ޢަލީ ޙަމީދުގެ މައްސަލަ ސާބިތުނުވާކަމަށް ޖޭ.އެސް.ސީ އިން ނިންމައި، ނުބައި މިންގަނޑެއް ޤާއިމުކުރި ކުރުން އެމް.ޑީ.ޕީ އިން ކުށްވެރިކުރުން

noosbayan

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ހުށަހެޅިފައިވާ، ކަސްބީ އަންހެނުންތަކަކާއެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގުމާއި އަދި އެ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ މައްސަލައަކީ ސާބިތުނުވާ މައްސަލައެއްކަމަށް ބުނެ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން އެ މައްސަލަ އެގޮތަށް ނިންމާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަމެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މުސްލިމު އުއްމަތަކަށް އިސްލާމްކަމުގެ ރިވެތި މިސާލެއްކަމުގައި ދައްކުވައިގެން ޖޭ.އެސް.ސީ އިން އެނިންމި ނިންމުމަކީ ޝައްކެއްނެތްގޮތުގައި މިރާއްޖޭގައި ތާއަބަދަށް ދެމިގެންވާނެ ބޮޑު ނުބައެއް ރަމްޒުކޮށްދޭ ލައްގަނޑެއްކަމުގައި މި ޕާރޓީން ސިފަކުރަމެވެ. އަދި އެކަމަކީ މިރާއްޖޭގެ ޖުޑިޝަރީގެ އިސްލާހަށް އެދިއެދި ތިބި ރައްޔިތުންގެ އުންމީދު އެއްކޮށް ގެއްލުވާލައި، ޖުޑިޝަރީއާމެދު އިތުބާރު އެއްކޮށް ނެތިކޮށްލި ކަމެކެވެ.

ބަރަހަނާ ފިލްމެއްގެ ދަށުވެފައިވާ ފަނޑިޔާރެއްގެ ދަށުވެދިއުމަށްވުރެ ނިކަމެތިކަމެއް އެއްވެސް ޖުޑިޝަރީއަކަށް ކުރިމަތިވެދާނެ ކަމަކަށް މި ޕާރޓީން ނުދެކެވެ.

ޢަލީ ޙަމީދުގެ މައްސަލަ ޖޭ.އެސް.ސީ އިން ނިންމިގޮތުން އެ ޤާއިމުކުރެވިގެންދިއަ މިންގަނޑަކީ، ކަސްބީ އަންހެނުންނާއެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގިކަމުގެ ބޮޑެތި ތުހުމަތުތައްކުރެވިފައި ވީނަމަވެސް، އަދި އެކަން ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވީ ނަމަވެސް، އަދި އެކަމަކީ ޙަޤީޤަތެއްކަމުގައި އެންމެހައި ރައްޔިތުން ޤަބޫލުކޮށްގެން ދިބިކަމުގައި ވީނަމަވެސް، އެއީ އެއްވެސް މައްސަލައެއް ނޫންކަމުގެ މިންގަނޑެވެ. އެހެންކަމުން މިރާއްޖޭގެ ޖުޑިޝަރީ މީގެފަހުން ބިނާވެގެންވާނީ އެމިންގަނޑުގެ މައްޗަށްކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޢަލީ ޙަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތައް ކްރިމިނަލް ކޯޓުގައި ވަނިކޮށް އެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އެޅުމުގެ ސަބަބުން އެ ލިޔެކިޔުންތައް ހަލާކުވެއްޖެކަމަށް ބުނެ، އެ މައްސަލަ ހުއްޓުވާލާފައިވާ ބީދާއިންނާއި، އަދި ފުލުހުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ފޮރެންސިކަށް ބޭނުންވާ ކޯޓު އަމުރު ނުދީ އެ މައްސަލަ ވެސް ހުއްޓުވާލާފައިވާ ބީދާއިން، އޭނާގެ ކަސްބީ މައްސަލަ ޖޭ.އެސް.ސީ އިން ނިންމާފައިވަނީ އެ މައްސަލައިގެ ޙަޤީޤަތް ހާމަވުމުގެ އެންމެހައި ދޮރުތަކެއް ބަންދުކުރުމަށްފަހުގައިކަން ފާހަގަކުރަމެވެ. އެގޮތުން ޖޭ.އެސް.ސީ ގެ ތަޙްޤީޤު ކޮމެޓީން މީގެ ކުރިން އެ މައްސަލަ ސާބިތުވާކަމަށާއި އަދި ޢަލީ ޙަމީދު ސަސްޕެންޑްކުރަންޖެހޭކަމަށް ދެފަހަރެއްގެ މަތިން އެ ކޮމެޓީން ނިންމާފައި ވީނަމަވެސް އެނިންމުންތަކަށް ވަނީ ނާޖާއިޒު ނުފޫޒު ފޯރުވައި، އެއަށް އަމަލުކުރުން ގަސްދުގައި ހުއްޓުވާފައެވެ. އެއަށްފަހު ޖޭ.އެސް.ސީ އިން ފަނޑިޔާރެއްގެ ސްލޫކީ ކަންކަން ބަލަންޖެހޭ މިންގަނޑުގެ ގޮތުގައި ކަނޑައެޅިފައިވާ މިންގަނޑުން ގަސްދުގައި ބޭރުވެ، ޖުޑިޝަރީގެ މިނިވަންކަމާއި ޤާނޫނު އަސާސީ ޤުރުބާންކޮށް، ޢަލީ ޙަމީދުގެ މަޞްލަޙަތު އިސްކޮށް، އެ މައްސަލަ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިގުދަންމައި، އެ މުއްދަތުގެ ތެރެއިން އޭނާ ސަލާމަތްކުރުމުގެ ދަނޑިވަޅެއް ހޯދުމަށްފަހު، އޭނާގެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަން ފާހަގަކުރަމެވެ.

ފަނޑިޔާރަކު ފާސިދުވެ، ކޮރަޕްޓްވެ، އަބުރު ގެއްލި ނުވަތަ ބްލެކްމޭލް ކުރެވިފައިވާ ކަމުގެ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިއްޖެނަމަ، އަހަރު ދުވަސް ވަންދެން އެ މައްސަލައެއް ނުނިންމައި ބޭއްވުމަކީ އެކަން ކުރާގޮތް ނޫންކަމާއި، އެމައްސަލައެއް ލަސްނުކޮށް ވަގުތުން ބެލުމާއި، އަދި އެހިނދުގައިވެސް އެ ފަނޑިޔާރަކު، ފަނޑިޔާރުކަން ކުރުމުން އެއްފަރާތްކުރެވެންޖެހޭކަމީ މިރާއްޖޭގެ ޝަރުޢީ ނިޒާމް އަދި ދަސްކުރަން ޖެހިފައިވާކަމެއްކަމުގައި ހިތާމައާއެކު ފާހަގަކުރަމެވެ.

ޝަރުޢީގޮތުންނާއި ޤާނޫނީ ގޮތުން ކޯޓުތައް އެކުލެވިގެންވާންޖެހެނީ ފާސިދުކަމުން ރައްކާތެރިވެގެންވާ، އަދި އަބުރުވެރިކަމާއި އަޚްލާޤުގެ ގޮތުން މަތީ ދަރަޖައެއްގައި ތިއްބަވާ، އަދި ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރައްވާ، އަދި ކޯޓުގެ ބޭނުން ހިފަން ތިބޭ ރައްޔިތުންނަށް ފުރިހަމަ އިތުބާރު ލިބިގެންވާ، ފަނޑިޔާރުންގެ މައްޗަށްކަމަށް ލާޒިމުވެގެންވީހިނދު، ފާސިދުވެ، އަޚުލާޤާއި އަބުރުގެއްލި، އަދި ބްލެކްމޭލް ކުރެވިފައިވާ ކަމަށް ގިނަ ރައްޔިތުން ޔަޤީންކުރާ ފަނޑިޔާރަކު ސްޕްރީމް ކޯޓުގެ ބެންޗްގައި އިންނެވުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި، އަދި އޭގެ ސަބަބުން އެހެން ކޯޓުތަކުގެ ނިންމުންތަކަށް ވެސް އެކަމުގެ ނުބައި އަސަރު ފޯރައި، ދިވެހިރާއްޖޭގައިވާ ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ލިބިގެންވާ މިނިވަން މުސްތަޤިއްލު ކޯޓެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ނިގުޅައިގަނެފައިވާކަން ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ.

29 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް