ ދަށުން ތަރައްޤީކުރި ފްލެޓުތަކުގެ އަގު އެތައް ގުނައަކުން ބޮޑުކުރުމަކީ ޒިންމާދާރު ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސޯޝަލް ހައުސިން ކެޓަގަރީގެ ދަށުން ތަރައްޤީކުރެވުނު ފްލެޓުތައް ވިއްކުމަށް ސަރުކާރުން މިއަދު ނިންމާފައިވާ އަގަކީ އާންމު ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއް ނޫނެވެ. އަދި މި އަގުތަކުގެ ސަބަބުން ދިވެހިރައްޔިތުންނަށް، ޙާއްސަކޮށް މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މިހާރަށްވުރެ ބޮޑުވެގެންދާނެއެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް މިއަދުގެ ސަރުކާރުގެ ޢަމަލުތަކަކީ ޒިންމާދާރުކަން ކުޑަ، އާންމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާ ލިބިގެންދާނެ ކަންކަމެއްނޫނެވެ. އަދި ފޯރުންތެރި މީހުންނާއި އާމްދަނީ މަދުން ލިބޭ މީހުންގެ ފަރަގު އިތުރުވެ، ސޯޝީއޯއިކޮނޮމިކް މައްސަލަތައް އިތުރުވެގެންދާނެ ކަންކަމެވެ.
ހައުސިން މަޝްރޫއާ ގުޅިގެން އެމް.ޑީ.ޕީން ނެރެފައިވާ ތަފްޞީލީ ރިޕޯޓު –
ބަޔާން ނެރުނީ: އެމް.ޑީ.ޕީ