mdp_banner

Wednesday, December 18, 2013

ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައި ތަޢައްޞުބު އިސްކުރެއްވި ތަފާތު ހަތަރު މައްސަލާއެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު ޖޭއެސްސީއަށް ހުށައަޅުއްވައިފި

ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައި ތަޢައްޞުބު އިސްކުރެއްވި ތަފާތު ހަތަރު މައްސަލާއެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު މިއަދު ޖޭއެސްސީއަށް ހުށައަޅުއްވައިފިއެވެ.

ތަފާތު އެތައް ދިހަ މައްސަލާއެއް ޖޭއެސްސީއަށް ހުށައެޅި، އެތަނުން އެއް މައްސަލާއެއްގައި ގާނޫނާ ޚިލާފް ވީކަމުގައި އެކަމިޝަނުން ކަނޑައެޅުއްވުމާ ގުޅިގެން އެކަމާ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅިފައިވާ ޝަކުވާ ގިނަވެފައިވާތީ ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ވަނީ ރައީސް މުހަންމަދު ނަޝީދުގެ ދައުރުގާ ނިޒާމުން އެކަހެރި ކުރައްވާފައެވެ. އޭނާއާއި މެދު އޭރު ޖޭއެސްސީ އިން ފާހަގަ ކުރެއްވި މައްސަލާ އެއީ މައްސަލާއެއް ނޫން ކަމަށް ހައިކޯޓުން ނިންމަވާފައިވާ ކަމުގައި ވިޔަސް، ޢަބްދުﷲ މުހަންމަދު ވަނީ ގާނޫނާ ޚިލާފަށް ތަފާތު ތިން އަމުރެއް ނެރުއްވައި އަދި ނާޖާއިޒު ޖަލު ހުކުމެއްވެސް ކުރައްވައިގެން ތައްޞުބުގެ ޢަމަލު ތައް (ރައީސް ނަޝީދު ނިޞްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މަޖިލިސް މެމްބަރެއް ކަމުގައިވާ ޙާމިދާއި މެދު) ތަކުރާރުކުރައްވަމުން ގެންދަވާފަކަން ޢަބްދުﷲ މުހައްމަދާއި ދެކޮޅަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު އުފުއްލެވި މައްސަލާއެއްގައި ހައިކޯރޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައި ތަޢައްޞުބު އިސްކުރެއްވި ކަމަށް ބަޔާންކުރައްވައި މިއަދު ހުށައެޅުއްވި މައްސަލާތަކުގައި އެމްޑީޕީގެ މަޖިލީހު މެމްބަރަކާއި މެދު ހަރުކަށިކަން އިސްކުރައްވާން މަގުފަހި ކުރައްވައި، ނިޔާއަކާ ހަމައަށް ނުދަނީސް ކުށްވެރި ނަޒަރެއް (ޕްރީޖުޑީސް) އިސްކުރައްވައިގެން ކުޑައިމީސް ކުރައްވައި، އަބުރު ނަގާލެއްވުމުގެ ސިޔާސީ ގެއްލުން ދެއްވުން ހިމެނޭ ކަމުގައި ހާމިދު ފާހަގަކުރެއްވިއެވެ.

މި މައްސަލާތައް ހުށައެޅުއްވުމަށްފަހު މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު ވިދާޅުވީ ރ. ހުޅުދުއްފާރު ބަހާރުގޭ ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައިގެން ސިޔާސީ ތައައްޞުބު އިސްކުރައްވައިގެން ހިންގަވާފައިވާ އިތުރު މައްސަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށާއި، ޢަބްދުﷲ މުހައްމަދު ގާޟީއަކަށް ހުންނަވައިގެން އެއްވެސްކަހަލަ ބޭއިންޞާފެއް މެދުވެރިވެފައި ތިބި މީހުނަށް އެކަންކަން ހާމަކޮށްދެއްވުމަށް ވަރަށް އަވަހަށް އިޢުލާނުކުރައްވާނޭ ކަމަށެވެ. އަދި ކުރިއަށް ހުރި މައްސަލާތަކުގެ ތެރޭ ޙާމިދު ހައްޔަރު ކުރެއްވުމަށް ނެރުއްވި ކޯޓް އަމުރު ނުދެއްވައި ފުލުހުން މެދުވެރިކޮށް ނާޖާއިޒު ގޮތުގައި ޙާމިދު ހައްޔަރުކުރުމަށް މަގުފަހި ކުރައްވައި، އެ ކޯޓް އަމުރުގެ ކޮޕީ މުއްދަތުހަމަވިތާ 3 ދުވަސް ފަހުން ދެއްވި ދެއްވުމާއި، އަދި ހައްޔަރުކުރުމުގެ އަމުރު މެދުވެރިކުރައްވައި އައިޑީ ކާޑުގައިވާ ފޮޓޯ ވެސް ހިމަނައިގެން “ހޯދާ ނުފެނިފައިވާ” މުޖުރިމެއް ފަދައިން ސިފަވާގޮތަށް މީޑިއާ އާއި ނޫސްތަކުގައި ފުލުހުން ޢިއުލާންތައް ޢާންމުކުރުމުގެ މަގުފަހިކޮށްދެއްވުން ހިމެނޭ ކަމުގައިވެސް ޙާމިދު ފާހަގަކުރެއްވިއެވެ.

No Comments »

No comments yet.

Leave a comment