ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީ.އެން.ސީ ގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށް މި ޕާޓީއިން ޤަބޫލުކުރާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ.
2018 ވަނަ އަހަރު އުފެދުނު އެމް.ޑީ.ޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނެވެ. އެމް.ޑީ.ޕީ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖްލިސް އިން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔައެވެ. ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައެވެ. މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީއެވެ. އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭން ތަންފީޒުކޮށް، ހިންގުމެވެ. މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް ތަރައްޤީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް ވަނީ މެދު ކަނޑާލާފައެވެ. މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްޤީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައެވެ. އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުމެވެ. އަދި އެބަސްފުޅު އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޤާނޫނާ ޤަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއް ކަމަށް މި ޕާޓީއިން ޤަބޫލުކުރުމަވެ.
ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ޤާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފައެވެ. ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް މި ޕާޓީން ގޮވާލަމެވެ. އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް މި ޕާޓީ އިން ގޮވާލަމެވެ.
ފަހުގެ ނޫސް ބަޔާންތައް
3rd January 2026
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން
3rd January 2026
ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން
31st December 2025