ރައީސް ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގެން ދަރުބާރުގޭގައި މަޖިލިސް ބާއްވަވައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޙާޟިރުނުވުން

ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ޤާނޫނު އަސާސީގެ 84 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ރިޔާސީ ބަޔާން، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިއްވެވުމުގެ ބަދަލުގައި ދަރުބާރުގެއަށް ވަޑައިގެން އެ ބަޔާން އިއްވެވުމަށް ނިންމަވާފައިވީހިނދު،

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި ދަރުބާރުގެއަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވެވުމަށް ނިންމަވާފައި ވަނީ މަޤުބޫލު އެއްވެސް އުޒުރެއް ނެތިކަމަށްދެކޭހިނދު، އަދި ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ރައީސް ޢަބްދުﷲ ޔާމިނުގެ ފަހަތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގޮތަށް ވެރިކަމުގެ ނިޒާމު ޚަރާބުކުރައްވާފައިވީހިނދު، އަދި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގަމުން މިދަނީ ޚުދުމުހުތާރުގޮތެއްގައި ތިން ބާރު އެއްކުރައްވައިގެންކަމަށްވުމުގެ އިތުރުން، އެގޮތަށް އެކަން ހިނގަމުންދާކަން މިފަދަ ޢަމަލުފުޅުތަކުން ފާޅުގައި ދައްކަވަމުންދާހިނދު،

އަދި މީގެ ކުރީ އަހަރު ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުނާ ދިމާއަށް އަތްޕުޅުން ދަށުދަރަޖައިގެ ހުތުރު އިޝާރާތްތައް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޙުރުމަތް ކުޑަކުރައްވާފައިވީހިނދު،

އަދި ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ޚުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވުމާއި، ޤާނޫނު އަސާސީއާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުންދިއުމާއި، ރައްޔިތުންނަށް އަނިޔާކުރެއްވުމާއި، ސިޔާސީސީ ލީޑަރުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ނުޙައްޤުން ޖަލަށްލެއްވުމާއި، ނާއިންއިންސާފު ދަޢުވާތަކާއި ޝަރީޢަތްތައް ހިންގެވުމާއި، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލުވާލައްވާފައިވުމާއި، ސަރުކާރުގެ ތެރޭގައި ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ ޢަމަލުތައް އިންތިހާއަށް މައްޗަށް ގޮސްފައިވުމާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށާއި މިނިވަން މުއައްސަސާތަކަށް ބިރުދައްކަވައި ނުފޫޒު ފޯރުއްވެވުމާއި، ފަތުރުވެރިކަމަށާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ގެއްލުންވަނިވި ސިޔާސަތުތައް ގެންގުޅުއްވުމާއި، ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުންތައް ކަނޑުއްވަމުންދިއުމުގެ ސަބަބުން ދުނިޔެއިން ދިވެހިރާއްޖެ އެކަހެރިވެ ބާކީވަމުންދާހިނދު،

އަދި ދިވެހިރާއްޖެއަށް ސިޔާސީ ޙައްލެއް ހޯއްދެވުމަށް މި ސަރުކާރު ނުކުޅެދިފައިވުމާއި، އަދި ދިވެހިރާއްޖެއާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާމެދު ރައީސް ޢަބްދުﷲ ޔާމިން ދައްކަވާ ވާހަކަފުޅާ އެއްގޮތަށް އެމަނިކުފާނުގެ ޢަމަލުފުޅުތައް ބަހައްޓަވަމުން ނުދިއުމުގެ ސަބަބުން މި ޤައުމާއި ރައްޔިތުންގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށްގޮސް ރައްޔިތުން ޙާލުގައިޖެހެމުންދާހިނދު،

އަދި ރައީސް ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ރައްޔިތުންނާ މުޚާތަބުކުރައްވައި ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް އަގެއް ނެތް ބަސްފުޅުތަކަކަށްވާތީ، މި އެންމެހައި ސަބަބުތަކާހުރެ ރައީސް ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގެން ދަރުބާރުގޭގައި މަޖިލިސް ބާއްވަވައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޙާޟިރުނުވުމަށް ވަނީ ނިންމާފައެވެ.

ތާރީޚު: 3 ފެބްރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕް