ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން، ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ކަށަވަރުކޮށްދެއެވެ.
ދެންނެވުނު މިނިވަންކަމުގެ ބޭނުންހިފައި، ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދިފާއުކުރުމުގެ ނިޔަތުގައި، މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއެކު އެއްވުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިސްނަގައިގެން، 2025 އޮކްޓޫބަރު 3 ވީ ހުކުރު ދުވަހުގެ ރޭގަނޑު، ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ބާއްވައިފައި ވާނީ ސުލްހަވެރި ސިޔާސީ އެއްވުމެކެވެ.
ދެންނެވުނު އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށް ޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމާއި، އަދި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށް ޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމާއި، އަނިޔާވެރިކަމާއެކު އެތައް ބަޔަކު ހައްޔަރުކުރިތަން ދިވެހި ރައްޔިތުންނަށް ވާނީ ފެނިފައެވެ.
އޭގެ 5 މަސް ފަހުން، އެ މުޒާހަރާއާ ގުޅުވައިގެން މި ޕާޓީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ގައުމީ މަޖިލީހުގެ މެންބަރަކާއި އަދި ޕާޓީގެ ހިދުމަތްތެރި އާއްމު މެންބަރަކު ހިމެނޭހެން ހަރަކާތްތެރިންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފައެވެ.
މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށާއި، އަދި ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި ފެށޭ މާރިޗު މަހުގެ 21 ވަނަ ދުވަހު މި ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެކެވެ.
ޑޮކްޓަރު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރަމެވެ. އަދި މި ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން ހަނދާންކޮށްދެމެވެ.
01 މާރޗް 2026
ފަހުގެ ނޫސް ބަޔާންތައް
1st December 2026
ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން
1st March 2026