އެއްވެސް ބަޔަކު ސަރުކާރުން އެއްޗެއް ނުލިބިގެން ނުވަތަ އެއަށްވުރެ މޮޅު ގޮތެއް ފެނިގެން ސަރުކާރާ ދުރަށްދިއުމަކީ އެމްޑީޕީގެ ބޮލުގައި އެކަމުގެ އިލްޒާމް އެޅުވޭނޭ ކަމެއް ނޫން – އެމްޑީޕީގެ ޗެއަރޕާސަން

– ރާއްޖޭގައި އޮތް ޚުދުމުޚްތާރުވެރިކަން ބަދަލުކުރުމަށް އަދާލަތު ޕާޓީން އެމްޑީޕީއަށް ދިން އެހީތެރިކަމާ އެއްބާރުލުން އެމްޑީޕީން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެ

އިބްރާހީމް ރާމިޒް

moosa

ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ބަޔަކު ނަމަވެސް ނުވަތަ އެ ނޫން ފަރާތަކުން ނަމަވެސް ސަރުކާރުން އެއްޗެއް ނުލިބިގެން ނުވަތަ އެއަށްވުރެ މޮޅު ގޮތެއް ފެނިގެން ސަރުކާރާ ދުރަށްދިއުމަކީ އެމްޑީޕީގެ ބޮލުގައި އެކަމުގެ އިލްޒާމް އެޅުވޭނޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީން އެމްޑީޕީއާ އެކު ވެފައިވާ ކޯލިޝަން އެއްބަސްވުން އުވާލުމާ ގުޅިގެން އެމްޑީޕީ ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި މޫސަ އިތުރަށް ވިދާޅުވީ، “އެމްޑީޕީ ހިނގަނީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއާ، ގައުމީ މަޖިލީހާ، އެމްޑީޕީގެ ކޮންގްރެސްއާ މި ގުނަންތަކުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށްވާއިރު، އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން އުޅޭ ފަރާތަކުން، ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ނުވަތަ ދީނީ ގޮތުން ނަމަވެސް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި، އަދި މިނިވަން އެހެން މުޥައްސަސާތަކާ މެދުވެސް ހިންހަމަނުޖެހުންތަކެއް މެދުވެރިވެއްޖެ ނަމަ، ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެއްމޭޒުދޮށުގައި އިށީނދެ ކަންކަމާ ވާހަކަދެއްކުމަކީ ސިޔާސީ ގޮތުންނާއި، ދީނީ ގޮތުން ބެލިނަމަވެސް ކަމެއްގައި ހައްލު ހޯދުމަށް އޮންނަ އެންމެ ރީތި ގޮތް ކަމުގަ އަޅުގަނޑުމެން (އެމްޑީޕީން) ދެކެނީ.”
މިއަދު ހެނދުނު މޫސަ ދެއްވި މި ބަސްދީ ގަތުމުގައި އަދި ވިދާޅުވީ “ކިތަންމެ ބޯހަރު އަނތްބެއް ނަމަވެސް ވަރިވެގެން ދިއުމުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފިރިމީހާ މާޔޫސްވާ ފަދައިން، އަދާލަތު ޕާޓީ އެމްޑީޕީއާ ވަކިވުމުން ވެސް ހިތާމަކުރާ ކަމަށާއި، އެހެން ނަމަވެސް އަދާލަތު ޕާޓީގެ މިހާރުގެ ލީޑަރޝިޕަކީ، ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތްކުރާ ބައެއް ނަމަ، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުން ލާރިނަގައިގެން، ދައުލަތަށް މަންފާއާއި ލާބަލިބޭ މަގުތައް ބަންދުކޮށް، ދައުލަތް ބަދުނާމުވާފަދަ ގޮތަކަށް މަސައްކަތް ނުކުރީސް ކަމުގައެވެ. އެހެން ނަމަވެސް އަދިވެސް އެމްޑީޕީން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކާ ގުޅިގެން މަސައްކަތްކޮށް ރާއްޖެއަށް ހުރިހާ މައިދާނެއްގައި ވެސް ތަރައްޤީއާއި ތަހުޒީބު ގެނައުމަށް ކަމުގައި މޫސަ ވިދާޅުވިއެވެ.
” އެމްޑީޕީން ގަބޫލުކުރާ ގޮތުގަ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ވިސްނުމާއި، ފިކުރު ބިނާވެގެން ވާންޖެހޭނީ ބައިބައިވުމާއި، ވެރިކަމާ ތަޅާފޮޅުމާއި، އާއިލީވެރިކަމަކަށް މަގުފަހި ކުރުމާއި، އަމިއްލަ އުސޫލުތައް ކުރިޔަށް ނެރުމަށްވުރެ ބޮޑަށް، ދައުލަތާއި ރައްޔިތުންގެ ކަންކަމުގައި، ޤާނޫނު އަސާސީން ރައްޔިތުންނަށް ލާޒިމްކުރާ ޙިމާޔަތާއި، ރައްކާތެރިކަން ރައްޔިތުންނަށް ލިބިދިނުމުގައި އެއިރަކަށް މުޅި ދައުލަތަށް އެންމެ މަންފާކުރާނޭ ގޮތެއްގެ މައްޗަށް.” މޫސަ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާ ވަކިވުމަށްފަހު އެމްޑީޕީ ބަދުނާމްވާ ގޮތަށް މީޑިއާގައި ވާހަކަ ދެއްކުމަކީ އެމްޑީޕީން ހިތާމަކުރާ ކަމެއް ކަމަށާއި، “އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުވެ އަޅުކަމުގައި މަޝްޢޫލުވާ މީހުން ގިނަވެ، ދީނީ ކަންކަމަށް މީހުން ސަމާލުކަންދޭ މިންވަރު އެތައްތަނަކުން އިތުރުވެފައިވާ ކަން މިއީ މުޅި ރާއްޖޭގެ އެންމެން ހެކިވާނޭ ކަމެއް ކަމަށާއި، ކުރީގެ ސަރުކާރުގައި ކަސްތޮޅު އެޅިފައިވާ ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ހޯދައިދިނީ މި ސަރުކާރުންކަން ޢަދާލަތަށް ވެސް އެނގޭނޭ” ކަމުގައި މޫސަ ވިދާޅުވިއެވެ.
” މިހާތަނަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތާރީޚަށް ބަލާއިރު، އެ ޕާޓީތައް ނިކަމެތިވެ ބަލިކަށިވެގެން ގޮސްފައިވަނީ ވެރިކަމާ ތޮޅުމަށް އެ ޕާޓީތަކުގެ އިސްވެރިން ފައިވިއްދުމުގެ ސަބަބުން. އަޅުގަނޑު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ކިބައިންވެސް މި އެދެނީ އެމްޑީޕީ އިސްވެ އޮވެ މި ގެނައި ޑިމޮކްރަސީ އާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ ތެރޭގައި ޕާޓީތަކުން މަސައްކަތްކުރަމުންދާއިރު، އެ ޕާޓީއެއްގެ އެތެރޭގެ ޑިމޮކްރަސީއަށް ތަބާވެ، ސިޔާސީ ފިކުރާއި، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން މަސައްކަތް ކުރުމަށް. އަދި އެމްޑީޕީން އަބަދުވެސް އެދެނީ އަދާލަތު ޕާޓީއަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ މަތިން ހިނގާ، ދިވެހިރައްޔިތުންގެ މެދުގައި މަޤްބޫލު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުން،” މޫސަ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ އެކު އޭރު އުފެދިފައިވާ ގާތްގުޅުމެއްގެ ސަބަބުންނެވެ. އަދި މި ވެރިކަމުގެ ކުރީ ކޮޅު ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ގުޅުން ހީނަރުވުމަށްފަހު އަދާލަތު ޕާޓީން އެއްވެސް ކަމެއްގައި އެމްޑީޕީއާއެކު އެކަށީގެންވާ ގޮތަކަށް މަޝްވަރާކޮށްފައި ނުވެއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާ ވަކިވެފައިވީ ނަމަވެސް އެމްޑީޕީއަކީ އަމިއްލަ ހަކަތައިގައި މަސައްކަތްކުރުމުގެ ގާބިލްކަން ލިބިފައިވާ ޕާޓީއެއް ކަމަށާއި، އަދާލަތު ވަކިވި ނަމަވެސް އެމްޑީޕީއަށް އެއްވެސް ބުރުލެއް ނާރާނޭ ކަމަށް އެމްޑީޕީގެ ގިނަ އާންމު މެންބަރުން ބުނެއެވެ.