އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފ.ބިލެތްދޫއަށް ވަޑައިގެންފި

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފ.ބިލެތްދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފ.ބިލެތްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފ.ބިލެތްދޫ ޗާންދަނީވިލާ ރަމްޒީނާ އަފީފަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ބިލެތްދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއި، އެމްޑީޕީއަށް ތާއީދުކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތަރައްގީގެ ވާހަކަ ދައްކަނީ ހަމަ އެކަނި އެމްޑީޕީން ކަމަށާއި، ރަށްރަށް ތަރައްގީ ކުރުމުގެ ތަސައްވުރެއް ގެންގުޅޭ ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެ، އެ ސަބަބަށްޓަކައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ ވަށާޖެހޭ ތައުލީމީ ސިޔާސަތުގެ ދަށުން ބިލެތްދޫ ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސަބަބުން އެ ސްކޫލުގެ ނަތީޖާ އިހުނަށްވުރެ ރަގަޅުވެގެން ދިޔަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ އާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އާއި. ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު އާއި، އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާހީމް އަހުމަދު (މާލިމީ އިބްރާހީމް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު މިއަދު ބިލެތްދޫއަށް ވަޑައިގެންފައިވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމުގެ ނައިބު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް އާއި، އެ ގްރޫޕްގެ ވިޕް ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގެންދަވަނީ މ.އަތޮޅު ކައުންސިލުން ހުސްވެފައިވާ މުލަކު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މ.މުލައް، ހެޕީނާސް އިބްރާހީމް ލަތީފަށް ތާއީދު ހޯއްދެވުމަށް މީމު އަތޮޅުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދު ބިލެތްދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވާނެއެވެ.

ފ.ބިލެތްދޫ ކައުންސިލުންނާއި، ލ.މާބައިދޫ ކައުންސިލް އަދި މ.އަތޮޅު ކައުންސިލް (މުލަކު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮންނާނީ މިއަންނަ ހޯމަ ދުވަހު އެވެ.