ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވާތީ، އެމްޑީޕީގެ އަންހެނުންގެ ރޫހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅެއެވެ. ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާ ކަމެވެ.
މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި،ނެރެދޭ ނަތީޖާއާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެކެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެއެވެ.
އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީމިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެކެވެ. މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތެވެ.
މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި،ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކެމެވެ. މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެކެވެ.
އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލަމެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދެމެވެ.
03 ޖަނަވަރީ 2026
ފަހުގެ ނޫސް ބަޔާންތައް
31st December 2025
ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުން
13th December 2025