ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލުކުރުމަށް ބަންޑާރަ ނައިބު ތާއީދުކޮށް ވަކާލާތުކުރުމާމެދު ކަންބޮޑުވުން ފާޅުކުރުން

noosbayan

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލުކުރުމަށް އެދި ޖުމްހޫރީ ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމުގައި ހުންނެވި އާޢިޝަތު އާޒިމާ ޝުކޫރު ދައުލަތުގެ ނަމުގައި އެ މައްސަލާގައި ތަދައްޚުލްވެވަޑައިގެން، މައްސަލަ ހުށަހެޅުއްވި ސިޔާސީ ޕާރޓީގެ ހުށަހެޅުމަށް ތާއީދުކުރައްވައި، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް ސްޕްރީމް ކޯޓުގައި މިއަތު އޮތް ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުމުގައި ވަކާލާތުކުރައްވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އޭނާގެ ޢަމަލު ކުށްވެރިކުރަމެވެ.

ދައުލަތުގެ މުވައްސަސާއެއްކަމުގައިވާ އިލެކްޝަންސް ކޮމިޝަން ގެ މައްޗަށް ދައުވާ ލިބޭ އެ މައްސަލާގައި، ދައުލަތުގެ ބަންޑާރަ ނައިބުގެ މައްޗަށް އައުލާކަން ބޮޑުވެގެންވަނީ އިލެކްޝަންސް ކޮމިޝަނުގެ މަސްލަޙަތު ހިމާޔަތްކުރައްވައި އެގޮތުން ދައުލަތުގެ މަސްލަޙަތާއި އާންމު މަސްލަޙަތު ހިމާޔަތްކުރެއްވުންކަމަށް ވީނަމަވެސް، ބަންޑާރަ ނައިބު އާޢިޝަތު އާޒިމާ ޝުކޫރު މަސައްކަތްކުރެއްވީ ދައުލަތުގެ މުވައްސަސާއާ ނުވަތަ ދައުލަތުގެ މަސްލަޙަތާ އިދިކޮޅަށްކަމާއި އަދި ޖުމްހޫރީ ޕާރޓީގެ ޒާތީ މަސްލަޙަތަށްޓަކައިކަން ފާހަގަކުރަމެވެ.

އަދި ޖުމްހޫރީ ޕާރޓީން ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ އިންތިޚާބުގައި ވާދަކޮށް ބޮޑު ނާކާމިޔާބަކުން ނާކާމިޔާބުވެޑައިގެން އެންމެ 5% ވޯޓު ލިބިވަޑައިގަތް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އައްޔަނުކުރައްވާފައިވާ ބަންޑާރަ ނައިބު، އެ މައްސަލާގައި ތަދައްޚުލުވެވަޑައިގެން ދައްކަވާ ވާހަކަފުޅަކީ އެންމެ 5% ރައްޔިތުންގެ ފަރާތުން ތަމްސީލުކުރައްވާ ކުރެއްވުމެއްކަމާއި އަދި އެއީ ދައުލަތް ތަމްސީލު ކުރައްވާ ކުރެއްވުމެއްކަމަށް އާޢިޝަތު އާޒިމާ ޝުކޫރަށް ވިދާޅުވުމުގެ ޙައްޤެއް އޮތްކަމަކަށް މި ޕާރޓީންނާއި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓަށް 95 ހާހަށްވުރެ ގިނަ އަދަދަކަށް ވޯޓް ދެއްވި ރައްޔިތުންނެއް ނުދެކެއެވެ.

އެހެންކަމުން އެންމެ 5% ވޯޓު ލިބިވަޑައިގަތް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އައްޔަނުކުރައްވާފައިވާ ބަންޑާރަ ނައިބު، ރައްޔިޔުންގެ ވޯޓާ ބެހިވަޑައިގެން، ރައްޔިތުންގެ ބާރުވެރިކަމާއި އަދި ޤާނޫނު އަސާސީގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ރައްޔިތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލެއްވި ވޯޓާއި އަދި އެ އިންތިޚާބު ބާތިލުކުރެއްވުމަށް ދައުލަތުގެ ނަމުގައި ވާހަކަ ދެއްކެވުމަށް ލަދުވެތިވެވަޑައިގެން އެކަން ހުއްޓާލެއްވުމަށް މި ޕާރޓީން ގޮވާލަމެވެ.

17 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރޭޓެރިއޭޓް