ބާޣީ ސަރުކާރުގެ ފުލުހުންނާއި ސިފައިން ހިންގާ މަގުފޭރުމުގެ އަމަލުތަކާއި ލާއިންސާނީ އަމަލުތައް ކުށްވެރިކުރުމުގެ ގަރާރު މަޖިލީހަށް ބަލައެއް ނުގަތް

ބާޣީ ސަރުކާރުގެ ފުލުހުންނާއި ސިފައިންނާއި ބާޣީ ވެރިކަމުގެ ފަރާތުން ހިންގާ މަގުފޭރުމުގެ އަމަލުތަކާއި ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ފޮނުއްވި ކުއްލި މައްސަލަ އެޖެންޑާ ގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދައިފިއެވެ.

އިންތި ވިދާޅުވީ އެ މައްސަލަ އެޖެންޑާ ނުކޮށް ދޫކޮށްލީ، އެ މައްސަލަ އަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓާލުމަށް ފަހު، ކުރިއަށް ގެންދެވޭ ފަދަ މުހިންމު މައްސަލައަކަށް ނުވާތީ ކަމަށް މަޖިލީހުގެ ކައުންސިލާރ ޖެނެރަލް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން އަންގާފައިވާ ކަމަށާއި، އެހެން ނަމަވެސް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފަހު ވެސް އެންމެ އިސް ކަމެއް ދީގެން ކުރިއަށް ގެންދަން ޖެހޭ ފަދަ މުހިންމު މަސައްކަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

“މިހާރު ރާއްޖޭގައި ވެރިކަން މިކުރާ ފަރާތުން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ރައްޔިތުންގެ ގައިގާ މުގުރުންނާއި ބޫޓުންނާއި އަދި މިނޫންގޮތްގޮތުން ވެސް ތަޅައި، ކަރުނަ ގޭހާއި އަސޭމިރުސް ދުން މީހުންގެ ލޮލާއި އަނގަޔަށް އަމާޒުކޮށްގެން ކައިރިމިނުން ޖަހައި، އިންތިހާ ދަރަޖައަށް އަނިޔާކުރުމަކީ ސިސްޓަމެޓިކަލީ ނުވަތަ އާންމު އުސޫލެއްގެގޮތުން ހިންގަމުންގެންދާ ޖަރީމާތަކަކަށް ވެފައިވާއިރު، އަދި މިކަންތައްތަކުގެ އިތުރުން ސިއްރިޔާތުން ވައްކަންކުރުމަށް ވުރެ ވެސް މަތީ ދަރަޖައެއްގެ ޖަރީމާއެއްކަމުގައިވާ ސަލާމަތީ ޚިދުމަތްތަކުން މަގުފޭރުމުގެ ޖަރީމާހިންގަން” ފަށާފައިވާ ކަމަށް މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

އެ ގޮތުން 8 ޖޫން 2012 ވަނަދުވަހުގެ ރޭ 9:00 ހާއިރު، ސީދާ ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ ފުލުހަކާއި އަދި ކުލަހެދުމުގައި ތިބި ފުލުހުންތަކަކާއި ސިފައިންގެ މީހަކުވެގެން މަގުމަތިން ބިދޭސީއެއްގެ އަތުން ފައިސާއާއި މޯބައިލް ފޯނު ފޭރިގަތުމަށްފަހު އެ ބިދޭސީ މީހާއާއި އަދި އިތުރު މީހުން ދިރިއުޅޭ ގެޔަށް ވަދެ، އެގޭގައި އުޅޭ މީހުންނަށް ބިރުދައްކައި އަނިޔާކުރި މައްސަލަ ވެސް މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. މަގުފޭރުމުގެ އެ ޖަރީމާ ހިންގުމުގައި ފުލުހުންގެ ތަޙްޤީޤް ޓީމުގެ މީހަކާއި ސްޕެޝަލް އޮޕަރޭޝަން ޓީމުގެ މީހަކު ހިމެނޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޤާބިލުކަމާއި އަޚްލާޤާއި ސުލޫކުގެ ގޮތުން މަތީ ވަނާގައި ހިމެނޭ ކުށެއް ނެތް ބައެއް އޮފިސަރުން ހައްޔަރުކޮށް، އަދި އެގޮތުގެމަތީގައި ދެން ތިބި އެފަދަ ޕްރޮފެޝަނަލް ފުލުހުންނަށް ބިރުދައްކަމުންދާ ކަމަށް ވެސް އިންތިގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

“ދައުލަތުގެ ޚަރަދުގައި ސިފައިންނާއި ފުލުހުން ޔުނިފޯރމުގައި މަގުމައްޗަށް ނުކުމެ، އެމީހުންގެ ވަޒީފާއަކީ ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރުމާއި މަގުފޭރުންކަމަށްވާކަމީ އަދި އެފުރުސަތު އެގޮތަށްދީފައިވާކަމީ މިޤައުމު ޖަންގަލީގެ އުސޫލުހާ ނުރައްކާ، ނާމާން އަދި ބިރުވެރި އަދި ސަލާމަތްތެރިކަމެއް ނެތްތަނަކަށް ބަދަލުވެފައިވާކަން އަންގައިދޭކަމަށްވާތީ، ސިފައިންނާއި ފުލުހުން ނުވަތަ މި ވެރިކަމުގެ ފަރާތުން ހިންގާ މިބާވަތުގެ މަގުފޭރުމުގެ އަމަލުތަކާއި ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ.” އިންތިގެ ކުއްލި މައްސަލައިގައި ވެއެވެ.

މި ކުއްލި މައްސަލަ އެޖެންޑާ ނުކުރުމުގެ ސަބަބުން މިއަދުގެ މަޖިލިސް ވަނީ ވަރަށް ބޮޑަށް ހޫނުވެ މަޖިލިސް މެދުކަނޑާލަން ވެސް ޖެހިފައެވެ.