ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ ފަރާތުން މިޕާޓީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދާ 21 ޖޫން 2026 ގައި ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ އަލީގައި ދަންނަވަމެވެ.
ޓެކްސީ ލައިން ތަޢާރަފު ކޮށްފައިވަނީ މާލޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ 500 އަށް ވުރެ ގިނަ ޑްރައިވަރުންގެ އާމްދަނީއަށާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށްވެސް ރިޢާޔަތްކުރުމެއްނެތިއެވެ. އެކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ދެމެހެއްޓެނިވި ކަމާމެދު ސުވާލު އުފެދި، 500 އަށްވުރެ ގިނަ ޑްރައިވަރުންގެ ޢާއިލާތަކުގެ އާމްދަނީގެ ކަށަވަރުކަމަށް ހިޔަނި އެޅިފައި ވެއެވެ.
އަމުދުން ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅާއި، މާލެ އަދި ހުޅުމާލެ ގުޅިގެން ދާއިރު، ޓެކްސީ ޚިދުމަތް ފުޅާކޮށް، ރަނގަޅަށް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭން އޮތްކަމަށް މި ޕާޓީއިން ދެކޭކަމުގައި ދަންނަވަމެވެ. މިއީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަމާއި ހިތްވަރު ދޭންވީ ވަގުތުކަމުގައިވެސް މި ޕާޓީއިން ދެކެމެވެ. އަދި ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލުކުރާންވީ ވަގުތުކަމުގައިވެސް މިޕާޓީއިން ދެކެމެވެ.
މީގެ އިތުރުން، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ދަނޑުވެރިންނާއި މަސްވެރިންނަށް ސަރުކާރުގެ ފަރާތުން ލިބޭ ބާވަތުގެ އެއްވެސް ލުޔެއް ނުވަތަ އެހީއެއް ފޯރުކޮށް ނުދޭއިރު، ސްޕެޔަރ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 އިންސައްތައަށް ބޮޑުކޮށްފައި ވާކަމަށް ޑޭމްގެ މަންދޫބުން ފާހަގަ ކުރެއްވި ކަންބޮޑުވުމުގައި މި ޕާޓީއިންވެސް ބައިވެރި ވަމެވެ.
ޢާންމު ދަތުރުފަތުރުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރުމަށާއި، ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގައި ޢާންމުން ކުރިމަތިލާންޖެހޭ ދަތި އުނދަގޫތަކަށް ފަރުވާ ހޯދުމަށް ކަމާބެހޭ އެންމެހައި ފަރާތްތަށް މަޝްވަރާކޮށް، ޙައްލު ހޯދުން ކޮންމެހެން ބޭނުންތެރި ކަމުގައި މިޕާޓީއިން ދެކޭކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ.
މިޕާޓީއިން ސަރުކާރަށް ގޮވާލަނީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށެވެ. އަދި ސިޔާސަތު އެކުލެވުމާއި، ރެގިއުލޭޓަރެއްގެ ހައިޘިއްޔަތުން ޚިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލެވުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަވުމަށެވެ.
ފަހުގެ ނޫސް ބަޔާންތައް
15th May 2026
ސިޓީ ކައުންސިލްތަކުގެ ޑެޕިޔުޓީ މޭޔަރުން އަދި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމާއި ބެހޭ
26th March 2026