mdp_banner

Friday, August 15, 2014

މިނިވަން ނޫހުގެ ރިޕޯރޓަރ އަޙުމަދު ރިޟުވާން ހޯދުމަށް ސަރުކާރުން ސަމާލުކަމެއް ދެއްވައިގެން އެމަސައްކަތް ކުރިޔަށް ނުގެންދަވާތީ ކަންބޮޑުވުން ފާޅުކުރުން

noosbayan

މިނިވަން ނޫހުގެ ރިޕޯރޓަރ އަޙުމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު ފަހުން އެއްހަފުތާ ފާއިތުވެ ގޮސްފައިވާއިރު އޭނާގެ އާއިލާއަށާއި ހެޔޮ އެދޭ ފަރާތްތަކަށް ހިތްހަމަޖެހުމެއް ލިބޭ މިންވަރަށް އޭނާ ހޯދުމުގެ މަސައްކަތަށް ނުވަތަ އެ މައްސަލަ ތަޙުޤީޤުކުރުމަށް ސަރުކާރުން ސަމާލުކަމެއް ދެއްވައިގެން ޢަމަލުކުރައްވަމުން ގެންދަވާތަން ނުފެންނާތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، އެ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ސަރުކާރު ކުށްވެރިކުރަމެވެ.

މިނިވަން ނޫހުގެ ރިޕޯރޓަރ އަޙުމަދު ރިޟުވާން ޢަބްދުﷲ މީގެ އެއް ހަފުތާ ކުރިން ވީނުވީ ތަނެއް ނޭގި ގެއްލިފައިވަނީ ނޫސްވެރިންނަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަރުގެ އިންޒާރުތައް ދެމުން ދަނިކޮށްކަމަށާއި އަދި އަޙުމަދު ރިޟުވާން ޢަބްދުﷲ އަށް ވެސް އޭނާގެ ނޫސްވެރިކަމާ ގުޅިގެން އެބާވަތުގެ އެކިއެކި ބިރުދެއްކުމުގެ ކަންކަން ކުރިމަތިކުރުވަމުން ދަނިކޮށްކަން ފާހަގަކުރަމެވެ. އަދި ޒުވާނުން ރަޙީނުކޮށްގެން ވަކިތަނަކަށް ގެންގޮސް މަރުގެ އިންޒާރުދީ ބިރުދައްކަމުންދާކަމުގެ ޙާދިސާތަކެއްގެ މަޢުލޫމާތު މި ޕާރޓީއަށް މީގެކުރިން ލިބިފައިވުމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ޕާރޓީން ވާނީ މީގެ ކުރިން ވެސް ނޫސްބަޔާނުގެ ޒަރިއްޔާއިން 9 ޖުލައި 2014 ވަނަ ދުވަހު ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިކަން ފާހަގަކުރަމެވެ. ނަމަވެސް އެކަމާގުޅިގެން ވެސް ސަރުކާރުން އެޅުއްވި ފިޔަވަޅެއް ފެންނަން ނެތްކަން ހިތާމައާއެކު ފާހަގަކުރަމެވެ. ހަމަ އެފަދައިން މީގެކުރިން ބައެއް ނޫސްވެރިންނަށް މަރުގެ ޙަމަލާތައްދީ އަދި ޓީވީ ސްޓޭޝަންތަކަށް ޓެރަރިޒަމުގެ ޙަމަލާތައްދީ އެތަންތައް ރޯކޮށްލާފައިވާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަޙުމަދު ރިޟުވާން ޢަބްދުﷲ ގެއްލިގެން ރިޕޯރޓްކުރެވުނު ފަހުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެނާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާ މިންވަރާއި ތަޙުޤީޤުގެ ކުރިއެރުން ލިބެމުންދާ މިންވަރުގެ މަޢުލޫމާތު، ސަރުކާރުން ރައްޔިތުންނާ ޙިއްޞާކުރައްވަމުން ނުގެންދަވާތީ މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ކިބާގައި އޮތްކަން ފާހަގަކުރަމެވެ. އަދި ވަކިން ޚާއްޞަކޮށް އޭނާގެ ޢާއިލާއަށާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރަމުންދާ ނޫސްވެރިންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތާމައެއް ކުރިމަތިވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަޙުމަދު ރިޟުވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތަށް ނުވަތަ އެ މައްސަލަ ތަޙުޤީޤުކުރުމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް ސަމާލުކަމެއް ދެއްވައިގެން އެމަސައްކަތް ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ. އަދި އަޙުމަދު ރިޟުވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތް އޭނާގެ ޢާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އަމިއްލައަށް މިހާރުވެސް ކުރަމުން ގެންދާތީ އެކަމަށް މި ޕާރޓީން ހިތްވަރުދީ އެކަމުގައި ކާމިޔާބު މިންވަރު ކުރެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

15 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް

No Comments »

No comments yet.

Leave a comment