ހުކުރު ނަމާދަށްފަހު ދުޢާކުރުމަށް ފުލުހުން ހުރަސްއަޅައި ބާރުގެ ބޭނުންކޮށް އަދި ބައެއް މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވި މައްސަލަ ހަރުއަޑުން ކުށްވެރިކުރުން

މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ކުރިމަތީ ދުޢާކުރުމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަމުރަށް ފުލުހުން ހުރަސްއަޅައި، ދުޢާކުރި ފަރާތްތަކުގެ ގަޔަށް އަތްލައި ކޮށްޕައި ބާރުގެ ބޭނުންކޮށް އަދި ބައެއް މީހުންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ކުރިމަތީ މާތް ﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވުމަކީ އެކަމުގައި ބަހުސެއް ވެސް އެކުލެވިގެން ނުވާ ޒާތުގެ ޙައްޤެއްކަމަށް ވީނަމަވެސް، ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް އެތަނަށް ފުލުހުން ފޮނުވައި އެތަނުގައި ދުޢާ ކުރާ ފަރާތްތަކާ ކުރިމަތި ލައި، ބާރުގެ ބޭނުންކޮށް ދުޢާ ކުރުމަށް ހުރަސްއަޅަމުންދަނީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. މިގޮތުން މިއަދުގެ ހުކުރުނަމާދަށް ފަހު ދުޢާކުރަމުން ދަނިކޮށް ފުލުހުން ދުޢާކުރި ފަރާތްތަކުގެ ގަޔަށް އަތްލައި ކޮށްޕައި ބާރުގެ ބޭނުންކޮށް އަދި ބައެއް މީހުންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވެފައިވެއެވެ. މިގޮތުން މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ލޯފުޅަށް އަމާޒުކޮށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭޖަހައި އަނިޔާވެރިވެފައިވެއެވެ.

މިއީ، ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އަމުރަށް އެއްވެސް ހައްދެއް، މިނެއް، ގޮތެއް އަދި ހަމައެއް ނެތްގޮތުގައި ފުލުހުން ހިންގަމުންދާ ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކެކެވެ. ސަރުކާރުން އަންގައިގެން ފުލުހުން ހިންގާ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު މި ޖަރީމާތަކުގެ މައްސަލަތައް ވަގުތުން ބެލުމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަނެއްކާ ވެސް ގޮވާލަމެވެ. އަދި ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަންގާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ފުލުހުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ މައްސަލަތައް ބެލޭނޭ ދުވަހެއް އަންނާނޭކަމާއި، އެފަދަ ދުވަހަކުން އެފަދަ ޣައިރު ޤާނޫނީ އަމުރުތައް ކުރި ސިޔާސީ މީހުންނާއި، ފުލުހުންގެ ވެރިންނާއި އެއަމުރުތަކަށް ތަބާވެ، ޤާނޫނު އަސާސީ ސަސްޕެންޑްކޮށް ރައްޔިތުންނަށް އަނިޔާވެރިވި ވަކި ވަކި ފުލުހުންގެ މައްސަލަތައް ވެސް ބެލޭނޭކަން އެފަރާތްތަކަށް މިދަނޑިވަޅުގައި ހަނދާންކޮށްދެމެވެ. ހަމަ އެފަދައިން ނާއިންސާފާއި އަނިޔާވެރިކަމުން މިންޖުވުމަށާއި، އެންމެހައި ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމަށް ރައްޔިތުން ކުރަމުންދާ ދުޢާ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް ހިތްވަރު ދެމެވެ.

8 ޖުލައި 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް