އެމްޑީޕީން ސީދާ ހަރަކާތަށް ނުކުމެއްޖެ!

evvun3

ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، ގަދަ ބާރު ބޭނުންކޮށް، އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ޝަރީޢަތް ހިންގުމަށް ހުޅުމާލޭ ކޯޓުން އަމުރު ނެރެފައިވާތީ، އެމްޑީޕީން ސީދާ ހަރަކާތައް ނުކުތުމަށް ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޤައުމީ މަޖިލީހަށް ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުށަހެއްޅުވި ޤަރާރްގައި ވަނީ ‘ މިޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި، މިޕާޓީއާއި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދެކޮޅަށް، “ބަޣާވާތާ ދެކޮޅަށް”، ދިވެހި އެންމެހައި ރައްޔިތުން ސީދާ ހަރަކާތަށް ނުކުތުމަށް މި ޕާޓީގެ ޤައުމީ މަޖިލީހުން އިޤުރާރު ވަމެވެ. އަދި މި ހަރަކާތް ހުއްޓާލާނީ ނަތީޖާ ހާސިލްވުމުން ކަމުގައި ވެސް މި ޤައުމީ މަޖިލީހުން އިޤުރާރުވަމެވެ. ” މިފަދައިންނެވެ. އަލީ ވަހީދުގެ މިޤަރާރަސް ތާޢީދު ކުރެއްވީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
މިއަދުގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ވެސް ފޯނު ބާޣީ ސަރުކާރުން ބަގްކޮށްފައިވާ ކަމަށާއި، އެމްޑީޕީގެ ހުރިހާ މެމްބަރުން މާލެއަރާ، ސީދާ ހަރަކާތައް ނުކުތުން ފިޔަވައި އިތުރުގޮތެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ސެކްރެޓޭރިއޭޓް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ވެސް އަލީ ވަހީދު ވަނީ ޤައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު އިންޑިއަން ހައި ކޮމިޝަނުން ދެން ނުކުމެ ވަޑައިގަންނަވަން ވާނީ ސީދާ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު ޝިފާޒް ވިދާޅުވީ، އެމްޑީޕީގެ އޮފީސް މިގެ ފަހުން ހަރަކާތްތެރި ވާނީ، ސީދާ ހަރަކާތުގެ ކޮމާންޑިންގ ސެންޓަރުގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް މީހުން މާލެ އެރުމަށް ޝިފާޒް އެދިވަޑައިގެންނެވިއެވެ.

ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، އެމްޑީޕީން ކުރިއަށް ގެންދާ ސީދާ ހަރަކާތް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، އެނުން ގޮތަކަށް އިންސާފް ލިބެން ނެތް ކަމަށެވެ. އިބޫ ވިދާޅުވީ، ރައީސް ނަޝީދަށް ރައްކާތެރިކަމާއި އެކު އިންޑިއާގެ ހައި ކޮމިޝަންގައި ހުންނެވިދާނޭކަމުގެ ފުރިހަމަ ޔަޤީންކަން އިންޑިޔަން ހައި ކޮމިޝަނުން އަރުވާފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދުމަށް އިންޑިއަން ހައި ކޮމިޝަނުން މަސައްކަތް ކުރައްވާނޭ ކަމަށް އެފަރާތުން ދެންނެވި ކަމަށް އިބޫ ވަނީ ޤައުމީ މަޖިލީހުގައި ވިދާޅުވެފައެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ވިދާޅުވީ، ސުލްހަވެރި ހައްލު ހޯދުމަށް އެކިގޮތް ގޮތުން މަސައްކަތް ކުރެވިއްޖެ ކަމަށާއި، އިންސާފް ޤާއިމްކުރުމަށް އެންމެން މަގު މައްޗަށް ނުކުމެ އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.