މަޖިލިސް އިންތިޚާބުގައި ފައިސާއަށް ވޯޓު ގަތުމަށްފަހު ނުވަތަ ވަޒީފާއިން ވަކިކުރުމުގެ އިންޒާރު ދިނުމަށްފަހު ވޯޓުލީ ގޮތް ބަލައި، ވޯޓުގެ ސިއްރުކަން ނަގާލައި ވޮޓަށް ނުފޫޒުފޯރުވާފައިވާތީ އެކަން ކުށްވެރިކުރުން

noosbayan

ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ފައިސާއަށް ވޯޓު ގަތުމަށްފަހު ނުވަތަ ވަޒީފާއިން ވަކިކުރާނޭކަމުގެ އިންޒާރުދީ ބިރުދެއްކުމަށްފަހު، ވޯޓުލީ ގޮތް ބެލުމަށްޓަކައި ވޯޓު ކަރުދާސްކޮޅުގައި ވަކި ނިޝާނެއް ޖަހައި ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ވައްޓައިލުމަށް ވޯޓުލީ ބައެއް ފަރާތްތަކަށް އަންގައި ވޯޓުގެ ސިއްރުކަން ނަގާލުމާއި ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާފައިވާކަމުގެ ސައްޙަ ޝަކުވާތައް މި ޕާރޓީއަށް ލިބެމުންދާތީ، އެކަމުގައި މި ޕާރޓީން ކަންބޮޑުވުން ފާޅުކޮށް، އެ އަމަލު އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން މިދެންނެވި ގޮތަށް ފައިސާއަށް ވޯޓު ގަތުމާއި ނުވަތަ ވަޒީފާއިން ވަކިކުރާނޭކަމުގެ އިންޒާރުދީ ބިރުދެއްކުމުގެ އަމަލުތައް ފުޅާ ދާއިރާއެއްގައި ހިންގި ހިންގުމަކީ ރިޝްވަތާއި ކޮރަޕްޝަނުގެ ބޮޑު ކުށެއްކަން ފާހަގަކުރަމެވެ. ހަމައެފަދައިން ޤާނޫނީ އަނެއް ކުށަކީ ސިއްރު ވޯޓެއް ހާމަކުރުމަށް އެންގުމާއި އަދި އެގޮތަށް އަމަލުކުރިކުރުންކަން ފާހަގަކުރަމެވެ. މިއަމަލު ހިންގާފައިވާ ގޮތަކީ، ވޯޓު ވިއްކި ފަރާތްތަކުން ނުވަތަ ވަޒީފާއިން ވަކިކުރާނޭކަމުގެ އިންޒާރު ދެވުނު ފަރާތްތަކުން ވަޒީފާގެ ބިރުވެރިކަމުގައި ހުރެ، އެދޭގޮތް ނޫން ގޮތަކަށް، ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށްފަހު އިތުރަށް ޖަހާ ވަކި ނިޝާނެއްގެ ސަބަބުން އެމީހަކު ވޯޓުލީގޮތުގެ ސިއްރު، އެމީހަކާ ގުޅުންހުރި އޮބްޒާވަރުންނާއި މަންދޫބުންނަށް ހާމަކުރަނީއެވެ.
ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ކޮރަޕްޝަނާއި، ވަޒީފާގެ ބިރުދެއްކުމާއި، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލުވާލައި އެކޮމިޝަނުގެ ޤާނޫނީ ބާރު ކަނޑުވާލުމާއި، އަދި ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ހުތުރު ފައިސާ ހުށަހަޅައިގެން ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް އިންތިހާ ދަރަޖައަށް ހިންގާފައިވާކަމަށް ގިނަ ރައްޔިތުން ބުނާ، އަދި އެކަމުގެ ހެކި ފެންނަން އޮތް އިންތިޚާބެކެވެ.
އެހެންކަމުން، މި ޕާރޓީން މިކަންކަން އިތުރަށް ބަލައި އަދި މިކަމުގައި ފިޔަވަޅު އެޅެންހުރި ގޮތްތައް ހޯދަމުންދާނޭކަމުގައި ދަންނަވަމެވެ. އަދި އިލެކްޝަންސް ކޮމިޝަނުންނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަންކަން ބައްލަވައި ވަގުތުން ވިޔަވަޅު އެޅުމަށް މިޕާރޓީން ގޮވާލަމެވެ.

2 އޭޕްރިލް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރ