ސިޔާސީ ހަތިޔާރަކަށް އިސްލާމްދީން ބޭނުންކޮށްގެން ފިތުނަ ފަސާދަ އުފައްދަމުންދާތީ އެކަންކަން އެންމެ މަތީ ދަރަޖައިގާ އެމްޑީޕީން ކުށްވެރިކުރޭ !

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އެޕްރިލް 16 ވަނަ ދުވަހު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގެ ދަޢުވަތަކަށް ކުރެއްވި ތަގުރީރެއްގައި، އެމަޖިލިހުގައި ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުންނާއި ބައެއް މީޑިޔާތަކުގައި އެކަމުގެ ހަގީގަތް އޮޅޭގޮތަށް ޒިންމާދާރުކަމެއްނެތި ފަތުރަމުންދާ ވާހަކަތައް މިޕާޓީން އެންމެ މަތީދަރަޖައިގާ ކުށްވެރި ކުރަމެވެ. އަދި މިކަންކަން ކުރަނީ ދީނީ ޝެއިޚުންގެ ތޮފި އަޅައިގެން ތިބެ ދީން ހަތިޔާރަކަށް ބޭނުން ކުރާބަޔަކު، ރައްޔިތުންގެ ތާޢީދު ނެތި ދީނީގޮތުން ހައްދު ފަހަނައަޅާފައި ތިބެގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބަޣާވަތްކުރި ބައެއްކަމުގައި މިޕާޓީން ގަބޫލުކުރަމެވެ. އަދި މިކަން ކުރަނީ އަމާން ދިވެހި މިބިމުގައި ފިތުނަ ފަސާދަ އުފައްދަން ކަމުގައިވެސް މިޕާޓީން ޤަބޫލުކުރަމެވެ.

ރައީސް މުހަންމަދު ނަޝީދު ޑެންމާކުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ވިސްނުން ދިވެހިރާއްޖޭގައްޔާއި ދުނިޔޭގައި ފެތުރެމުންދާތީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ. އަދި ހައްދު ފަހަނައެޅުން އެއީ އިސްލާމްދީނުގައިވާ ގޮތް ވެސް ނޫންކަމުގައެވެ. އަދި މިފަދަ ބޯދާ ވިސްނުމަށް ރައްދުދެވެންޖެހޭނެ ކަމަށާއި އެކަމާގުޅޭގޮތުން ވާހަކަދެކެވި މަޝްވަރާކުރެވެން ޖެހޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިތުނަވެރި ވިސްނުމާއި ފަސާދައާއި ދެކޮޅަށް މުސްލިމުން ތެދުވާން ވެއްޖެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިފަދަ ފިތުނަވެރި ވިސްނުމާއި ފަސާދައިގެ ސަބަބުން މުޅި ދުނިޔެއަށް ބިރުވެރިކަން ކުރިމަތިވެފައިވާއިރު ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމްވެ ސިޔާސީ ހަމަޖެހުމުގެ ތެރެއިން މިގޮންޖެހުންތަކާ ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ދިވެހި ރާއްޖެއަށް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިސްލާމް ދީނަކީ މެދުމިނުގެ އުޞޫލުތަކުގެ ދީނެއްކަމަށާއި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ހައްލު ގެނެވޭނީ އެމާތް ދީނުގައިވާ ރިވެތި އާދަތަކުގެ މައްޗަށް ބިނާކޮށް ޑިމޮކްރަސީ އަދި މަޝްވަރާގެ އުސޫލުގެ ތެރެއިން ކަމަށް މިޕާޓީން ޤަބޫލު ކުރަމެވެ. އަދި ހުޅުވިފައިވާ ދުނިޔެއެއްގައި އެއްބަޔަކާ އަނެއްބަޔަކު އެކުވެރިކަމާއި އެއްބާރުލުމާއެކު މަސައްކަތް ކުރުން އެއީ މިއުއްމަތުގެ މާތް ނަބިއްޔާ ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ މަތިވެރި ސުންނަތުން އަޅުގަނޑުމެންނަށް ލިބޭ މަތިވެރި ދަރުސާއި އިރުޝާދެވެ.

ފިތުނަ ފަސާދަކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެއްކަމުގައިވާތީ އިސްލާމްދީނުގެ ނަމުގައި ވަގުތީ ސިޔާސީ ބޭނުމެއް ފުއްދުމަށް ޝޭއިޚުންގެ ލަގަބު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކުރީސަފުގައި ތިއްބަވައިގެން ކަނޑައެޅިގެން މާނަ އޮޅޭގޮތަށް ރައްޔިތުންނަށް ދޮގު މައުލޫމާތު ދޭކަމީ މިޕާޓީން ވަރަށް ހިތާމަ ކުރާ ކަމެކެވެ. އަދި އެއްވެސް މުސްލިމް ބަޔަކާ ނިސްބަތްކޮށް އެއީ ލާދީނީ ބައެއްކަމުގައި ބުނުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާކަމެކެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން ޢިލްމުވެރިންނަށް ރައްޔިތުންކުރާ އިޙްތިރާމްއާއި ގަދަރު ކުޑަވަމުންދާކަމީ މިޕާޓީން ކަންބޮޑުވާކަމެކެވެ.

މިކަންކަމާ އިޝާރާތްކުރައްވައި އަދާލާތު ޕާޓީގެ މުއައްސިސް އަދި އެޕާޓީގެ ފުރަތަމަ ރައީސް ވިދާޅުވީ ” އިސްލާމްދީނުގައި މަތިވެރި ދަރަޖައަކަށް ހަރާމްކުރައްވާފައިވާ ބަޣާވާތްކޮށްގެންތިބޭ ބަޔަކަށްވުރެ ވަކީންބޮޑަށް ލާދީނީބަޔަކު ނުތިބޭނެ” ކަމުގައެވެ.

މާތްވެގެންވާ އިސްލާމްދީނާއި ގުޅުން ހުންނަ ވާހަކަތައް ގެނެސްދެއްވުމުގައި ސިޔާސީ ޕާޓީތަކުންނާއި މީޑިޔާތަކުގައި ޒިންމާދާރު ކަމާއިއެކީ މަސައްކަތްކުރެއްވުމަށް މިޕާޓީން ގޮވާލަމެވެ. އިސްލާމްދީނަކީ ސުލްހަވެރިކަމާ އެކުވެރިކަމުގެ މައްޗަށް ބިނާވެގެންވާ މެދުމިނުގެ އުޞޫލުތަކުގެ ދީނެއްކަމުގައިވާތީ އެފަދަ ރިވެތި އުސޫލުތަކާ މަޝްވަރާއާ އަދި ދީނީ ޢިލްމުވެރިންގެ މެދުގައި ހުޅުވިފައިވާ މާހައުލެއްގައި ކުރައްވާ ބަހުސް ފަދަ މަޝްވަރާތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ކަންކަން ކަމުގައި ހެއްދެވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ.