އިބްރާހީމް ރާމިޒް
އައްޑޫ ސިޓީ ކައުންސިލް ހެދުމާ ދެކޮޅަށް ގައުމީ ޕާޓީގެ ނައިބު ލީޑަރު އިމާދު ޞޯލިޙް ކުރައްވަމުން ގެންދަވާ މަސައްކަތް އެމްޑީޕީގެ ތަފާތު ދާއިރާތަކުން ކުށްވެރިކުރަމުން އެބަގެންދެއެވެ.
މިގޮތުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ މިކަން ކުށްވެރިކުރައްވައި ރޭ ނޫސްބަޔާނެއް ނެރުއްވާފައެވެ. މި ނޫސްބަޔާނުގައި “އައްޑޫއަށް ނިސްބަތްވާ ޕާޓީއެއް ކަމަށް ބުނާ ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ޞޯލިޙް، ސިޔާސީ ބޭނުކަށްޓަކައި އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ވިންދާ އިޙްސާސްތަކަށް ބެލުމެއްނެތި އައްޑޫ ސިޓީއަކަށް ހެދުމަށް ހުރަސްއެޅުމުގެ ގޮތުން މަސައްކަތް ކުރަމުންދާތީ” މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
އައްޑޫ ސިޓީއަކަށް ހެދުމަށް އެއަތޮޅުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމްޑީޕީގެ ލީޑަރޝިޕާއި، އެޕާޓީގެ 45000 މެންބަރުން އަތާއަތްގުޅާލައި، އެ ޖިހާދުގައި އެމްޑީޕީން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމާއި، މި މަސައްކަތް ހުޢްޓާލާނީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު ކަމުގެ ފުރިހަމަ ޔަޤީންކަން ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވަނީ ދެއްވާފއެވެ.
މީގެ އިތުރުން ހުޅުމީދޫ ދާއިރާއާއި ހިތަދޫ ދެކުނު ދާއިރާއިން ވެސް ވަނީ އިމާދު ޞޯލިޙްގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ހަމަ އެހެންމެ މާލެ އާއި އައްޑޫގައި މިކަމާއި ގުޅިގެން ގައުމީ ޕާޓީއާ ދެކޮޅަށް ރޭ ވަނީ މުޒާހަރާކޮށްފައެވެ. އަދި އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގޮވާލައި، އައްޑޫގައި 48 ގަޑިއިރު ވަންދެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.