mdp_banner

Sunday, April 3, 2016

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ވަގަށް ނެގި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމުގައި ފުލުހުން އިޙްމާލުވެފައިވާކަމާއި، ނުވަތަ ގަސްތުގައި ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކޮށްފައިވާކަން އެނގޭތީ، ކަންބޮޑުވުން ފާޅުކުރުން

މިނިވަން ނޫހުގެ ނޫސްވެރިޔާ ޢަހްމަދު ރިޟުވާން ވަގަށް ނަގާފައިވާ މައްސަލާގައި 600 އެތަކެއް ދުވަސް ފާއިތުވި ފަހުން އިއްޔެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކުން ވެސް އަޙްމަދު ރިޟްވާން ވަގަށްނެގި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމުގައި ފުލުހުން އިޙްމާލުވެފައިވާކަމާއި، ނުވަތަ ގަސްތުގައި ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކޮށްފައިވާކަން އެނގޭތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ޢަހްމަދު ރިޟުވާން ވަގަށް ނެގިތާ 600 އެތަކެއް ދުވަސް ފާއިތުވެދިއަ ފަހުން ވެސް ފުލުހުން އިއްޔެ ޙިއްސާކޮށްފައިވާ މަޢުލޫމާތުތަކަކީ އައު މަޢުލޫމާތެއް ނޫންކަން ފާހަގަކުރަމެވެ. އެއާ ޚިލާފަށް އެއީ މީގެ ކުރިން ފުލުހުން ދޮގުކޮށްފައިވާ މަޢުލޫމާތުތަކެކެވެ. އެގޮތުން އަޙްމަދު ރިޟްވާން ވަގަށްނެގި ރޭ، އޭނާ ހުޅުމާލޭގައި ދިރިއުޅޭ އެޕާރޓްމަންޓް ކައިރިން ރަތްކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި މަންޒަރު ދުއްކަމާއި އަދި އެތަނުން ވަޅިއެއް ފެނުނުކަމުގެ ސާބިތު ހެކި ލިބިފައިވާއިރު، އެ ޙާދިސާއަކީ އަޙްމަދު ރިޟްވާން ވަގަށް ނެގުމާ އެއްގޮތަކަށް ވެސް ގުޅުމެއް ނުވާ ޙާދިސާއެއްކަމަށް ފުލުން ކަނޑައެޅިގެން މީގެކުރިން ހާމަކޮށްފައިވެއެވެ. އަދި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކްް (އެމްޑީއެން) އާގުޅިގެން އިނގިރޭސިވިލާތުގެ ގްލަސްގޯގައި ޤާއިމުވެފައިވާ އެތީނާ އިންޓެލިގެންސް އެންޑް ސިކިޔުރިޓީ ގެ ފަރާތުން ހިންގި ތަޙްޤީޤަކަށްފަހު، އަޙްމަދު ރިޟްވާން ވަގަށްނެގިތާ 45 ދުވަހުގެ ތެރޭގައި (2014 ވަނައަހަރުގައި) އެ މަޢުލޫމާތުތައް ހާމަކުރުމުން އެ ރިޕޯޓަކީ ސިޔާސީގޮތުން ނެރެފައިވާ ރިޕޯޓެއްކަމާއި އަދި އެމްޑީއެން އާމެދު ފިޔަވަޅުއަޅާނޭކަމުގެ އިންޒާރު ސަރުކާރުން މީގެކުރިން ދީފައިވާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، އަޙްމަދު ރިޟްވާން ވަގަށް ނެގި މައްސަލާގައި ރައީސް ޢަބްދުﷲ ޔާމިނާ ނޫސްވެރިއަކު ސުވާލުދެންނެވުމުން އަޙްމަދު ރިޟްވާންގެ އާއިލާއަށް ޙަމްދަރުދީގެ ބަސްފުޅެއް ވިދާޅުވުމެއް ވެސް ނެތި، ފަރުވާކުޑަ ޖަވާބެއްދެއްވާފައިވާކަން ފާހަގަކުރަމެވެ. އަދި އެ މައްސަލަ ތަޙްޤީޤުކޮށްދެއްވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް ރައީސް ޢަބްދުﷲ ޔާމިން އޭރުވެސް ދެއްވާފައިނުވެއެވެ. އެއަށްފަހު އަޙްމަދު ރިޟްވާންގެ ޢާއިލާގެ ފަރާތުން 5050 މީހުންގެ ސޮޔާއެކު 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުން އެ ޕެޓިޝަންގެ މައްސަލަ ވެސް ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ވަނީ އިންކާރުކޮށްފައެވެ. ހަމައެފަދައިން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 3 ކޮމެޓީއަކަށް އެ މައްސަލަ ހުށަހެޅުމުން އެއިން އެއްވެސް ކޮމެޓީއަކުން މިހާތަނަށް ވެސް އެ މައްސަލަ ބަލައިފައެއް ނުވެއެވެ.

އަޙްމަދު ރިޟްވާން ވަގަށްނެގި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނާއި ސަރުކާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުން ފަހަތަށް ޖެހެމުންދާތީއާއި އެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވާލާ އަޙްމަދު ރިޟްވާނުގެ ޢާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން ބާއްވަމުން ދިއަ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމަކަށް ފުލުހުން ފޮނުވައިގެން ހުރަސްއަޅާފައިވެއެވެ. އަދި “ސުވާލު މާރޗް” ގެ ނަމުގައި އަޙްމަދު ރިޟްވާނުގެ ޢާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އިންތިޒާމްކުރި ހިމޭން ސުލްޙަވެރި ހިނގާލުމާ ކުރިމަތިލުމަށް ފުލުހުން ފޮނުވައި ބާރުގެ ބޭނުންކޮށް އަޙްމަދު ރިޟްވާނުގެ ޢާއިލާގެ މީހުންގެ ލޮލަށާއި އެނޫންވެސް ގިނަ ބައެއްގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި، އަނިޔާވެރިވެ އެހިނގާލުމަށް ހުރަސްއަޅާފައިވެއެވެ.

އަޙްމަދު ރިޟްވާން ވަގަށް ނެގިތާ މި އަންނަ އޯގަސްޓް މަހަށް 2 އަހަރު ފުރޭއިރު، މީގެ އެއް އަހަރު ދުވަހަށްވުރެ ވެސް ކުރިން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކްް (އެމްޑީއެން) އާގުޅިގެން އިނގިރޭސިވިލާތުގެ ގްލަސްގޯގެ އެތީނާ އިންޓެލިގެންސް އެންޑް ސިކިޔުރިޓީ ގެ ފަރާތުން ހިންގި ތަޙްޤީޤުން ހާމަކުރި ކަންތައްތައް ފިޔަވައި އިތުރު އެއްޗެއް ފުލުހުންނަށް ހާމަކުރެވިފައިނުވުމާއި، އަދި ފުލުހުން ހާމަކުރި ވާހަކަތަކީ މީގެކުރިން ފުލުހުން ކަނޑައެޅިގެން ދޮގުކުރި ވާހަކަތަކަކަށްވުމާއި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތައް ބެލުމަށް މަޖިލިހުން އިންކާރުކޮށްފައިވާވުމުން ކަށަވަރުވަނީ، އަޙްމަދު ރިޟްވާން ވަގަށް ނެގި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ސަރުކާރުން ގަސްދުގައި ހުރަސްއަޅާފައިވާކަމާއި، ނުވަތަ އެ ޖަރީމާއަކީ ސަރުކާރަށް އެނގިގެން ނުވަތަ ސަރުކާރު ބައިވެރިވެގެން ހިންގާފައިވާ ސްޓޭޓް ސްޕޮންސަރޑް ޖަރީމާއެއްކަމެވެ.

އަޙްމަދު ރިޟްވާން ވަގަށްނެގި މައްސަލައިގެ ހެކި ނެތިދިއުމަށް ފުރުސަތު ދިނުމަށްފަހު، އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޙަޤީޤީ ބޭނުމަކަށް ވެފައިވަނީ އަޙްމަދު ރިޟްވާން ވަގަށް ނެގި މައްސަލައިގެ ތުޙުމަތު ކުރެވޭ ފަރާތްތައް ރާއްޖެ ދޫކޮށް އެކިއެކި ހަނގުރާމަތަކުގައި ބައިވެރިވުމަށް ފުރައިގެން ގޮސްފައިވާކަމާއި، އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސް ޝަރީޢަތްކުރެވި އަދަބު ދޭންޖެހޭ ފަރާތެއް ނެތްކަން ރައްޔިތުންނަށް ވިސްނައިދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްކަމަށް ޤަބޫލުކުރެވެއެވެ.

އެހެންކަމުން ސްޓޭޓް ސްޕޮންސަރޑް ޖަރީމާއެއްކަމަށް ބެލެވޭ މި ޖަރީމާގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމުގެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިއްބެވުމަށާއި އަދި އެފަދަ ދުވަހެއް ފެނުމުން އެކަމުގައި އެންމެހައި ރައްޔިތުންް އެއްބާރުލުންދެއްވުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

3 އޭޕްރިލް 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް

No Comments »

No comments yet.

Leave a comment