މައުމޫނުގެ ސަލާމަތަށްޓަކާ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއްވެސް ކުރާނަން – ރައީސް

އިބްރާހީމް ރާމިޒް

sarangu-veshi-fehi-450-x-360

ސިޔާސީ ކަންކަކަމާ ދުރަށް ވަޑައިގެންނެވިކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މައުމޫނު އަލުން އެނބުރި ސިޔާސީ ޙަޔާތާ ގުޅިވަޑައިގެންނެވުމަށް މާލެވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި އެމަނިކުފާނު އެނބުރިވަޑަގެންނެވުމުން ތާރީޚް އަލުން އަނބުރާ އިއާދަވުން ގާތްކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނަށް ދިމާވާ ކޮންމެ ދެރަކަމަކުން ސަލާމަތްކުރުމަށް މަސައްކަތްޕުޅު ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި މައްޗަންގޮޅި ދެކުނު ދާއިރާއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި މާލޭ މުނިސިޕަލްޓީގެ ރައީސް (ސަރަނގު) އާދަމް މަނިކުގެ “ސަރަނގު ވެށިފަހި މާލެ” ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ބައެއް ރައީސުން ވެރިކަން ނިންމުމަށްފަހު ރާއްޖެ ދޫކޮށް ވަޑައިގެން އަނެއްކާވެސް އެނބުރި ރާއްޖެ ވަޑައިގަތުމުން ވަރަށް ހިތާމަވެރި ހާދިސާތައް މިގައުމުގައި ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް މާލެއަށް ދިމާވާން އުޅޭތީވެ، ކަންބޮޑުވަނީ. ވަރަށް ގިނަ ފަހަރަށް މި މާލޭގައި ވެރިކަން ކުރާ ބޭފުޅުން ވެރިކަން ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާ. އެހެން އުޅުއްވާފާ ބައެއް ފަހަރު އެނބުރި ވަޑައިގަންނަވަން އުޅުއްވާނެ. މިއީ އަޅުގަނޑަށް އެއްވެސް ހާލެއްގައި މަޖާ ވާހަކައެއް ނޫން. އަޅުގަނޑު ކަންބޮޑުވާ ވާހަކައެއް. އެނބުރި ވަޑައިގަންނަވާ ދަނޑިވަޅުތަކުގައި ބައެއް ބޭފުޅުން އަވަހާރަ ވެފައި އެބަތިއްބެވި. އަނެއްބައި ބޭފުޅުންގެ މުޅި ހަޔާތް އެކީ ބަރުބާދުވެފައި އެބަތިބި.” ރައީސް ނަޝީދު ވިދާޅުވި އެވެ..
ރައީސް ވިދާޅުވީ މައުމޫނު އަލުން އަނބުރާ ސިޔާސީ ޙަޔާތަށް ނުކުމެވަޑައިގެންފިނަމަ އެކުޅުއްވެވެނީ ރައްޔިތުންގެ އިހްސާސްތަކާ ކަމަށާއި، އެކަމުގެ ސަބަބުން ތާރީޚް އަލުން އަނބުރާ އިއާދަވެ، ވަރަށް ދެރަ ނަތިޖާއެއް ނުކުތުން ކައިރިކަމަށެވެ.
ރައީސް ރޭ ވިދާޅުވީ “މިރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކާ އެގޮތައް ކުޅުއްވަން ނޫޅުއްވާށޭ. އެހެން ހެއްދެވީމާ ދެން ގުޑާއިރުގައި އަޅުގަނޑަށް ވެސް ހިފަހައްޓަން އުނދަގޫވާނޭ، ރައީސް މައުމޫނުގެ ސަލާމަތަށްޓަކާ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާކަމެއްވެސް ކުރާނަން، ސިޔާސީ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ރާއްޖެ ވައިޑައިގަންނަވާ ވާހަކަ ދައްކަވާ ކަމުގާ ވަނީ ވިއްޔާ، ދެންހަމަ އަނެއްކާވެސް ބޮޑަށް ފެނުން ގާތީ މިރާއްޖޭގެ ތާރީހު އަލުން އަބުރާ އިޔާދަވާ ތަން. އެހީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ދެކެން ބޭނުން މަންޒަރެއް ނޫން. އަޅުގަނޑަށް އިނގޭ ތިބޭފުޅުން ދެކެން ބޭނުންވާތަން ވެސް. އެހެން ނަމަވެސް އެހެން ނުހައްދަވާށޭ! އަޅުގަނޑު ރައީސް މައުމޫންގެ އަރިހުން މިއެދެނީ މިރަށަށް އެނބުރި އަރައިވަޑައިގަންނަވަން ނޫޅުއްވާށޭ.”
ރޭގެ ރަސްމިއްޔާތުގައި ސަރަނގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި އެމްޑީޕީގެ އިސްވެރިން ކަމަށްވާ ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދި އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.
މިރަސްމިއްޔާތަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިކަން ވަނި ފާހަގަކުރެވިފައެވެ.