ޖޭއެސްސީގައި ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ވަކި ފަރާތެއްގެ ނުފޫޒުގަދަކޮށް އަމިއްލަ މަސްލަޙަތު ކުރިއެރުވުމަށްޓަކައި ލަޠީފާ ޤާސިމް ޖޭއެސްސީއަށް އައްޔަނުކުރިކުރުމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އަށް ރައިސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެމްބަރެއްގެ ގޮތުން މިހާރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު 24 ޖޫން 2013 ވަނަ ދުވަހު އައްޔަނުކުރެއްވި މެމްބަރު، އަރިއަތޮޅު އުތުރުބުރީ މަތިވެރި، ފިނިވާގޭ އަލްއުސްތާޛާ ލަޠީފާ ޤާސިމް އެމަޤާމަށް އައްޔަނުކުރައްވާފައިވަނީ ޖޭއެސްސީގައި ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ވަކި ފަރާތެއްގެ ނުވަތަ ވަކިބައެއްގެ ނުފޫޒު ގަދަކޮށް އަމިއްލަ މަޞްލަޙްތު ނެގެހެއްޓުމަށްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާރޓީ (އެމް.ޑީ.ޕީ) ދެކޭހިނދު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ.

ލަޠީފާ ޤާސިމް ޖޭއެސްސީ އަށް ހަމަޖައްސަވާފައިވަނީ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު މީގެކުރިން އެމަޤާމަށް އައްޔަނުކުރެއްވި މެމްބަރުކަމުގައިވާ ރޭނިސް މުޙައްމަދު ސަލީމުގެ މައްޗަށް ގޭންގް ކުށުގެ ތުހުމަތާ ގުޅޭ ޖިނާޢީ މައްސަލައެއްގެ ތަޙުޤީޤު ހިންގަންމުންދާ ދަނޑީވަޅެއްގައި އޭނާގެ ބަދަލުގައިކަން ފާހަގަކުރަމެވެ. އަދި ލަޠީފާ ޤާސިމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމުގެ ވަޒީފާގައި ހުންނަވާ، ވީމީޑިއާގެ ޕޮލިޓިކަލް ޑިޕާރޓްމެންޓްގެ ހެޑް އަދި ވީޓީވީގައި ޤާސިމް އިބްރާހިމަށް ކެމްޕޭންކޮށްދެއްވާ ޕްރެޒެންޓަރ މުޙައްމަދު އިކްރާމްގެ އަނބިކަބަލުންކަން ފާހަގަކުރަމެވެ. އަދި މުޙައްމަދު އިކްރާމަކީ ޖުމްހޫރީ ޕާޓީގެ ޢާންމު މެމްބަރެއްކަން ވެސް އެގިފައިވެއެވެ. މީގެ އިތުރުން ލަޠީފާ ޤާސިމް އަކީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ޝަރީޢަތްތަކާއި ގުޅޭ ގޮތުން ޖުޑިޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން މީގެކުރިން މީޑިއާއަށް ތަފާތު މަޢުލޫމާތު ދެއްވަމުން ގެންދެވިފަރާތެއްކަން ވެސް ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، ޤާސިމް އިބްރާހިމް އަކީ ޖޭއެސްސީގައި މިހާރުވެސް އިންނަވާ މެމްބަރެއްކަމަށްވެފައި، ޖުމްހޫރީ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށްވެފައި، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި މަހުޖަނުކަމަށްވެފައި، އަދި އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް މުޙައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭނޭކަމަށް އާންމުކޮށް ވިދާޅުވެ އެމޭރުމުން ޖޭއެސްސީ ގައި އިންނަވައިގެން ކެނޑިނޭޅި މަސައްކަތްކުރައްވާ ފަރާތެއްކަން ފާހަގަކުރަމެވެ. އަދި ލަޠީފާ ޤާސިމް މިއަދު ޖޭއެސްސީއަށް އައްޔަނުކުރެއްވުމުގެ ސަބަބުން ޖުމްހޫރީޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ޖޭއެސްސީއިން 2 ގޮނޑި ލިބިވަޑައިގެންފައިވާކަމާއި ޤާސިމް އިބްރާހިމު ޖޭއެސްސީގައި އިންތިހާއަށް ނާޖާއިޒު ނުފޫޒުފޯރުވައި ސިޔާސީ އަދި އެނޫންވެސް އަމިއްލަ މަސްލަޙަތު ކުރިއެރުވުމަށް އިތުރު ފުރުސަތަ ލިބިވަޑައިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން އެމް.ޑީ.ޕީއިން ފާޅުކުރަމެވެ.

24 ޖޫން 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް