އެމްޑީޕީން މިއަހަރު ވެސް އޮގަސްޓް ބާރަތޭރަ ފާހަގަކުރަނީ

އެމްޑީޕީން މިއަހަރު ވެސް އޮގަސްޓް 13-12 ފާހަގަކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ މި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން މިއަހަރު ޚާއްސަ ޖަލްސާ އަކާއި، އަނިޔާ އާއި ބެހޭ ފޮޓޯ މައުރަޒެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޖަލްސާ ގައި އަނިޔާ އާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޮގަސްޓް ބާރަ ތޭރަ އެމްޑީޕީން ފާހަގަކުރަން ފަށާފައިވަނީ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަމާއި އެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް ނުހައްގުން ލިބެމުން ދިޔަ އަނިޔާތަކާއި ދެކޮޅަށް، އިސްލާހަށް މަސައްކަތްކުރި ބަޔަކު ތެދުވެ، ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 މި ދެ ދުވަހު މެދުކެނޑުމެއް ނެތި އިހުތިޖާޖުކުރުމާއި ގުޅިގެން އޭގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާތީ އެވެ. 2005 ވަނަ އަހަރުގެ އޮގަސްޓް 12-13 ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް ރައީސް މުޙަންމަދު ނަޝީދު ހައްޔަރުކޮށް އެމަނިކުފާނާ މެދު ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް ކަންތައް ކޮށްފައެވެ.

“ކަޅުހުކުރު” ގެ ނަމުން މަޝްހޫރުވެފައިވާ މި ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ އޮގަސްޓް 13 ވާ ހޯމަ ދުވަހުގެ ރޭ ގައެވެ.

އޮގަސްޓް ބާރަ ތޭރަ ފާހަގަކުރުމަށް އެމްޑީޕީން ބާއްވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެމްޑީޕީ ސެކްރެޓޭރިއަޓް މެދުވެރިކޮށް އެހީތެރިވުމަށް އެމްޑީޕީން އެދެއެވެ.