ހާއްސަ އެހީއަށް ބޭނުންވާ 6 އަހަރުގެ ކުއްޖަކަށް ދޭންޖެހޭ ފަރުވާ އެކަށީގެންވާ އަވަސްމިނުގައި ނުދެވި ލަސްވުމުގެ ސަބަބުން، އިއްޔެގެ ވަގުތެއްގައި އެ ކުއްޖާ ނިޔާވުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މި ދަނޑިވަޅުގައި އެ ތުއްތު މަރުހޫމްގެ އާއިލާއަށް އިހުލާސްތެރި ތައުޒިޔާ ފޮނުވަމެވެ.
ގަސްތުގައި އިހުމާލުވުމުގެ މި މައްސަލައިގައި، ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވައިލަމެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ޕާޓީން ގޮވާލަމެވެ.
މިހާރަކަށް އައިސް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ޚިދުމަތް ދިނުން ހުއްޓައިލަމުންދާތީ އާއި، ބޭސްސިޓީއަށް ބޭސްދޫކުރުމުގައި ލިބެމުންއައި އާސަންދަގެ ޚިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ޙަރަދުކުރަންޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް ދަނީ ލިބެމުންނެވެ.
މިކަން މި މި ދިމާވަނީ، ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި، ނާޖައިޒް ފައިދާ ނެގުމަށް މި ސަރުކާރުން އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ބޭސް ނުލިބުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އެތަކެއް އާއިލާތަކެއް ތިބިކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭއިރު، އިހުމާލުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ.
ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް، ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ކުރިމަތިވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަމަށް ހޭދަކުރުމަށް މި ޕާޓީން ގޮވައިލަމެވެ.
ފަހުގެ ނޫސް ބަޔާންތައް
1st December 2026
ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން
17th March 2026