1st December 2026
ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީ.އެން.ސީ ގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށް މި ޕާޓީއިން ޤަބޫލުކުރާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. 2018 ވަނަ އަހަރު އުފެދުނު އެމް.ޑީ.ޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނެވެ. އެމް.ޑީ.ޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖްލިސް އިން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔައެވެ. ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައެވެ. މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީއެވެ. އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭން ތަންފީޒުކޮށް، ހިންގުމެވެ. މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް ތަރައްޤީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް ވަނީ މެދު ކަނޑާލާފައެވެ. މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްޤީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައެވެ. އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުމެވެ. އަދި އެބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޤާނޫނާ ޤަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް މި ޕާޓީއިން ޤަބޫލުކުރުމަވެ. ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ޤާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފައެވެ. ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް މި ޕާޓީން ގޮވާލަމެވެ. އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް މި ޕާޓީ އިން ގޮވާލަމެވެ.
3rd January 2026
ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވާތީ، އެމްޑީޕީގެ އަންހެނުންގެ ރޫހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅެއެވެ. ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާ ކަމެވެ. މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި،ނެރެދޭ ނަތީޖާއާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެކެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެއެވެ. އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީމިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެކެވެ. މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތެވެ. މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި،ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކެމެވެ. މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެކެވެ. އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލަމެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދެމެވެ. 03 ޖަނަވަރީ 2026
3rd January 2026
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވެއެވެ.އަދި، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލެވުނު ޤާނޫނުނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނު) އަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް ދެންނެވުނު ޤާނޫނަށް ގެނެސްފައިވެއެވެ. އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފައެވެ. މިގޮތުން، އެމް.ޑީ.ޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށުކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މި ދެންނެވިމަސައްކަތްތައް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، ދެންނެވުނު ހައުސިންގޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައެވެ. ދެންނެވުނު ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ޤާނޫނޫއަސާސީއާއި ލާމަރުކަޒީ ޤާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ. މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްމަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަންހުއްޓައިލުމަށް ސަރުކާރަށް ގޮވައިލަމެވެ. އަދި، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށްތުޅާދޫ ކައުންސިލަށް ގޮވައިލަމެވެ. އެ މަސައްކަތުގައި މި ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ. 03 ޖަނަވަރީ 2025
31st December 2025
2026 ވަނަ އަހަރުގެ އޭޕްރިލް 4 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާނުލާ، ކުރިއަށް އޮތް އިނތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި 30 ޑިސެމްބަރ 2025 ގައި ކަނޑައެޅުމަކީ މިޕާޓީ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. މިފަދައިން ޢަމަލުކޮށްފައިމިވަނީ 7 ނޮވެމްބަރ 2025 ގައި ހދ. ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކުރެވިފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދުދެމުން ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ޚިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ. އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްޤަކަށް ވީހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން، އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ މިޕާޓީއިން ކުށްވެރިކުރާ ކަމެކެވެ. މިއަދާ ހަމައަށްވެސް، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ފަށާފައި ނުވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނެސްފައިވަނީ، މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށެވެ. އަދި، މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިހާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަކުރުކަން އަންނާނޭ ކަމެއް ކަމުގައި މި ޕާޓީއިން ގަބޫލު ކުރަމެވެ. މިފަދަ ބަދަލެއް ހެޔޮނިޔަތުގައި ގެންނަނަމަ ގެންނާނީ، ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހުގައެވެ. އަދި، ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ. ނަމަވެސް ސަރުކާރުން ޢަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށްވާތީ، މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް ގޮވާލަމެވެ. 31 ޑިސެންބަރ 2025
13th December 2025
ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހިމެނޭހެން 8 މީހަކު އެ ހަރަކާތުގެ ތެރެއިން ޤާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ، މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިދާރާ ކަމުގައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް މި ޕާޓީން ހުށަހަޅައިފީމެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް، ދެންނެވުނު ހުށަހެޅުމުގައި އެދިފައި ވާނެއެވެ. އަދި، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ހެޔޮނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އަންގަވައިދެއްވުމަށް ވެސް ވާނީ އެދިފައެވެ. މެންބަރު މަޢުރޫފް ޛާކިރު އާއި އެތައް ބަޔަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، އެންމެން ވަގުތުން ދޫކޮށްލުމަށް އަދިވެސް ގޮވައިލަމެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް ގޮވައިލަމެވެ.
13th December 2025
ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރުމަޢުރޫފް ޛާކިރު ހިމެނޭހެން ޖުމްލަ 8 މީހަކު ވަނީ އެ ހަރަކާތުގެ ތެރެއިން ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފައެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ކުށެއްގެ ތުހުމަތުގައިބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށެވެ. އެހެންނަމަވެސް، ދެންނެވުނު ފަރާތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ 4 މީހުންނެވެ. އަނެއް 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކާނުލައި ބަންދުގައި ބައިތިއްބައިފައި އެ ވަނީ ޤާނޫނުއަސާސީއާ ހިލާފަށެވެ. 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މި ގޮތަށް އަމުރުކުރި ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ވެސް ބަޔާންކޮށްދެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީއާއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އަދި އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާވެސް ހިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. މިއީ، ޤާނޫނުއަސާސީއާއީ ހިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެ ކަން މި ޕާޓީން ކުށްވެރިކުރަމެވެ. އަދި، ޤާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
12th December 2025
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ރޫޅާލާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން މި ޕާޓީގެ ފަރާތުން ކުށްވެރި ކުރަމެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާ އިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށެވެ. އެހެން ކަމުން މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ. މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަން މި ޕާޓީއިން ފާހަގަ ކުރަމެވެ. ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.
24th November 2025
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އަލްއުސްތާޛު ފައްޔާޒް އިސްމާއީލް ކޮށްދެއްވި ގިނަގުނަ އަދި އެހާމެ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަމަށް ޓަކައި، ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ނުހަނު އިޚްލާތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އެމްޑީޕީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް އިސްމާއީލްވަރަށް އިސް ދައުރެއް އަދާކުރެއްވިކަން އުފަލާއެކު ފާހަގަކުރަމެވެ. ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ކަމަށްވީ ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި، ޕާޓީގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އަދި، ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށް ޓަކައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވިއެވެ. ސަރުކާރުގެ ދައުރު ނިމުމަށްފަހު، ޕާޓީގެ މަސައްކަތައް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް، ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރެއްވިއެވެ. ފައްޔާޒް އިސްމާއީލްގެ ތާއީދާއި ހިދުމަތް އަބަދުވެސް ޕާޓީއަށް ލިބޭނެކަމަށް ޔަގީންކުރަމެވެ. ފައްޔާޒް އިސްމާއީލަށް ކާމިޔާބު މުސްތަގުބަލަކަށް މި ޕާޓީން އެދެމެވެ.
24th November 2025
ޗެއާޕާސަންގެ މަގާމުން އަލްއުސްތާޛު ފައްޔާޒް އިސްމާއީލް އިސްތިއުފާދެއްވުމާ ގުޅިގެން، ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި އަދި މި ހިނދަށް ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަމާމެދު މިއަދު ޕާޓީގެ ލީޑަރޝިޕުން ވަނީ މަޝްވަރާކޮށްފައެވެ. މި ގޮތުން، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބުކުރުމާމެދު އަދި އެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް ކަނޑައެޅުމާމެދު، ލީޑަރޝިޕްގެ ބައްދަލުވުމެއް މިއަދު މެންދުރު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވިއެވެ. އެ ބައްދަލުވުމުގައި ލަފާދީފައިވަނީ، ލީޑަރޝިޕުން ވަކި ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، ދެންނެވުނު ދެ މައްސަލައާމެދު ޤައުމީ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އެ ކޮމިޓީން ނިންމާ ގޮތެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށެވެ. އެ ގޮތުގެ މަތިން، ދެންނެވުނު ދެ މައްސަލައާމެދު ގޮތެއް ނިންމުމަށް ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވިއެވެ. މި ބައްދަލުވުމުގައި، ޤައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޤައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށެވެ. ދެންނެވު ކަންކަމުގައި، ޕާޓީން ކުރިއަށްދާނީ، ހުޅުވައިލެވިފައިވާ މާހައުލެއްގައި އަދި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ޤައުމީ މަޖިލީހުން ނިންމާގޮތެއްގެ މަތިންކަމުގައި ދަންނަވަމެވެ.