އިޒްރޭލާ ދެކޮޅަށް އައިސީޖޭއިން ނެރުނު އަމުރާ ގުޅިގެން ނެރޭ ނޫސްބަޔާން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ގައްޒާގެ ރަފާ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލަމެވެ.

އައިސީޖޭއިން ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް މި ޕާޓީން ގޮވާލަމެވެ.

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުމެވެ. އާމީން.

24 މެއި 2024