ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް މިހާރުގެ ސަރުކާރުން ނިގުޅައިގަނެ، ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ފެށުމަށާއި، އެ ހަރަކާތުގެ ފުރަތަމަ އެއްވުން، މި ފެށޭ އޮކްޓޫބަރު މަހުގެ 3 ވަނަ ވާ ހުކުރު ދުވަހު ބޭއްވުމަށް މި ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފައިވާތީ، އެ ކަމަށް ތައްޔާރުވުގެ މަސައްކަތް ނުހަނު ފޯރީގައި މި ދަނީ ކުރަމުންނެވެ.
ދެންނެވުނު ފަދައިން، ސިލްސިލާ ހަރާކަތްތަކެއް ފެށުމަށް ނިންމީ، ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ، އެކަމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި އެންމެ ފަހުން، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.
ތަކެތީގެ އަގުތައް ބޮޑުވެ، ކަރަންޓުގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ދަތިވެއްޖެއެވެ. ވިޔަފާރިތައް ފުނޑި، އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތަކެއް އާއިލާއެއް ބިކަވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު އިގުތިސާދީ ސިޔާސަތުތަކަށް މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި ނާގާބިލު މީހުން މަގާމުތަކަށް އައްޔަނުކުރުމުގެ ސަބަބުންނާއި މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއެކު މާލީ އިދާރާތަކުގެ އިތުބާރު މުޅިން ގެއްލި، ރާއްޖޭގެ އިގުތިސާދު މިއިން ޒަމާނަކު ނުވާވަރަށް ދަށްވެއްޖެއެވެ.
މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ނާގާބިލުކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަންވެސް ހަމަނުޖެއްސޭ ހިސާބަށް ދިއުން އެކަށީގެންވެއެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.
އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލައިފިއެވެ. އެހެންނަމަވެސް، ޓެކްސް ނުދެއްކޭ މީހާ ޖަލަށްލާން ބިލު ފާސްކުރަން ތައްޔާރުވެއްޖެއެވެ.
ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް އެކީއެކަށް ހުއްޓައިލައިފިއެވެ. އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް އެތައް ދުވަހެއް ލަސްކޮށްފިއެވެ. އެ ސަރުކާރުން ހިއްކައި، ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ދަނީ ހިޔާނާތްތެރިވަމުންނެވެ.
އާސަންދައިގެ މުޅި ނިޒާމު މި ސަރުކާރުން ހަރާބުކޮށްލައި، އެންސްޕާ މެދުވެރިކޮށްވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާއްމު ބޭހާއި ފަރުވާ ނުލިބި، އަނެއްކާވެސް ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރު ކޮށްފިއެވެ.
ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްފިއެވެ. ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ކަސްތޮޅު އަޅުވައިފައިވާތީ، އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއިންސާފުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަން ނަގައިލައިފިއެވެ. ހުރިހައި މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހައްގު ހޯދުމަށް ރައްޔިތުން ޝަކުވާ ހުށަހަޅަން ދާނެ ތަނެއް، މައްސަލަ ޖެއްސޭނެ މަހުކަމާއެއް މި ރާއްޖެއަކު މިއަދަކު ނެތެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ދައުލަތުގެ މުއައްސަސާއެއް އަމުދުން ނެތެވެ.
އެހެންކަމުން، މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ އިހުތިޖާޖުކުރުމެވެ. ސަރުކާރުގެ ވިޔާނުދާ ޢަމަލުތައް ހުއްޓުވުމަށް އަޑު އުފުލުމަށް ޓަކައި ރައްޔިތުން ނިކުތުމެވެ.
ވީމާ، 3 އޮކްޓޫބަރުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް، ސިޔާސީ ޕާޓީތަކަށާއި، މަދަނީ އަދި ސިޔާސީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ދަރިވަރުންގެ ޖަމިއްޔާތަކާއި، އަދި ވިޔަފާރިވެރިންނަށް މި ޕާޓީން ދައުވަތު ދެމެވެ.
ފަހުގެ ނޫސް ބަޔާންތައް
7th September 2025
ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިނުވާން ނިންމުން
23rd August 2025