ގެސްޓް ހައުސަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށާއި ރިސޯޓު ހެދުމަށް ނުވަތަ ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްތަކާއި، ބިންބިމާއި، ފަޅުތައް ބިޑަކާނުލައި ކުއްޔަށް ދޫކުރުމަށް، ޓޫރިޒަމާބެހޭ ޤާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ގެސްޓް ހައުސްގެ ވިޔަފާރިއަކީ އާދައިގެ އާންމު ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ، ރައްޔިތުންނަށް ފައިދާއާއި މަންފާލިބޭ، އަދި ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވު، ރަށްތައް ތަރައްޤީ ވާނޭ ވިޔަފާރިއަކަށްވާތީ، އެމް.ޑީ.ޕީ ސަރުކާރުން ގެސްޓް ހައުސްގެ ސިޔާސަތު ތަޢާރަފްކޮށް އެ ވިޔަފާރި ފުޅާކޮށް ކުރިއަރުވަމުން ގެންގޮސްފައި ވީނަމަވެސް، ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރު އައިފަހުން ޅަފަތުގައި އޮތް ގެސްޓް ހައުސްގެ ވިޔަފާރީތަކަށް ނުހަނު ބޮޑެތި ގެއްލުންވަނިވިގޮތަށް ސަރުކާރުން ޢަމަލުކޮށް، ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، އަގު ބޮޑު ރިސޯޓުތަކެކޭ އެއް މިންވަރަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގުމަށް ޤާނޫނު ބަދަލުކުރުމަކީ ޅަފަތުގައި އޮތް ގެސްޓް ހައުސްގެ ފިޔަފާރިތައް ހީނަރުވެ، ހަލާކުވެގެންދާނޭކަމެކެވެ. މިގޮތަށް ގްރީން ޓެކްސް ނަގާއިރު ދެފުށް ފެންނަގޮތަށް އެފައިސާ ތިމާވެއްޓާ ބެހޭ ކަންކަމަށް ޖަމާކޮށް ހޭދަކުރާނޭ އުސޫލެއް ވެސް ކަނޑައެޅިފައި ނުވާކަމާއި، އަދި މިހާތަނަށް ވެސް ގްރީން ޓެކްސްގެ ނަމުގައި ނެގޭ ޓެކްސް، ތިމާވެއްޓަށް ހޭދަކޮށްފައިވާކަން އެނގެން ނެތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމައެފަދައިން ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަން ފެށުމަށް މި ބިލުގައި ކަނޑައަޅާފައިވަނީ އެއްވެސް އިތުރު މުއްދަތެއް ދިނުމެއް ނެތި، މި ބިލު ތަޞްދީޤުކޮށް ޝާޢިޢުކުރާ ދުވަހުންފެށިގެންނެވެ. މިކަމުގެ ސަބަބުން މިހާރު ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް އެތައް ގޮތަކުން ބޮޑެތި ތަކުލީފުތަކާއި ގެއްލުން ކުރިމަތިވާނޭކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ސަރުކާރުން ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެންނައުމަށް ހުށަހަޅާފައިވާ އަނެއް ބަދަލަކީ ރިސޯޓު ހެދުމަށް ނުވަތަ ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްތަކާއި، ބިންބިމާއި، ފަޅުތައް ބިޑަކާނުލައި ކުއްޔަށް ދޫކުރުމުގެ ބާރު ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުމަށް ހުށަހަޅާފައިވާ ބަދަލެވެ. މިއީ ދެފުށްފެންނަ ގޮތް ނޫން ގޮތަށް އަދި ކޮރަޕްޝަނުގެ ތެރެއިން ނުއަގުގައި އެފަދަ ތަންތައް ކުށްޔަށް ދިނުމަށް ޤާނޫނު މެދުވެރިކޮށް މަގުފަހިކުރުމަށް ރައީސް ޢަބްދުﷲ ޔާމިންގެ ހީލަތްތެރި ރޭވުމުން ކުރައްވާކަމެކެވެ. ހަމައެފަދައިން މިއީ، އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ދޫކޮށްފައިވާ ރަށްތައް، ހަމަ އެފަރާތްތަކަށް އަލުން ލިބިދިނުން ކަށަވަރުކުރުމަށް ކުރައްވާކަމެއްކަމުގައި ވެސް ދެކެމެވެ. މި ފަދަ ފުރުސަތެއް ރައީސް ޢަބްދުﷲ ޔާމިނަށް ދިނުމަކީ ނުހަނު ބިރުހުރި އަދި ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންވާނޭކަމެއްކަމާމެދު ޝައްކެއް ނެތެވެ. އެހެނީ މިހާތަނަށް ހާމަވެފައިވާ ގޮތުން ވެސް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު ވެގެންގޮސްފައިވަނީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ޓޫރިޒަމާ ގުޅިގެން ހިންގާފައިވާ އެންމެ ބޮޑު ވައްކަމާ ޚިޔާނާތުގެ ޢަމަލުތައް ހިންގާފައިވާ ސަރުކާރުގެ ގޮތުގައެވެ.
28 ޖޫން 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް